ޚަބަރު

ރާއްޖޭގައި ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް މާބޮޑަށްވެސް ބޮޑު: މިނިސްޓަރު އަސްލަމް

އަލީ ޔާމިން

ރާއްޖޭގެ ބޭންކުތަކުން ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އިންޓަރެންސް ރޭޓް މާބޮޑަށްވެސް ބޮޑު ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯ 2020 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ އެތައް އާއިލާއެއް ދިރިއުޅޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގައި ބައެއް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ގެދޮރުވެރިކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ބޮޑުވުން އަސްލަމް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އިންޓަރެންސް ރޭޓް ވަރަށް ބޮޑު. ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ގެދޮރޮވެރިކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް 5 ނުވަތަ 6 އިންސައްތައަށް ވުރެ ބޮޑެއް ނުވާނެ. ނަމަވެސް ރާއްޖޭގައި އިންޓަރެސްޓް ރޭޓް މިއުޅެނީ 11.75 އިންސައްތައިގައި. މި ރޭޓް ކުޑަކުރަން ޖެހޭ. މިކަމާ މެދު އެންމެން ވިސްނައި ހައްލެއް ގެންނަން ޖެހޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކުލީގެ އަގު ކުޑަކުރެވޭނީ އިމާރާތްކުރުމަށް ކުރާ ހަރަދު ކުޑަކުރެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގެދޮރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށާއި ސަރުކާރުގެ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފައި ކަމަށާއި މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ހައްލު ކުރުމަށް ލިވިން އެކްސްޕޯ އެހީއަކަށް ވެގެންދާނެ ކަމަށެވެ.