މޯލްޑިވްސް ލިވިން އެކްސްޕޯ

ގެދޮރުވެރިކަމުގެ ފުރުސަތުތަކާއެކު މޯލްޑިވްސް ލިވިން އެކްސްޕޯ ފަށައިފި

އަލީ ޔާމިން

ގެދޮރުވެރިކަމުގެ ފުރުސަތުތަކާއެކު "މޯލްޑިވްސް ލިވިން އެކްސްޕޯ 2020" މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ހައިރައިޒުން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ އެކްސްޕޯއެކެވެ. މިއީ ހައިރައިޒުން އިންތިޒާމްކޮށްގެން މޯލްޑިވްސް ލިވިން އެކްސްޕޯ ބާއްވާ އަށްވަނަ އަހަރެވެ.

މިއަހަރުގެ ލިވިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ޑިރެކްޓާ އޮޕްރޭޝަންސް މުހައްމަދު ޝާމިން ވިދާޅުވީ، އެކްސްޕޯގައި ބައިވެރިވެފައިވާ ކުންފުނިތަކުން ވިއްކާ ތަކެއްޗާއި އެ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އެކްސްޕޯއަށް ޒިޔާރަތްކުރާ ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ބޭންކިންއާއި އިންސުއަރެންސް ދާއިރާގެ ގިނަ މައުލޫމާތުތަކެއްވެސް އެކްޕޯސްގެ ތެރެއިން ލިބިގެންދާނެ ކަމަށް ޝާމިން ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ލިިވިން އެކްސްޕޯގައިވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ސްރީލަންކާގެ ތިން ކުންފުންޏަކާއި މެލޭޝިއާގެ ކުންފުންޏެއްގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާގައްޔާއި ބޭންކިން އަދި އިންސުއަރެންސްގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުން އެކްސްޕޯގައި ބައިވެރިވެފައިވެއެވެ.

ގެދޮރުވެރިކަމުގެ ދާއިރާއާ ގުޅޭ އެކި ކަހަލަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ހުޅުވާލައެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓް އާއި މި ދާއިރާއާ ގުޅޭ އެކި ކަހަލަ ސާމާނު އުފައްދައި ސަޕްލައި ކުރާ ފަރާތްތަކާއި ގެދޮރަށް ބޭނުންވާ އާ އުފެއްދުން ތައާރަފުކުރާ ފަރާތްތައް ވެސް ހިމެނެއެވެ.

"މޯލްޑިވްސް ލިވިންގ އެކްސްޕޯ 2020"ގެ މެއިން ސްޕޮންސަރަކީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ކޯ-ސްޕޮންސަރުންނަކީ އަކުއާ ވިޓާ ރެސިޑެންސް މޯލްޑިވްސްގެ އިތުރުން ސްރީލަންކާގެ އަލްޓްއެއާ އެވެ.

ލިވިން އެކްސްޕޯގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.