ޚަބަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު ގޯލްޑް 100 ގާލާ ނައިޓް ބާއްވައިފި

އަލީ ޔާމިން

ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކުރި ގޯލްޑް 100ގެ ގާލާ ނައިޓް ކުލަގަދަ ރަސްމިއްޔާތަކާއެކު ދަރުބާރުގޭގައި ރޭ ބާއްވައިފިއެވެ.

އެ ހަފުލާގައި ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމަކާއި ކާމިޔާބެއް ހާސިލުކުރި 100 ކުންފުނި ހޮވުމުގެ އިތުރުން، ގޯލްޑް 100 މެގަޒިން ނެރެފަ އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރުގެ އެވޯޑު ރަސްމިއްޔާތުގައި ދެ ބޭފުޅަކަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑުއަރުވާފަ އެވެ. އެގޮތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ފައުންޑާ އަދި ޗެއާމަން އަލްމަރުހޫމް އަބްދުލް ރަޝީދާއި ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަލާހު ޝިހާބު އެވެ.

މީގެ އިތުރުން ސީއެމްޑީއޭއިން 2018 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ "ސީޖީ އެފަޓްސް އެވޯޑަށް" ހޮވުނު ކުންފުނިތައްވެސް ގޯލްޑް 100 ގާލާ ނައިޓުގައި ވަނީ އިއުލާނުކޮށްފައެވެ. ކޯޕަރޭޓް ގަވަނަންސް ޕްރޮމޯޓު ކުރަން ހިތްވަރު ދިނުމުގެ ގޮތުން ދޭ މި އެވޯޑުގެ ކެޓަގަރީތަކަކީ ލިސްޓަޑް، ނޮން ލިސްޓަޑް އަދި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) އެވެ.

ލިސްޓަޑް ކެޓަގަރީން އެސްޓީއޯ ހޮވުނުއިރު، ނޮން ލިސްޓަޑް ކެޓަގަރީން އެވޯޑު ލިބުނީ އެލައިޑް އިންޝުއަރެންސްއަށެވެ. އަދި މިއަހަރު އަލަށް ތައާރަފުކުރި އެސްއޯއީ ކެޓަގަރީން އެވޯޑު ލިބުނީ ސްޓެލްކޯއަށެވެ.

ގޯލްޑް 100 އަކީ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތައް ދެނެގަތުމަށްފަހު ހޮވައިލެވޭ ލިސްޓެކެވެ. މި އެވޯޑު ދިނުމުގައި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، ކާމިޔާބު އީޖާދުތައް އެ ކުންފުންޏަކާ ގުޅޭ ދާއިރާއިން ތައާރަފުކުރި މިންވަރުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތް ކޮށްފައިވާ މިންވަރު ބަލައެވެ.

މިއަހަރުގެ ގޯލްޑް 100 ގާލާގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.