ޚަބަރު

ލިވިން އެކްސްޕޯ: ޓެކްނޮލޮޖީ އާއި އިންޝުއަރެންސްގެ މުހިންމު ދެ ޓޯކް ޝޯއެއް މިއަދު ހަވީރު

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2020"ގައި މިއަދު ހަވީރު ޓެކްނޮލޮޖީ އާއި އިންޝުއަރެންސްއާ ގުޅޭ މުހިންމު ދެ ޓޯކް ޝޯއެއް އޮންނާނެއެވެ.

އެގޮތުން ފުރަތަމަ ޓޯކް ޝޯ އޮންނާނީ މިއަދު ހަވީރު 5:00 ގައެވެ. އިންޝުއަރެންސްގެ މުހިންމުކަމާ ގުޅޭގޮތުން ޝޯގައި ވާހަކަ ދައްކާނީ އެލައިންޑް އިންޝުއަރެންސް ކޮމްޕެނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފެވެ.

ދެވަނަ ޓޯކް ޝޯ އޮންނާނީ ގެއަށް ބޭނުންވާ ޓެކްނޮލޮޖީތަކާ ގުޅޭގޮތުންނެވެ. ހަވީރު 5:30 ގައި ފަށާ އެ ޓޯކް ޝޯގައި ވާހަކަ ދައްކާނީ ލިންކު ސާވް ޕްރައިވެޓް ލިމިޓެޑްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިރެކްޓަރު ހުސެއިން ޝާހިދެވެ.

މި ދެ ޓޯކް ޝޯ ވެސް އޮންނާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯ ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

ގެދޮރުވެރިކަމުގެ ދާއިރާއާ ގުޅޭ އެކި ކަހަލަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ހުޅުވާލައެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓް އާއި މި ދާއިރާއާ ގުޅޭ އެކި ކަހަލަ ސާމާނު އުފައްދައި ސަޕްލައި ކުރާ ފަރާތްތަކާއި ގެދޮރަށް ބޭނުންވާ އާ އުފެއްދުން ތައާރަފުކުރާ ފަރާތްތައް ވެސް ހިމެނެއެވެ.