ޚަބަރު

އެޗްޕީއޭގެ އިލްތިމާސްއާއެކު ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކޮށްފި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ނުވަ ވަނަ ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކޮށްފިއެވެ.

އަންނަ މަހުގެ 7 – 13 ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދިޔަ ގައުމީ ސްކައުޓް ޖަމްބޮރީއަކީ 13 އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ޖަމްބޮރީއެވެ.

ގައުމީ ސްކައުންޓް ޖަމްބޮރީ އޯގަނައިޒޭޝަން ކޮމިޓީން މަޝްވަރާ ކުރުމަށްފަހު ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކުރަން ނިންމައި ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުރިހާ ސްކައުޓް ގުރޫޕްތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ޖަމްބޮރީ ފަސްކުރަން ނިންމީ މިދުވަސްވަރު އެކިކަހަލަ ހަރަކާތްތައް ކުރިޔަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާތީ ކަމަށެވެ.

އެއާއެކު ގައުމީ ސްކައުޓް ޖަމްބޮރީ ދެން ބައްވާނެ ތާރީހެއް ކަނޑައަޅާނީ، އެޑިއުކޭޝަން މިނިސްޓްރީން އަންގަވާފައިވާ ގޮތަށް، އެ މިނިސްޓްރީގެ ސްކޫލް ހެލްތު ޔުނިޓް މެދުވެރިކޮށް އެޗްޕީއޭގެ ލަފައެއް ހޯދުމަށްފަހުގައި ކަމަށާއި އެކަމުގެ މަޝްވަރާތައް ނިމުނުހާ އަވަހަކަށް އެކަން ސްކޫލްތަކަށް އަންގާނޭ ކަމަށް ސްކައުޓް އެސޯސިއޭޝަންގެ ސާކިއުލާގައި ބުނެފައިވެއެވެ.

ސްކައުޓް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޖަމްބޮރީގައި ރާއްޖޭގައި ސްކައުޓް ހަރަކާތްތައް ހިންގާ 49 ސްކޫލަކުން އެއްހާސް ފައްސަތޭކަޔާ ގާތްކުރާ އަދަދަށް ސްކައުޓުން ބައިވެރިވާނެއެވެ. އޭގެ އިތުރުން ސްލޫކްތަކުގެ ލީޑަރުންނާއި ޖަމްބޮރީ ސްޓާފުންނާއި އެކިއެކި ފަންނީ ބޭފުޅުންނާއެކު މުޅި ޖަމްބޮރީގައި ގާތްގަނޑަކަށް 2،500 މީހުން ހިމެނޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.