އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 38

އަބްދުﷲ ފާރޫގް ހަސަން

2

(24 ފެބުރުއަރީގެ އަދަދާ ގުޅޭ)

ماه بانو ގެ އަރިހަކު حسّان ގެ ވާހަކަފުޅުގެ އެއްވެސް ޖަވާބެއް ނެތެވެ. ماه بانو حسّان ގެ ދޫފުޅުން އައްސަވާން ބޭނުންފުޅުވީ ވަކިވުމުގެ ދުވަސްތަކުގެ ހަފްތާތަކާއި މައްސަރުތަކުގެ ވާހަކައެވެ. އެދުވަސްތަކުގެ ކޮންމެ ސިކުންތެއް ماه بانو އަށް އިޙްސާސް ކުރެއްވިފައިވަނީ އަހަރަކަށްވުރެވެސް ދިގުކަމުގައެވެ. ماه بانو ބޭނުންފުޅުވަނީ އޭނާގެ ކަރުނަފޮދުގެ ބަދަލުގައި حسّان ގެ ލޯފުޅުންވެސް ކަރުނަފޮދު އޮހޮރޭތަން ފެނިވަޑައިގަތުމެވެ. އޭނާގެ ހިނިފުޅުވެޑުވުމުގެ ބަދަލުގައި حسّان ވެސް ހިނިފުޅުވަޑުވާތަން ދެކެވަޑައިގަތުމެވެ. ماه بانو އަށް ލޯތްބާއި، ޔަޤީންކަމާއި އިތުބާރުގެ ދުވަހަކު ފަނާވުމެއްނެތް އުފާތަކެއް ހޯއްދަވައިދެއްވި ސީދާސާދާ އިންސާނާ މިހާރު ماه بانو ގެ ކުރިފުޅުމަތީގައި ވެފައިވަނީ އަރަތެއްކަމުގައެވެ. އޭނާ އަލިކަމެއްނެތް ލޯފުޅަކުން حسّان އާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ.

حسّان ފާރުކައިރިޔަށް ޖެހިވަޑައިގެން ޖަންގައްޔާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު އެނބުރި ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކާއޫސް އަޅުގަނޑަށް އަހެއް ގެނެސްފިއެވެ. މިތާނގައި މާގިނައިރު ހުރެވެން ނެތްކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަމެވެ. ކަލާގެ ބައްޕާފުޅާ ވާހަކަދައްކައިލާނެ ވަގުތުކޮޅެއް ނުލިބުނީތީ އަދި މާބޮޑަށް ދެރަވެމެވެ. ނަމަވެސް އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. އަޅުގަނޑަށް ޔަޤީނެވެ. ކަލާގެ ބައްޕާފުޅު އަޅުގަނޑަކީ އޭނާގެ ދުޝްމިނެއްކަމުގައެއް ނުބައްލަވާނެއެވެ. އެހައިތަނަށްދާއިރު މުސްލިމުންނާމެދު ކަލާގެ ޚިޔާލުފުޅުވެސް އަޅުގަނޑާ ތަފާތު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑަށް އެނބުރި ނާދެވިއްޖެނަމަ، ކޮންމެވެސް ހަނގުރާމައިގެ މައިދާނެއްގައި ފިޔަވަޅު އެޅުމާއެކު އަޅުގަނޑުގެ ޙަޔާތުގެ ދަތުރުނިމި، މިއަނިޔާވެރިކަމާއި، އަނދިރިކަމުގެ ބިމުގައި އެބައެއް ލެއިން ބައްތި ދިއްލި ޝަހީދުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނިއްޖެނަމަ ނޭވާހޮޅިޔަށް އެޅިފައި އޮންނައިރުވެސް މިގޭގެ ޗާޓު އަޅުގަނޑުގެ ލޯމަތީގައި ވާނެއެވެ. ދިޖުލަތުކޯރާއި ފުރާތުކޯރުގެ ވާދީގައި އަނިޔާއާއި ގޮށްމުށުބާރުގެ ދިދަތައް އެކޮޅުކޮޅުން ޖެހޭހިނދު، މާތް اللّـه ގެ ބިމުގައި އެކަލާނގެ ޤާނޫނު ހިނގާންފަށާހިނދު އެއްއިންސާނެއްގެ މައްޗަށް އަނެއް އިންސާނަކު އަތްގަދަކުރުން ނެތިގެންދާހިނދު، ކަޅުމީހުންނާއި، ދޮންމީހުންނާއި، ފަޤީރުންނާއި މުއްސަނދީންގެ ތަފާތު ނެތިގެންދާހިނދު، ޢަރަބީންނާއި ޢަޖަމީންގެ ފަރަގު އުވިގޮސް، ޖިފުޓިތަކާއި ގަނޑުވަރުތަކުގެ އަހުލުވެރީން އިންސާފުގެ އެއްތިލަފަތަކުން ކިރޭންފަށާހިނދު، މިގޭގެ އަހުލުވެރީން އަޅުގަނޑަކީ އެބޭފުޅުންގެ ދުޝްމިނެއްކަމުގައި ނުބައްލަވާނެކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށްވަނީ ލިބިފައެވެ."

