Close Election
Close
ކްރިމިނަލް ކޯޓް

ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވަނުމަށް ލުއި ގޮތްތަކެއް ތައާރަފުކޮށްފި

އައިދާ އަބްދުލް ހަކީމް

ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ މަޖިލީސްތަކަށް އަޑުއަހަން ވަންނަ ނޫސްވެރިންނަށް ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ލުއި ގޮތްތަކެއް އެކޯޓުން ތައާރަފުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިހާރު އެކުލަވާލައިފައިވާ އުސޫލުގެ ދަށުން ނޫސްވެރިންނަށް އަހަންމިއްޔަތު ދިނުމުގެ ގޮތުން ކޮންމެ މިޑިއާއަކަށް ތިން ރިޕޯޓަރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެފަރާތްތަކުން ކޮންމެ ޝަރީއަތުގެ އަޑުއެހުމަކަށް ވަނުމަށްޓަކައި ވަކިން ފޯމުފުރައި ހުށަހަޅަން ނުޖެހޭނެކަމަށެވެ.

ކޯޓުގައި ރަޖިސްޓްރީ ވީކަމަށް ބެލެވޭނީ ކޯޓުން ދުކުރާ "ނޫސް ރިޕޯޓަރު" ކާޑު އެނޫސްވެރިއަކަށް ދޫކުރުމުންކަމަށްވެސް ކްރިމިނަލް ކޯޓުންވަނީ ބުނެފައެވެ.

ނަމަވެސް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭނީ މީގެ ކުރިންވެސް އަމަލު ކުރަމުންއައި އާންމު އުސޫލު ކަމަށްވާ ޝަރީއަތެއް ފެށުމުގެ 15 މިނެޓް ކުރިން "ޝަރީއަތްކުރުމާއިބެހޭ ޖިނާއިީ އިޖުރާތުގެ ގަވައިދު"ގެ ޖަދުވަލު 45 ގައިވާ ފޯމު ފުރިހަމަކޮށް ކޯޓަށް ހުށަހަޅައިގެންްނެވެ. އަދި ރަޖިސްޓްރީ ކުރާ ތަރުތީބުން ޖާގަ އޮތް މިންވަރަކުން ފުރުސަތު ދެވިގެންދާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ބުނީ މި އުސޫލުގެ މަގުސަދަކީ ކޯޓަށް ހުށަހެޅޭމައްސަލަތަކުގެ ޝަރީއަތްތައް ހާމަކަމާއިއެކު ހިންގުމުގައި ކޯޓުގެ ޖާގައިގެ ދަތިކަން އޮތުމާއިއެކުވެސް ނޫސްވެރިންނަށާއި، މައްސަލަގެ މަސްލަހަތު ހިމެނޭ އިތުރު ފަރާތްތަކަށާއި، އާންމު ފަރާތްތަކަށް ކޯޓު ރޫމުގައި ޖާގަ އޮތް ވަރަކުން ފުރުސަތުދީ، ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކުގެ މައުލޫމާތު ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޒިންމާދާރުކަމާއިއެކު ފެތުރުމަށް މަގުފަހިކޮށްދިނުންކަމަށެވެ.

މިއުސޫލުގެ ދަށުން ކޯޓުގައި ރަޖްސްޓްރީ ކުރާ ރިޕޯޓަރުން ވަކިކުރަންޖެހޭ ހާލަތެއް މެދުވެރި ވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތަށް ވަނީ ބަޔާން ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވަނީ މިނިންމުމަކީ ވަރަށް ރަނގަޅު، އަދި މުހިއްމު ނިންމުމެއްކަމަށާއި ޝަރީއަތުގެ ހާމަކަން އިތުރު ކުރުމަކީ، އިތުބާރު އިތުރުކުރަން އެޅޭ އަސާސީ ފިޔަވަޅެއްކަމަށެވެ. އަދި އެހެން ކޯޓްތަކުންވެސް މިނަމޫނާ އާ އެއްގޮތަށް އަމަލުކުރާނެކަމަށް އުއްމީދު ކުރާކަމަށެވެ.