ޚަބަރު

މަސްވެރިން ބާނާ މަހުގެ ހަމައަގަކީ ކޮބައިކަމެއް ނޭނގޭ، އަގު ކަނޑައަޅަނީ މާކެޓް ރޭޓަށް ބެލުމަށްފަހު: އެންސިސް

މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ ހަމައަގަކީ ކޮބައިކަން ނޭނގޭ ކަމަށާއި ހަމައަގު ކަނޑައަޅަނީ މޭކެޓު ރޭޓަށް ބެލުމަށްފަހު ކަމަށް އެންސިސް އިން ބުނެފިއެވެ.

ވަރަށް ކުޑަ އަގެއްގައި ކަންނެލި ކިރުވާކަމުގެ ޝަކުވާތައް މަސްވެރިން ކުރުމާ ގުޅިގެން އެ މައްސަލަ އިގުތިސާދީ ކޮމިޓީއަށް ހުށަހަޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް ލިބޭ އަގު ކޮންމެ ދުވަހަކު ވެސް ބަދަލުވުން އެކަށީގެންވާ ކަމަށެވެ. އަދި ރޯ މަސް އެކްސްޕޯޓުކުރަން ދައްކަން ޖެހޭ ފީތައް މިހާރަށްވުރެ ކުޑަކުރެވިއްޖެ ނަމަ މަސްވެރިންގެ އަތުން އަގުބޮޑުކޮށް މަސް ގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން ގައުމުތަކުން އެއާލައިންތަކާއެކު ހެދޭ އެއްބަސްވުންތަކުގައި އެގައުމަކުން އެކްސްޕޯޓުކުރާ މައިގަނޑު އެއްޗެއްގެ އެއާ ފްރައިޓަށް ނަގާ އަގު ވަކި ވަރަކަށް ކުޑަކުރާ ކަމަށާއި ނަމަވެސް އެކަހަލަ ކަމެއް ރާއްޖޭގައި ނޯންނަ ކަމަށް ވަސީމް ވިދާޅުވިއެވެ. އަދި އެމްއޭސީއެލުން ނަގާ އަގު ވެސް ކުޑަކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަހުމަދު އަޒީމް ވިދާޅުވީ މިހާރު ވެސް އެކުންފުނިން ފީތައް ނަގަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި އެކްސްޕޯޓު ކުރާ މަސް ކިލޯއަކުން ނަގަނީ 1.83 ރުފިޔާ ކަމަށާއި އެއީ އެކަށީގެންވާ އަގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލުން އެކްސްޕޯޓު ކުރުމުގެ ކަންކަމަށް މަގުފަހިކުރަނީ ބޮޑު ހޭދައެއްކޮށްގެން ކަމަށާއި ހިދުމަތްތައް ފުރިހަމައަށް ދިނުމަށް އެ ފީތަކަކީ ވަރަށް މުހިންމު ފީތަކެއް ކަމަށް އަޒީމް ވިދާޅުވިއެވެ.

ކަންނެލީގެ އަގު ދަށްވާ މައްސަލައާ ގުޅޭގޮތުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު ވަސީމް ވިދާޅުވީ ކަންނެލީގެ އަގު އެހާ ބޮޑަށް ދަށްވަނީ ޔޫރަޕުން މިހާރު ޑިއުޓީ ނަގާތީ ކަމަށާއި ޑިއުޓީއަށް ކިލޯއަކުން ގާތްގަނޑަކަށް ހަތަރު ޑޮލަރު ނަގާ ކަމަށެވެ. އަދި އެ ޑިއުޓީ ކުޑަކުރަން މަސައްކަތްކޮށްފި ނަމަ، އެކަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަންނެއްޔަކީ ހުރިހާ ގައުމަކުން ވެސް އެކްސްޕޯޓްކުރާ އެއްޗެއް ކަމަށާއި ގިނަ ގައުމުތަކަކީ ޑިއުޓީ ފްރީ ގައުމުތައް ކަމަށް ވަސީމް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް އެފަދަ ފައިދާއެއް ނޯންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.