ماه بانو ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "މީގެދުވަސްކޮޅެއް ކުރީއްސުރެ ފެށިގެން މުސްލިމުންގެ ކުޑަކުޑަ ލަޝްކަރެއް ޢިރާޤުގެ ސަރަޙައްދަށް ޙަމަލަދެމުންގެންދާ ޚަބަރު އަޅުގަނޑުވަނީ އަޑުއަހައިފައެވެ. ދާދިފަހުން އެހެން ލަޝްކަރެއްވެސް އެލަޝްކަރާ ގުޅުނު ޚަބަރުވަނީ ލިބިފައެވެ. އެލަޝްކަރު ޙަރަކާތްތެރިވާން ފެށުމުން ނިކުންނާނީ ކޮން ނަތީޖާއެއްކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އަދި ޖިހާންދާދު ދުނިޔޭގައި ހުންނެވިނަމަ މުސްލިމުންނާމެދު އޭނާގެ ޝުޢޫރުތައް ހުންނާނެގޮތެއްވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. އަޅުގަނޑަށް އެނގޭހައިވެސްކަމަކީ މުސްލިމުން ޢަރަބިކަރައިގެ ފަރުބަދަތައް ނަގައި ކަނޑަށް އުކައިލައިފިކަމަށާއި، މިހާރު އެތާނގެ ސަހަރާގެ ވެލިފުނިތައް ރަށަށް ބަދަލުވެއްޖެކަމަށް ކަލާ ވިދާޅުވިކަމުގައިވިޔަސް އަޅުގަނޑަށް ކަލާގެ ބަސްފުޅު ޤަބޫލުކުރެވޭނެކަމެވެ.

މުސްލިމުންގެ ކާމިޔާބީއާމެދު ކަލާއަށް ތިޔަހައިވަރުގަދަ ޔަޤީންކަމެއް އޮތްކަމުގައިވާނަމަ ކިސްރާގެ ވަރުގަދަ ލަޝްކަރުތައް މައިދާނަށް ނުކުތުމުން މުސްލިމުން އެލަޝްކަރުތަކާ ކުރިމަތިލުމުގެ ބާރު ހޯދާނެގޮތަކާމެދުވެސް އަޅުގަނޑު ކަލާއަކާ ސުވާލެއް ނުކުރާނަމެވެ. ޚާއްޞަކޮށް ރޫމީންވެސް މުސްލިމުންނާމެދު ބަލަނީ އެބައިމީހުންގެ ދުޝްމިނުން ކަމުގައެވެ. ޝާމްކަރައިގައިތިބި ރޫމީ ސިފައިން ކޮންމެފަދަ ވަގުތެއްގައިވެސް މުސްލިމުންނާ ހުޖޫމުކޮށްފާނެއެވެ. ނަމަވެސް އަޅުގަނޑު ދަންނަވާނަމެވެ. އަޅުގަނޑަކީ ޒަރުބަޚުތުގެ ކޮއްކޮއެވެ. ޒަރުބަޚުތަކީ ކިސްރާގެ ސިފައިންގެ މީހެކެވެ. އަޅުގަނޑަކީ قبــاد ގެ ދަރިޔެކެވެ. އަޅުގަނޑުގެ ބައްޕަ ހުރުމުޒަށް ނަފްރަތުކުރެއްވި ކަމުގައިވިޔަސް ބައްޕަގެ ޝަހެންޝާހު ބަލިފުޅުވާކަށެއް ރުހިވަޑައެއް ނުގަންނަވާނެއެވެ. حسّان އެވެ! ކަލާ މުސްލިމުންގެ ލަޝްކަރުގައި ހިމެނިވަޑައިގެންނެވި ކަމުގައިވިޔަސް ޒަރުބަޚުތުގެ ކޮއްކޮއަށް އަދި قبــاد ގެ ދަރިފުޅަށް ކަލާގެ ކާމިޔާބީއަށް އެދި ދުޢާއެއް ނުކުރެވޭނެއެވެ. ނަމަވެސް މިގޭގެ އަހުލުވެރީން އަބަދުވެސް ކަލާއަށް އިންތިޒާރު ކުރާނެއެވެ. އަޅުގަނޑުގެ ޙަޔާތުގެ އެންމެ ނޭވާއެއްވެސް ކަލާގެ ސަލާމަތަށްއެދި ކުރާ ދުޢާއިން ހުސްވެގެނެއް ނުވާނެއެވެ.

