ޚަބަރު

ލ. ފޮނަދޫގައި ގަވައިދާ ހިލާފަށް ރުއްގަސް އިންދާ ނަމަ ބަދަލު ދިނުމަކާއި ނުލައި ނައްތާލުމުގެ ހުއްދަ ކައުންސިލުން ދީފި

އައިދާ އަބްދުލް ހަކީމް

4

ލ. ފޮނަދޫގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކޮށްފައިވާ ބިންތަކުގައި ރުއް އިންދަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ގަވައިދާ ހިލާފަށް ރުއްގަސް އިންދާނަމަ ބަދަލު ދިނުމަކާއި ނުލައި ނައްތާލުމުގެ ހުއްދަ ބިން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެރަށު ކައުންސިލުންދީފިއެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގާނޫނު ނަންބަރު 99/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ގާނޫނު)ގެ (2) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްގެ އިދާރާގެ ހުއްދަ ލިބިގެން ނޫނީ މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކާއި، އެކިއެކި ބޭނުންތަކަށް އެކިއެކި ފަރާތްތަކާއި ހަވާލުކޮށްފައިވާ ބިންބިމާއި، ވަގުފު ބިންތައް ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ރުއްގަސް އިންދުމަކީ މަނާ ކަމެކެވެ.

މިކަމަކީ މަނާ ކޮށްފައިވާ ކަމެއް ކަމަށާއި މިފަދައިން އިންދާފައިވާ ރުއްތަށް ނެގުމަށް އެތައް ފަހަރަކު އާންމުކޮށް އަންގައި އިއުލާން ކުރުމުންވެސް އެކަމަށް ހައްލެ ލިބިފައިނުވާތީ ރުއް އިންދަމުންގެންދިއުމުގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ވަރަށް ބިން ލިބުން ދަތިވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިންތައް ވަކި އުސޫލެއްގެ ދަށުން ރަޖިސްޓްރީ ކޮށްދިނުމުގެ ގޮތުން، ރަށުގެ ދަނޑު ބިމުގެ ގޮތުގައި ކަނޑަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން ކޮންމެ ސަރަހައްދަކުންވެސް އެކަމަށް އެދޭ ފަރާތްތަކަށް ވަކި އުސޫލެއްގެ ދަށުން ދަނޑު ބިން ރަޖިސްޓްރީ ކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކުން ރަޖިސްޓްރީ ކޮށްދޭ ބިން ސާފުކޮށް ބެލެހެއްޓުމާއި ގަވާއިދާއި އެއްގޮތަށް ބިން ބޭނުންކުރުމަކީ ބިން ލިބޭ ފަރާތުގެ ޒިންމާއެއް ކަމަށާއި އެފަދަ ބިންބިމުގައި ހުއްދަ ނެތި އިންދާފައިވާ ރުއްގަސް އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި ނައްތައިލުމުގެ ފުރިހަމަ އިހުތިޔާރު ބިން ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަށް ލިބިގެންވާ ކަމަށެވެ.