ޚަބަރު

ލިވިން އެކްސްޕޯ: ރިއަލް އެސްޓޭޓްސް އަދި ފޮރިން އިންވެސްޓާސް ފުރުސަތުތަކާ ގުޅޭ ޕެނަލް ޑިސްކަޝަނެއް މިރޭ

އަލީ ޔާމިން

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2020"ގައި މިރޭ އިންވެސްޓް އިން ރިއަލް އެސްޓޭޓް އެންޑް ފޮރިން އިންވެސްޓާސް ފުރުސަތުތަކާ ގުޅޭ މުހިންމު ޕެނަލް ޑިސްކަޝަނެއް މިރޭ އޮންނާނެއެވެ.

މިރޭ 8:30 އިން 9:30ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕެނަލް ޑިސްކަޝަނުގައި ހަ ބޭފުޅުން ވާހަކަދައްކަވާނެއެވެ. އެބޭފުޅުންނަކީ، އިންޑޯސިއަންގެ ޑިރެކްޓަރު މިސްޓަ ޕްރަޑީޕް މޯރައިސް، އެކުއާ ވިޓާ ރެސިޑެންސްގެ މެނޭޖިން ޑިރެކްޓަރު މިސްޓަ ޕްރަސަން ލިއަންގޭ، ޖޯން ހީލްސް ސްރީލަންކާގެ އެސިސްޓެންސް ވައިސް ޕްރެޒިޑެންޓް މިސްޓަ ނަޑީމް ސުމްސް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަދި މެރީނާ ސްކުއެއާ ސްރީލަންކާގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަން މެނޭޖަރު މިސްޓަ ސަސިކާ ޕްރަޑީޕެވެ. އެ ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކުރައްވާނީ އިބްރާހިމް ނަސްރީނެވެ.

މި ޕެނަލް ޑިސްކަޝަން އޮންނާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯ ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

ގެދޮރުވެރިކަމުގެ ދާއިރާއާ ގުޅޭ އެކި ކަހަލަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ހުޅުވާލައެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓް އާއި މި ދާއިރާއާ ގުޅޭ އެކި ކަހަލަ ސާމާނު އުފައްދައި ސަޕްލައި ކުރާ ފަރާތްތަކާއި ގެދޮރަށް ބޭނުންވާ އާ އުފެއްދުން ތައާރަފުކުރާ ފަރާތްތައް ވެސް ހިމެނެއެވެ.