ހަސަން މެރިން

މާކިއުރީގެ އެންމެފަހުގެ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފް ކޮށްފި

މުހައްމަދު އައުޒަމް

ހަސަން މެރިންއިން މާކިއުރީގެ އެންމެފަހުގެ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ރަސްފަންނުގެ ޕެވިލިއަންގައި މިއަދު ކުރިޔަށްދިޔަ ހަފްލާއެއްގައި މާކިއުރީގެ ސީޕްރޯ މަރުކާގެ ތިން އިންޖީނެއް ވަނީ ރާއްޖެއަށް ތައާރަފްކޮށް ދައްކާލާފައެވެ. އިންޖީނުތަށް ތައާރަފް ކޮށްދެއްވީ މާކިއުރީގެ އޭޝިއާ ސަރަހައްދުގެ ޖެނެރަލް މެނޭޖަރ ބިލް މެކްތްރޯން އެވެ. ހަފްލާގައި ވަނީ މާކިއުރީ ކުންފުނީގެ އިތުރުން ހަސަން މެރިންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބިލް މެކްތްރޯން ވަނީ 1939 ވަނަ އަހަރުން ފެށިގެން މާކިއުރީ ކުންފުނި އުފެދިގެން އަދި ކުރިއަރަމުން ދިޔަގޮތުގެ ތައާރަފެއް ދީފައެވެ. ހާއްސަކޮށް އޭޝިއާގެ މާކެޓަށް އަމާޒުކޮށްގެން މާހައުލާ ގުޅޭގޮތަށް މާކިއުރީގެ އިންޖީނުތައް އުފައްދަން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާކަމަށް ބިލް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ހަސަން މެރިން ކުންފުނިން ކުރަމުންދާ މަސައްކަތަށް ބިލް މެކްތްރޯން ވަނީ ތައުރީފުކޮށް ޝުކުރުވެސް ދަންނަވާފައެވެ.

މިހަފްލާގައި ވަނީ މާކިއުރީ ސީޕްރޯގެ 200 ހޯސްޕަވަރުގެ ވީ6 އިންޖީނާއި 250 ހޯސްޕަވަރުގެ ވީ8 އަދި 300 ހޯސްޕަވަރުގެ ވީ8 އިންޖީން ތައާރަފް ކޮށްފައެވެ.

އެމެރިކާގައި އުފައްދާފައިވާ މާކިއުރީ ސީޕްރޯ އިންޖީނު ތަކަކީ ރާއްޖެފަދަ ކޮމާޝަލް މާކެޓުތަކަށް ހާއްސަ އިންޖީނުކަމަށް ހަސަން މެރިން އިން މައުލޫމާތު ދެއެވެ. އަދި މިއިންޖީނު ތަކަކީ ގިނަދުވަހު ބޭނުންކުރެވޭ މެއިންޓަނަސް މަދު އިންޖީނު ތަކެކެވެ.

ހަސަން މެރިންއިން މައުލޫމާތު ދޭގޮތުން އާންމުކޮށް މިގެންގުޅޭ 250 ނުވަތަ 300 ހޯސްޕަވަރުގެ އިންޖީނުގައި ހުންނަނީ 6 ސިލިންޑަރެވެ. ނަމަވެސް މާކިއުރީ ސީޕްރޯ 250 އަދި 300 ހޯސްޕަވަރުގެ އިންޖީނުގައި 8 ސިލިންޑަރު ހުންނާނެ ކަމަށެވެ.

ހަސަން މެރިންއިން މާކިއުރީ ސީޕްރޯގެ އިންޖީން އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ. އަދި މިއިންޖީންތަކުގެ ހުރިހާ ސްޕެއާޕާޓްސް ހަސަން މެރިންއިން ލިބެން ހުންނާނެއެވެ.