ޚަބަރު

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ލިވިން އެކްސްޕޯ އެހީވެދޭ: އަސްލަމް

އަލީ ޔާމިން

ދަރުބާރުގޭގައި މިއަދު ފެށި ލިވިން އެކްސްޕޯއަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް އެހީއެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ލިވިން އެކްސްޕޯ 2020 ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ލިވިން އެކްސްޕޯގައި ގެދޮރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ހިމެނޭ ކަމަށާއި އެހެންކަމުން އެ އެސްޕޯއަކީ މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ގެނެވުމަށް އެހީއަކަށް ވެގެންދާނެ އެކްސްޕޯއެއް ކަމަށެވެ.

"މި އެކްސްޕޯގައި އެބަ ހަރަކާތްތެރިވޭ ގެދޮރުވެރިިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް. ބޭންކިން އަދި ފައިނޭންސްގެ ވިޔަފާރިތައް. އެހެންކަމުން މި އެކްސްޕޯގެ ތެރޭގައި މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވި އެކަމުގެ ހިޔާލުތައް ބަދަލު ކުރެވޭނެ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމެއް ހައްލެއް ގެނެވޭނީ، ގެދޮރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކަމަށެވެ. އަދި ގެދޮރު އިމާރާތް ކުރުމުގައި އެ ކުންފުނިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަމުގެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، ކުލީގެ އަގު ބޮޑުވަނީ އިމާރާތް ކުރުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން ކަމަށެވެ.

"އެންމެން ގުޅިގެން މިކަމަށް ހައްލެއް ގެންނަން ޖެހޭ. އަގުހެޔޮކޮށް ގެދޮރުއެޅޭނެ ގޮތްތައް ހޯދަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރަށް ގިނަ ދިވެހިން ދިރިއުޅުން ބަދަލުކުރަނީ ވަޒީފާ އަދާކުރުމަށް ނޫން ކަމަށެވެ.

ދަރުބާރުގޭގައި މިއަދު ފެށި ލިވިން އެކްސްޕޯގައި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.