ކަލާ ބަޙުރައިނަށް ވަޑައިގަތުމުންވެސް ކަލާ އެނބުރިވަޑައިގަތުމަކީ ނުރައްކަލުން ހުސްވެގެންވާ ކަމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަޅުގަނޑު ހެނދުނާއި ހަވީރު ކަލާ ވަޑައިގަންނަވާތޯ މަގުބަލަމެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. މަގުމަތީން ކަލާއާ ހުރުމުޒުގެ މީހުނާ ދެމެދު ކުރިމަތިލުމެއް ހިނގީކަން ނޭނގެއެވެ. އެބައިމީހުން ކަލާ ޤަތުލުކުރީކަމަށްވެސް ވެދާނެއެވެ. ބައެއްފަހަރަށް އަޅުގަނޑަށް މިބާވަތުގެ ހުވަފެންތައްވެސް ފެނެއެވެ. ހުރުމުޒުގެ މީހުން ކަލާގެ ފަހަތްޕުޅުން އަންނާތީއެވެ. ކަލާ ވަރަށްބޮޑަށް ޒަޚަމްވެވަޑައިގެންފައިވާ ހާލުކޮޅުގައި މިގެއަށް ވަޑައިގަންނަވާތީއެވެ. އެބައިމީހުން ކަލާ ހައްޔަރުކުރާން އުޅޭތީއެވެ. އެބައިމީހުން ކަލާ ޤަތުލުކުރާން އުޅޭތީއެވެ. އަޅުގަނޑު ކަލާގެ އައްޑަނަޔަކަށްވާތީއެވެ. ކޮންމެ ހުވަފެނެއްވެސް ނިމެނީ އަޅުގަނޑުގެ ބިރުވެރި ހަޅޭކަކާ އެކުގައެވެ.

މިހާރު އަނެއްކާ ކަލާ ތިޔަވަޑައިގަންނަވަނީއެވެ. އަޅުގަނޑަކަށް ކަލާ ވަޑައިގެންނެވިޔަ ނުދީއެއް ނުހިފެހެއްޓޭނެއެވެ. ނަމަވެސް އަޅުގަނޑު މަރުވާންދެންވެސް ކަލާ ވަޑައިގަންނަވާތޯ މަގުބަލާނަމެވެ. އަޅުގަނޑު ކަލާގެ އަރިހުން އެންމެކަމެއް އޮޅުންފިލުވާން ބޭނުމެވެ. އެއީ އިސްލާމްވުމަކީ އެހެންހުރިހައި ގާތްކަމަކާއި ގުޅުމެއް ކެނޑިގެންދާ ކަމެއްތޯއެވެ؟ ކަލާ ވަޑައިގެންނެވި ޚަބަރު ލިބުމުން އަޅުގަނޑު އެންމެ ފިކުރުބޮޑުވީ އަޅުގަނޑުމެންނަށް سُهيل މަދާއިނަށް ފޮނުވައިލެވުނީތީއެވެ. އަޅުގަނޑު ހީކޮށްގެންހުރީ ކަލާގެ ގުނައި ޢަދަދުނުކުރެވޭހައި ގިނަ ސުވާލުތަކަށް އަޅުގަނޑަށް ޖަވާބު އަރުވާން ޖެހޭނެކަމަށެވެ. ނަމަވެސް އަޅުގަނޑަށް މިހާރު ހީވަނީ سُهيل މިތާނގައި ހުންނެވުމެކޭ ނުހުންނެވުމެކޭ ކަލާގެ ކުރިފުޅުމަތީގައި ވަކިތަފާތެއް ނެތްހެންނެވެ."

