ކުއްލި ޚަބަރު

ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމައިފި

ޖިންސީ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖިންސީ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، އެ ކޮމިޝަނުން ނިންމައިފިއެވެ.

ހުސްވިމަހުގެ 29 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވާ އިސްމެޖިސްޓްރޭޓް ހަސަންދީދީގެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނެނީ ކޮމިޝަންގެ ރައީސް ހިސާން ހުސެއިން އާއި ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އާއި ފަނޑިޔާރު އަބްދުލް ރައޫފު އިބްރާހިމް އަދި ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމެވި ކަންތައްތައް ހިއްސާކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިސްމެޖިސްޓްރޭޓް ހަސަން ދީދީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމާއި ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ބެލުމާއި މުވައްޒަފަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދެއްކުމާއި ގާނޫނާއި ހިލާފަށް ދަތުރުކުރުމާޢި ބިލުތައް ހެދުމާއި ހަޑިހުތުރުބަހުން އެއްޗެހި ގޮވުމާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ހެކީންގެ ބަޔާން ނެގުމަށް ހުރަސްއަޅާ މައްސަލަ ސާބިތުވެފައިވާ ކަމަށެވެ.

އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ ސުލޫކާ ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރުންގެ ކިބައިގައި ހުންނަން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ކަމުން އިސްމެޖިސްޓްރޭޓް ހަސަންދީދީގެ މައްޗަށް ސާބިތުވެފައިވާ ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް ހަސަންދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.