ޚަބަރު

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ކުރިއަށްގެންދިއުމަށް ރައީސް އިރުޝާދު ދެއްވައިފި

ދުނިޔޭގައި އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނަށް އިރުޝާދު ދެއްވައިފިއެވެ.

ރައީސް އެގޮތަށް އިރުޝާދު ދެއްވީ، ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރުންނާއެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވައި، އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވިއެވެ.

އޭގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި މިކަމުގައި އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި މި ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ވައިރަހާ ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވިއެވެ.

އޭގެ އިތުރުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓާކުރުމުގެ ކަންކަމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސް ވަނީ ކަމާބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދު ދެއްވައިފައެވެ.