حسّان ޖަވާބު ދެއްވިއެވެ. "އިސްލާމްދީނުގެ ބާރުން އަޅުގަނޑަށް ބާރު ނުލިބުނުނަމަ سُهيل އާ ވަކިވުމަކީ އަޅުގަނޑަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވީސްކަން ކަށަވަރެވެ. އަދި މިހައިގިނަ ދުވަސްފަހުން އަޅުގަނޑަށް އާދެވުނުއިރު އޭނާ މަދާއިނަށް ހިނގައްޖެ ޚަބަރު ލިބުމުން ދުނިޔޭގެ އެއްވެސް ބާރަކަށް އަޅުގަނޑު އޭނާގެ ފަހަތުން ދިޔަނުދީއެއް ނުހުއްޓުވުނީހެވެ. އަދި ހުރުމުޒުގެ ސިފައިން އޭނާ ހައްޔަރުކޮށްގެން ގެންގޮސްފިޔޭ ކަލާ ވިދާޅުވިނަމަ އަޅުގަނޑަށް އެތަނަށްވެސް ނުގޮސް ހުރެވޭނެކަމެއް ނޭނގެއެވެ. ނަމަވެސް އަޅުގަނޑު ބަޙުރައިނަށް ދިޔުމަށްފަހު އަޅުގަނޑަށް އެ ޤާފިލާއެއްގައި ދަތުރުކުރެވުނު ޤާފިލާގެ ދަތުރުވެރީން އެންމެ އިސްކަންދޭ ގާތްކަމުގެ ގުޅުމަކީ ދީނުގެ ތިމާގެކަމުގެ ގުޅުމެވެ. އަޅުގަނޑަށްވަނީ މާތް اللّـه ގެ މަގުގައި ހުރިހައި އުފާތަކެއް ޤުރުބާންކޮށް ދަރީންނާއި، އަނބީންނާއި، މައިންބަފައިންގެ ލޯބި ހަނދާން ނައްތައިލައިފައިވާ ބައްޕައިންނާއި، ފިރީންނާއި، ފިރިހެންދަރީން އަޅުގަނޑަށްވަނީ ފެނިފައެވެ. އެބައިމީހުންގެ އެކުވެރިކަމުގައި އުޅުމުގެ ސަބަބުން އަޅުގަނޑުގެ ލޯބީގެ ދާއިރާ މިހާރުވަނީ މާބޮޑަށް ފުޅާވެ ތަނަވަސްވެވިފައެވެ. ހަމައެކަނި سُهيل އެއް ނޫނެވެ. ދުނިޔޭގައިވާ އަނިޔާ ލިބިފައިވާ ކޮންމެ ކުޑަކުއްޖަކީ މިހާރު އަޅުގަނޑުގެ ކޮއްކޮއެކެވެ. سُهيل އާ ވަކިވުމާއެކުވެސް މިހާރު އަޅުގަނޑަށް ލިބިފައިވާ ހިތްހަމަޖެހުމަކީ މިހާރު އަޅުގަނޑުވަނީ ތިމާމެންގެ ދަރީންނާއި އަޚުންނަށްޓަކައި އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މުޅި އިންސާނިއްޔަތަށްޓަކައި އަމާންކަމާއި، މިނިވަންކަމުގެ ހިޔާލިބޭ ކަދުރު ދަނޑުތައް ހައްދާން ތިމާމެންގެ ލެއިން ފެންދޭ މީހުންގެ ތެރޭގައި ހިމެނިފައިކަމެވެ. މިގޮތުން ބަލާއިރު سُهيل ގެ ނަސީބު ހަމަޔަޤީނުންވެސް އެހެންކުދީންނަށްވުރެ ހާސްބައި ރަނގަޅެވެ. އެހެނީ އޭނާއަށްވަނީ ކަލާފަދަ މުޙުސިނާއަކު ލިބިފައެވެ. އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު ދިރިހުރިކަމުގައިވާނަމަ މާތް اللّـه ގެ އިރާދަފުޅާއެކު މަދާއިނަށް ދެވުން މާކަލަހެއް ނުވާނެއެވެ."

