ޚަބަރު

ނެއްޓެވި މައްސަލައިގައި ޑެޕިއުޓީ މިނިސްޓަރު ޝާތިރަށް ނަސޭހަތްދެއްވައިފި

މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝާތިރު، އެ މިނިސްޓްރީގައި ނެއްޓެވި މައްސަލައިގައި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ނަސޭހަތް ދެއްވައިފިއެވެ.

ފޯރިގަދަ ހިންދީ ލަވައެއް ޖައްސަވައިގެން ޝާތިރު ނައްޓަވަަމުން ގެންދަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.

މި ވީޑިއޯއާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެ މައްސަލައިގައި ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރެއްވުމަށް އަންގައި ލިޔުމުން މިނިސްޓަރު މަލީހު، ޝާތިރަށް ނަސޭހަތް ދެއްވާފައިވާ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ އެ މިނިސްޓްރީއަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއެެކު، ރަނގަޅަށް ހާޒިރީ ބެލިގެން ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައިގެން ކުރިއަށްދާ މިިނިސްޓްރީއެއް ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހުރިހާ އެންމެންވެސް އަހުލާގީ ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ބާރުއަޅާ ކަމަށާއި މިނިސްޓްރީގެ އެއްވެސް ބޭފުޅަކު ބޭރަށް ވަޑައިގެންނެވިޔަސް އެކަން އަންގައި ސަބަބުން ބަޔާންކުރާ ގޮތަށް އޮންނަ ކަމަށެވެ.

އެކަން ހިނގާފައި ވަނީ ރަސްމީ ގަޑީގައި ނޫން ކަމަށާއި އެއީ މާދަރީބަހުގެ ދުވަހުގެ ރަސްމިއްޔާތު ނިމިގެން އިސްވެރިން އޮފީހުން ވަޑައިގެންނެވި ފަހުން ހިނގި ކަމެއް ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.