އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 38 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.
މި ހަފުލާ އޮތީ ރޭ، އެ ސްކޫލުގެ ހޯލުގަ އެވެ.
މި ހަފުލާގައި އަހުމަދިއްޔާގައި މަސައްކަތް ކުރައްވާ 200 އަށްވުރެ ގިނަ ބޭފުޅުންގެ ތެރެއިން މެދުނުކެނޑި 10 އަހަރު މަސައްކަތް ކުރެއްވި 47 ބޭފުޅަކަށް އެބޭފުޅުން ކޮށްދެއްވި ހިދުމަދުގެ އަގު ވަޒަންކޮށް ހަނދާނީފިލާ ދެއްވިއެވެ. ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އެ ސްކޫލަށް މެދުނުކެނޑި 30 އަހަރާއި 34 އަހަރު މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އަހުމަދިއްޔާ ސްކޫލުން މައުލޫމާތު ދެއްވަ އެވެ.
ރޭގެ ހަފުލާގައި، ސްކޫލަށް ދިގު މުއްދަތެއް ވާންދެން ހިދުމަތް ކޮށްދެއްވި ހިދުމަތްތެރީންނަށް އަގުވަޒަން ކުރުމުގެ ހަނދާނީ ފިލާ ދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ.
މިރަސްމިއްޔާތުގައި ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، އަހުމަދިއްޔާ ސްކޫލު ހޯދަމުން އަންނަ މޮޅު ނަތީޖާ ތަކުރާރުވުމުގެ ސިއްރަކީ އެ ސްކޫލުގެ ޓީޗަރުންނާއި އިދާރީ މުވައްޒަފުން ސްކޫލްގެ ކުރިއެރުމަށް އަދި މޮޅު ނަތީޖާތަކެއް ހޯއްދަވައިދެއްވުމަށް ކުރައްވާ ބުރަ މަސައްކަތް ކަމަށެވެ. ހަމަ އެއާއެކު މުވަޒަފުންނާއި ޓީޗަރުންގެ ތެރޭގައި އޮންނަ ބަދަހި ގުޅުން ކަމުގައެވެ.
އެހެންކަމުން އަހުމަދިއްޔާއަށް މިހާރަށްވުރެ މޮޅު ނަތީޖާއާއި ކުރިއެރުން ހޯއްދަވައިދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށާއި ހުރިހާ ގުނަވަނެއްގެ ތެރޭގައި އޮންނަ ބަދަހި ގުޅުން ބައިބައި ނުވާނޭ ގޮތަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވުމަށް ޕްރިންސިޕަލް ރަޝީދު އެދިވަޑައިގެންނެވި އެވެ.
ރޭގެ ރަސްމިއްޔާތުގައި އަހުމަދިއްޔާ ސްކޫލްގެ ނާސަރީ، ޕްރީސްކޫލް، ޕްރައިމަރީ އަދި ސެކަންޑަރީ އާއި އިދާރީ މުވައްޒަފުންގެ ހުށަހެޅުންތަކެއް ފެނިގެން ދިޔައެވެ.