ماه بانو ސުވާލުކުރެއްވިއެވެ. "ކަލާ މަދާއިނަށް ވަޑައިގަތުމަށްޓަކައި ގިރާކުރައްވާންޖެހޭ ކަށްތަކުގެ ތެރޭގައި ޒަރުބަޚުތުގެ ޤަތުލުވެފައިވާ ހަށިކޮޅު ނުހިމެނޭނެކަން ކަލާއަށް ޔަޤީންތޯއެވެ؟"

حسّان ޖަވާބުދެއްވީއެވެ. "ގަދަކީރިތިވަންތަ މާތް اللّـه ގެ ޙަޟްރަތަށް އަޅުގަނޑު ކުރާ ދުޢާ އިޖާބަކުރެއްވޭނަމަ ކޮންމެވެސް ދުވަހަކުން ޒަރުބަޚުތާއި سُهيل ގެ ޙަޔާތުގެ މަގު އަޅުގަނޑަކާ ތަފާތެއް ނުވާނެއެވެ."

ماه بانو ކޮންމެވެސްވަރަކަށް އުންމީދެއް ލިބިވަޑައިގަތުމާއެކު حسّان އާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "حسّان އެވެ! ކަލާލައްވައި ވަޢުދެއް ކުރުވާން އަޅުގަނޑު ބޭނުމެވެ. އެއީ ފަހަރެއްގައި މުސްލިމުންގެ ފަތަޙައާމެދު ކަލާ ތިޔަކުރައްވާ އުންމީދުތަކަކީ ޙަޤީޤަތާ ޚިލާފު އެއްޗަކަށްވެ މުސްލިމުން ބަލިވެއްޖެ ހިނދެއްގައި ނުވަތަ ކަލާ ޒަޚަމްވެވަޑައިގަތުމުގެ ސަބަބުން ކަލާއަށް ކޮންމެވެސް ހިޔާވައްސެއް ބޭނުންފުޅުވެއްޖެ ހިނދެއްގައި ކަލާ އަޅުގަނޑުގެ ގޭގެ މަގު ހަނދާން ނައްތަވައެއް ނުލައްވާނު ދޮގެއްތޯއެވެ؟"

"ނޫނެކެވެ." حسّان ޖަވާބު ދެއްވިއެވެ. "މުސްލިމުން ބަލިވުމަކީ އަޅުގަނޑުގެ ގާތުގައި އަޅުގަނޑުގެ ޙަޔާތަށްވުރެވެސް މާލޮބުވެތި މަޤްޞަދުތަކެއްގައި ނާކާމިޔާބުވުމެވެ. އެހެންކަމުން މިކަމުގައި ނަޞްރާއި ފަތަޙަ ލިބުން ނުވަތަ ޝަހީދުވުން ފިޔަވައި ތިންވަނަ ގޮތެއް އަޅުގަނޑުގެ ކުރިމައްޗަކު ނެތެވެ. އަޅުގަނޑު ޒަޚަމްވުމަށްފަހު މައިދާނަށް ފުރަގަސްދީފައި ކަލާގެ އަރިހަކަށް ނާންނާނަމެވެ. އަދި ކީއްތޯއެވެ؟ އަޅުގަނޑު މިސްރާބުޖަހާނީ ދުޝްމިނުންގެ ސަފުތަކާ ދިމާޔަށެވެ. އަޅުގަނޑުގެ ދެފަޔަށް ހަށިގަނޑުގެ ބަރު އުފުލޭހައި ހިނދަކު ނުވަތަ އަޅުގަނޑުގެ ނާރުތަކުގައިވާ އެންމެފަހު ލޭތިއްކަށް ދާންދެން އޮހޮރިގެން ނުދާހައި ހިނދަކު، އަޅުގަނޑުގެ ހިތުގެ ވިންދު ނުހުއްޓޭހައި ހިނދަކު އަޅުގަނޑު ދާނީ ކުރިޔަށެވެ. އަޅުގަނޑު މަރުވެގެން ނުވަތަ ޒަޚަމްވެގެން ވެއްޓޭއިރު އަޅުގަނޑަށް އަޅުގަނޑުގެ ވާޖިބު އަދާކުރެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބިފައިވާނެއެވެ. އަޅުގަނޑާއެކު ކުރިއަރަމުންދާ މުޖާހިދުން ތިބޭނީ އެބައިމީހުންނަކީ މާތް اللّـه ގެ ނަޞްރުގެ ޙައްޤުވެރީންކަން ސާބިތުކޮށްދީފައެވެ.

