ގައުމީ ވޮލީބޯޅަ ޓީމު

ގައުމީ ފިރިހެން ވޮލީ ޓީމު އަނެއްކާވެސް ސާބިއާގައި ކޭމްޕުކޮށްފި

އައިދާ އަބްދުލް ހަކީމް

ކުރިއަށްއޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީ ޓީމު ރޭ ސާބިއާއަށް ފުރައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ޓްރެއިނިން ކޭމްޕަކީ ސެންޓްރަލް ޒޯން މުބާރާތާ ކައިރިކޮށްފައި ގައުމީ ޓީމު ދާން ރޭވި ޓްރެއިނިން ކޭމްޕެކެވެ.

އަންނަ މަހުގެ 22 އިން 28 އަށް ބަންގުލަދޭޝްގައި ބޭއްވުމަށް ކުރިން ނިންމި މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 04 އިން 11 އަށެވެ. އެހެންކަމުން މި ދަތުރަށް މާކުރިން ޓިކެޓު ނަގާފައިވުމުން ލިބިދާނެ މާލީ ގެއްލުމަށް ވިސްނުމަށްފަހު މި ޓްރެއިނިން ކޭމްޕް ދިއުމަށް ނިންމީއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދިޔަ އޭވީސީ ސެންޓްރަލް ޒޯނަށް ތައްޔާރުވުމަށް ވެސް ގައުމީ ޓީމު ވަނީ ސާބިއާގައި އެގައުމުގެ އެހީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ. އެ ޓްރެއިނިން ކޭމްޕަކީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ސާބިއާއަށް ކުރެއްވި ދަތުރުގައި ހަމަޖައްސައިދެއްވި ކޭމްޕެކެވެ.

މިއަހަރުގެ އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމުން އެ މުބާރާތް ލ. އަތޮޅުގައި ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ. އެ މުބާރާތް ބާއްވަން މިހާރު ނިންމާފައިވަނީ އޭޕްރީލް 10 އިން 20 އަށެވެ.