މޯލްޑިވްސް ލިވިން އެކްސްޕޯ

ލިވިން އެކްސްޕޯ: ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައުލޫމާތެއް އެއް ފުރާޅެއްގެ ދަށުން!

އަލީ ޔާމިން

ބޯހިޔާވަހިކަމުގެ މައްސަލައަކީ ވެރިރަށް މާލެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލައެވެ. ދުވަހަކަށް ވުރެ ދުވަހެއް މާލެ ތޮއްޖެހެމުން ފުރި ބާރުވަމުންދާކަމީ އެންމެން ދަންނަ ހަގީގަތެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެކިއެކި ސަރުކާރުތަކުން ވަނީ ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކޮށްފައެވެ. އެކަމުގެ ނަތީޖާ ހުޅުމާލެއިން ކޮންމެވެސް ވަރަކަށް ފެނިގެން އެބަދެއެވެ. ސަރުކާރުގެ އިތުރުން ބޯހިޔާވަހިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ، ހަމަ ޔަގީނުންވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މުހިންމު ބާރަކަށްވާނެ ބައެކެވެ. އެއީ ދާއިރާގެ ފަންނުވެރިންނަކީ އެއީ ކަމަށްވާތީއެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް އެ ފުރުސަތު ފަހިކޮށްދީފައި މިވަނީ މީގެ ދެދުވަސް ކުރިން ދަރުބާރުގޭގައި 40 ކުންފުންޏާއެކު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯ 2020ގެ ތެރެއިންނެވެ.

ލިވިން އެކްސްޕޯގައި ބައިވެރިވެފައިވަނީ ހަމައެކަނި ރާއްޖޭގެ ކުންފުނިތަކެއް ނޫނެވެ. ސްރީލަންކާއާއި އިންޑިއާގެ އިތުރުން މެލޭޝިއާގެ ބޮޑެތި ކުންފުނިތަކުންވެސް ވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ. އެ ކުންފުނިތަކުން ގަބޫލު ކުރާ ގޮތުގައި އެކްސްޕޯގެ ތެރެއިން އެކުންފުނިތަކަށް އާ ކަސްޓަމަރުން ލިބި، އެ ކުންފުނިތަކުގެ މަގުބޫލުކަން އިތުރުވެގެން ގޮސްފައިވެއެވެ.

ލިވިން އެކްސްޕޯއާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން ލިވިން އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާރިޔާ މާއިޝާ ވިދާޅުވީ، ލިވިން އެކްސްޕޯގެ މައިގަނޑު އަމާޒަކީ ގެދޮރާއި ބޯހިޔާވަހިކަމާ ބެހޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މައިގަނޑު އަމާޒަކީ ގެދޮރާއި ބޯހިޔާވަހިކަމަށް ޓާގެޓްކޮށްގެން އެއް ޕްލެޓްފޯމެއްގެ ދަށުން ދިވެހި ރައްޔިތުންނަށް ގެދޮރާ ބެހޭ މައުލޫމާތު، އަދި ގެދޮރަށް ބޭނުންވާ އެހެނިހެން ސާމާނުގެ މައުލޫމާތު، ބޭންކިން އިންސުއަރެންސް މައުލޫމާތު އެއް ޕްލެޓްފޯމެއްގެ ދަށުން ލިބިގެން ދިޔުން،" މާއިޝާ ވިދާޅުވިއެެވެ.

ލިވިން އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި ހިމެނެނީ ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން އަދި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ ކުންފުންޏާއި ސްރީލަންކާގެ ބައެއް ކުންފުނިތައް ކަމަށްވާ އަލްޓެއާ، ޖޯން ކީލްސް ހޯލްޑިންގްސް އާއި މެލޭޝިއާގެ ނަން މަޝްހޫރު އަކުއާ ވިޓާ ރެސިޑެންސް އާއި އެޕޯލޯ ހޯލްޑިން އެވެ.

ދިވެހި ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި ދިވެހި އިންޝުއަރެންސްވެސް މި އެކްސްޕޯގައި ބައިވެރިވެއެވެ.

މީގެ އިތުރުން އެކްސްޕޯގެ ތެރެއިން ދާއިރާގެ އެކި ފަންނުވެރިންގެ ޓޯކް ޝޯ ތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެއެވެ. އެ ޝޯތަކަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި ކިޔަވާ ދަރިވަރުންނަށްވެސް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ޓޯކް ޝޯތަކެކެވެ.

ލިވިން އެކްސްޕޯގެ އެންމެ ހާއްސަ އެއްކަމަކީ، ދިވެހިވަންތަ އަމިއްލަ އުފެއްދުންތައް ލިބެން ހުންނަ ސްޓޯލްތައްވެސް ހުރީމައެވެ. އެގޮތުން ދަރުބާރުގޭގެ ބިއްލޫރި މާލަން ފުރިފައިވަނީ ދިވެހިވަންތަ ކާނާތަކާއި ބުއިންތަކުގެ އިތުރުން ބައެއް ކަހަލަ ދިވެހިވަންތަ އަމިއްލަ އުފެއްދުންތަކުންނެވެ. އޭގެ ތެރޭގައި ބޯވަޅުލީ ލިބާހާއި، ދިވެހިންގެ އަތްތެރި މަސައްކަތްތައް ދައްކުވައިދޭ އެތަކެއް ސާމާނެއް ހިމެނެއެވެ. އަދި އެންމެ ކުރީއްސުރެ ދިވެހިންގެ ތެރޭގައި މަގުބޫލުކަމެއް ހޯދައިފައިވާ "މުޑިކާށި ފަނި" އަދި "ކަށިކެޔޮ ފަނި" ފަދަ ބުއިންތައް ހެޔޮ އަގުގައި އެ ސްޓޯލްތަކުން ލިބެން ހުރެއެވެ.

ލިވިން އެކްސްޕޯގައި ހިމެނޭ ކެއުމާއި ބުއިމުގެ ސްޓޯލްތައް ހިންގާ އަންހެނުންގެ ޖަމިއްޔާތަކުން "ވަން"އަށް މައުލޫމާތުދެމުން ބުނީ ލިވިން އެކްސްޕޯގެ ސަބަބުން އެމީހުންގެ އުފެއްދުންތައް އާންމުންނަށް ދައްކާލައި ބޮޑު މަގުބޫލުކަމެއް ލިބިގެންދާ ކަމަށެވެ.

ރާއްޖޭގެ ޕީއާރު އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ހައިރައިޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ލިވިން އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ހިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

މިއަހަރުގެ ލިވިން އެކްސްޕޯގެ މީޑިއާ ޕާޓުނަރަކީ ވަން އޮންލައިންއެވެ. ލިވިން އެކްސްޕޯ ކުރިއަށްދާނީ މިރޭ 11:00 ގެ ނިޔަލަށެވެ.