އަޅުގަނޑު ދުނިޔޭގައި ހުރެއްޖެނަމަ މިގެއަށް އަންނާނަމެވެ. އެކަމަކު އެއީ މިގޭގެ އަހުލުވެރީންނަށް އަޅުގަނޑުގެ ޒަޚަމް ދައްކާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމްދީނަށް ލިބުނު ފަތަޙައާއި ނަޞްރުގެ ވާހަކަ ދަންނަވައިދިނުމަށެވެ. ماه بانو އެވެ! އަޅުގަނޑަށް މުސްލިމުންގެ ކީރިތި މޫރިތިކަމާއި ހައިބަތު ފެނިފައި ނުވާނަމަ އެބައިމީހުންނަށް އީރާނާ ހަނގުރާމަ ކުރެވިދާނެކަމަކަށް އަޅުގަނޑުވެސް ޤަބޫލެއް ނުކުރީމުހެވެ. ނަމަވެސް މިހާރު އެބައިމީހުންގެ ކާމިޔާބީއާމެދު އަޅުގަނޑަށް އިވޭ ކޮންމެ ވާހަކައެއްވެސް ޤަބޫލުކުރާނަމެވެ. މުސްލިމުންގެ އާ ލަޝްކަރެއް ޢިރާޤުގެ ސަރަޙައްދަށް އައިވާހަކަ ކަލާ އައްސަވައިފައިވާނަމަ ކަލާގެ މަޢުލޫމާތު އަދި ކުޑަތަންކޮޅެއް އަޅުގަނޑަށް އިތުރުކޮށްދެވިދާނެއެވެ. އެއީ އަންނަ މަހުގެ ހަނދު ފެނުމުގެ ކުރީން ކަލާއަށް އެލަޝްކަރުގެ ފުތޫޙާތާމެދު ޤަބޫލުކުރައްވާން ދަތި ޚަބަރުތަކެއް ލިބިވަޑައިގަންނަވާނެ ވާހަކައެވެ. އޭރުން ކަލާ ހިތާމަކުރައްވާން ޖެހިވަޑައިގަންނަވާނީ މާތް اللّـه ގެ ހެޔޮލަފާ އަޅުންނަކީ ކަލާގެ ދުޝްމިނުން ކަމުގައި ކަލާއަށް ޚިޔާލު ކުރެއްވުނީތީއެވެ. އެބައިމީހުންނަކީ އިންސާނިއްޔަތަށް މަތިވެރި އާ މަޤާމުތަކެއް ހޯދައިދޭނެ ބަޔެކެވެ."

އެހައިތަނަށް ވާހަކަފުޅު ދެއްކެވުމަށްފަހު حسّان ކަނދުރާފުޅު ތިރިކޮށްލެއްވިއެވެ. ފަޒާގެ ތެރެއަށް ހަމަހިމޭންކަން ވެރިވެގަތެވެ. އިރުކޮޅެއްގެފަހުން އޭނާ ވިދާޅުވިއެވެ. "ދެން އަޅުގަނޑަށް އަމުރުފުޅު ދެއްވާށެވެ!"

"ކަލާ ވަޑައިގަންނަވަނީތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑަށް ވަރަށް ލަސްވެއެވެ."

