ޚަބަރު

ޒުވާން ލީޑަރުންގެ މިއަހަރުގެ ފުރަތަމަ ފޯރަމް ނިމިއްޖެ

މަރިޔަމް ޝަހުދާ

ޔޫތު ލީޑާސް ނެޓްވޯކުގެ ފަރާތުން ނ. އަތޮޅުގައި ބޭއްވި ޒުވާން ލީޑަރުންގެ މި އަހަރުގެ ފުރަތަމަ ފޯރަމް ނިމިއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ނ. ވެލިދޫގައި ފެށި މި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ. މި ފޯރަމްގައި އެއަތޮޅުގެ 12 ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި އިރު، މި ފޯރަމް ފުރިހަމަކޮށްފައިވަނީ 79 ޒުވާނުން ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ފޯރަމް ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއެވެ.

ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ފޯރަމްގައި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ހަތް ދާއިރާއަކުންނެވެ. އެ ހަތް ދާއިރާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ހޯމް މިނިސްޓްރީ އާއި، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އެވެ.

މި ހަތް ދާއިރާގެ އިތުރުން ޔޫތު ލީޑާސް ނެޓްވޯކްގެ ސެޝަނެއް ކުރިޔަށް ގެންދިޔަ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ފޯރަމްގެ ބައިވެރިންނަށް ފޯރަމުން ދަސްވި ކަންކަން ދެނެގަތުމަށް ބައިވެރިންގެ ރަށްތަކުގައި ހުރި މައްސަލަތަކާއި، އެކަން ކަމަށް އޮތް ހައްލު އަދި ކުރިމަގުގައި މަސައްކަތް ކުރާނެ ގޮތްތަކާއެކު ބައިވެރިން ޕްރެޒެންޓޭޝަނެއް ހުށަހެޅި ކަމަށް ވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މާހިރު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ފޯރަމަކީ ކާމިޔާބު ފޯރަމެއް ކަމަށެވެ. އަދި ފޯރަމް ނިމުނު އިރު، މި ފޯރަމްގެ ބައިވެރިން ހަގީގަތުގައިވެސް ލީޑަރުންނަށް ވިކަން ޔަގީން ކުރައްވާ ކަމަށް މާހިރު ވިދާޅުވިއެވެ. މާހިރު ވިދާޅުވީ މި ލީޑަރުންގެ ފުރިހަމަ އެހީތެރިކަން ގައުމަށް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.