ماه بانو އޭނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިފުޅުވެޑުވުމެއް ވެރިކުރެއްވުމަށްފަހު ވިދާޅުވިއެވެ. "އެނބުރި ވަޑައިގަތުމަށްޓަކައި ކަލާއަށް އަޅުގަނޑުގެ އެހީ ބޭނުންފުޅުތޯއެވެ؟"
"ނޫނެކެވެ. އެކަމަކު ކަލާ އަޅުގަނޑަށް އިންތިޒާރު ކުރައްވާނެކަމުގެ ހިތްހަމަޖެހުން ލިބުން އަޅުގަނޑު ބޭނުމެވެ."

"ކަލާ ފަތަޙައިގެ ބެރުޖައްސަވަމުން ވަޑައިގަތުމުން އަޅުގަނޑަށް މިގޭގެ ދޮރު ބަންދެއް ނުކުރެވޭނެކަން ކަލާއަށް އެނގިވަޑައިގަންނަވާނެއެވެ."

"އަޅުގަނޑު ކަލާގެ އަރިހުގައި ވަޢުދުވަމެވެ. ކަލާގެ އިޒުނަޔާލައިގެން މެނުވީ އަޅުގަނޑު ކަލާގެ ގޭގެ ދޮރުން އެތެރެޔަކަށް ފިޔަވަޅެއް ނާޅާނަމެވެ."

"ކަލާގެ އަރިހުގައި އަންނަ މީހުންވެސް މިގެއަށް ވަނުމަށްޓަކައި އަޅުގަނޑުގެ ހުއްދަ ހޯދަން ބޭނުންކަމުގައި ދެކޭނެތޯއެވެ؟"

"އެބައިމީހުން އަވަށަކަށް އަރާއިރަށް އެތަނަކުން އަނިޔާވެރިކަމާއި ވަޙުޝީކަމުގެ ބިރުވެރި އަނދިރިކަން އޭގެ ފަސްބައި ބޮނޑިކޮށްލާނެއެވެ. އެބައިމީހުންނަކީ ތިމަންމެންގެ ދުޝްމިނުންކަމުގައި ބެލިމީހުން އެބައިމީހުން ފައިތިލަދަށަށް ލޯތްބާއި ކަމޭހިތުމުގެ ވެދުން ބަރުތީލަ ކުރާނެއެވެ."

"حسّان އެވެ! ކަލާގެ ވާހަކަފުޅުތައް ތިޔަވަނީ އަޅުގަނޑުގެ ވިސްނުން ފޯރާވަރަށްވުރެ މާމަތީގައެވެ. އަޅުގަނޑަށް ހީވަނީ ހުވަފެނެއްގައި އުޅެވޭހެންނެވެ. ޢަރަބިކަރައިގެ ސަހަރާގައި ދިރިއުޅޭ ބަދަވީންނަށް ކިސްރާގެ ދިދަ އެކޮޅުކޮޅުން ޖަހައިލެވޭނީ ކިހިނަކުންތޯއެވެ؟ އަނެއްކާ ޒަރުބަޚުތަކީ އީރާނުގެ ސިފައިންގެ މީހަކަށްވާއިރު އަޅުގަނޑަށް އީރާނުގެ ދުޝްމިނުންގެ ފައިތިލަދަށުގައި ލޯތްބާއި ކަމޭހިތުމުގެ ނަޒަރު ފަތުރައިލެވޭނީ ކިހިނަކުންތޯއެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "ޢަރަބިކަރައިގެ ސަހަރާތަކުގެ ބަދަވީން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދިޔައިރު އިސްލާމްދީނަށް ފަތަޙަ ލިބުމަކީ އެބައިމީހުންގެ ގާތުގައިވެސް ހުވަފެނެއްފަދަ ކަމެކެވެ. އެބައިމީހުންވެސް ތިބީ އެތަކެއް ޤަރުނުއްސުރެ ޢަރަބިކަރަޔަށް ފެތުރިފައިއޮތް އަނދިރިކަމަށްވުރެ ދުރަށް ނަޒަރު ހިންގަން ތައްޔާރަކަށް ނޫނެވެ. ނަމަވެސް މިހާރު އެހުވަފެންވަނީ ޙަޤީޤަތަކަށް ވެފައެވެ. މިހާރު އެބައިމީހުން ހަމައެކަނި އިސްލާމްދީނުގެ ދިދަ އުފުލާ މީހުންގެ ފައިތިލަދަށުގައި ކަމޭހިތުމާއި ލޯބީގެ ނަޒަރު ފަތުރަނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އިންސާނިއްޔަތަށް ސަލާމަތާއި ރައްކާތެރިކަމުގެ މަގުދެއްކި އަލިކަން އަރަބިކަރައިން ބޭރަށް ގެންދާންވެސް އެބައިމީހުންވަނީ ކެތްތެރިކަން ކުޑަވެފައެވެ. އަޅުގަނޑަށް ޔަޤީނެވެ. ޢަރަބީންނެކޭ އެއްފަދައިން އީރާނީންނަށްވެސް އެއަލިކަމުގެ ތެރެއަށް ލޯހުޅުވޭހިނދު މާޒީގެ އަނދިރިކަން އެބައިމީހުންނަށްވެސް ފެންނާތީ ބިރުވެރި ހުވަފެނެއްގެ ސިފައިގައެވެ. ماه بانو އެވެ! އަޅުގަނޑުގެ ވާހަކަ ޤަބޫލު ކުރައްވާށެވެ. އަޅުގަނޑު ވަނީ އެއަލިކަން ދެކެފައެވެ."

ماه بانو ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް ކޮންމެވެސް މީހަކު ސިޑީން އަރާއަޑު އިވިވަޑައިގަތުމުން އޭނާ އެނބުރިވަޑައިގެން އެދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އެއީ ކާއޫސެވެ. އޭނާ ހާމަފުރާޅަށް އަތުވެއްޖެއެވެ. އޭނާ ބުންޏެވެ. "ކަލާގެ އަސްކޮޅު ތައްޔާރުވެއްޖެއެވެ. އަވަސްކުރައްވާށެވެ. މިހާރު ފަތިސްވާން އުޅެނީއެވެ."

"ހިނގާށެވެ." حسّان މިހެން ވިދާޅުވެފައި ماه بانو އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު ކާއޫސާއެކު ތިރިޔަށް ފައިބައިވަޑައިގަންނަވާން ފައްޓަވައިފިއެވެ.

ماه بانو ހިނދުކޮޅަކު ހިމޭނުން ހުންނެވުމަށްފަހު حسّان ގެ ފަހަތްޕުޅުން ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އޭނާ ހަމަހިމޭންކަމާއެކު ފުރަތަމަ ސިޑީން ފައިބައިވަޑައިގަތެވެ. ކާއޫސް ކޮޓަރިޔަކުން ބައްތިޔެއް ގެނެސްފިއެވެ. އޭނާ ތިރީބުރީގައި ހުންނަ ބިންގަރާހަށް ފައިބައި ސިއްރުމަގާ ގުޅިފައިވާ ކޮޓަރިޔަށް ވަދެއްޖެއެވެ.

حسّان އެނބުރިވަޑައިގެން ماه بانو އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ދެން ކަލާ އަރާމުކުރައްވާށެވެ."

ماه بانو އެއްވެސް އެއްޗެކޭ ވިދާޅުނުވެ އިސްދަށަށް ޖައްސަވައިލެއްވިއެވެ. ކާއޫސް ސިއްރުމަގުން ތިރިޔަށް ފައިބާން ފަށައިފިއެވެ. حسّان ވެސް އޭނާގެ ފަހަތުން ހިންގަވައިގެންނެވިއެވެ. ماه بانو ނުހަނު މޮޅިފުޅުން އޭނާއާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އޭނާ ވަރަށް ބާރަށް ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ނަމަވެސް އަނެއްކާ މަޑުކޮށްލައްވައިފައި ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "حسّان!"

حسّان ހުއްޓިވަޑައިގެންފިއެވެ. ނަމަވެސް އޭނާއަށް އެނބުރިވަޑައިގެން ފަސްބައްލަވައިލައްވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ.

"حسّان އެވެ! އަޅުގަނޑު ކަލާއަށް އިންތިޒާރު ކުރާނަމެވެ."

حسّان ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އެއަށްފަހު ވަދާޢުގެ ސަލާމްކުރެއްވުމަށްފަހު ماه بانو ގެ ލޯފުޅުމަތީން ގެއްލިވަޑައިގެންފިއެވެ.

(ނުނިމޭ)