މޯލްޑިވްސް ބިޒްނަސް އެކްސްޕޯ

ބިޒްނަސް އެކްސްޕޯ: ވިޔަފާރިތައް ގުޅުވައިދޭ ވިއުގައެއް، ދަރިވަރުންނަށް ރަނުގެ ފުރުސަތެއް!

އަލީ ޔާމިން

ބިޒްނަސް އެކްސްޕޯއަކީ ވިޔަފާރިތަކަށް ހާއްސަަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބިޒްނަސް އެކްސްޕޯއަކީ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ބޮޑު އެކްސްޕޯއެކެވެ. ކޮންސްޓަކްޝަން ވިޔަފާރިތަކާއި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ އިތުރުން ފުޑް އެންޑް ބެވަރޭޖްގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއު އެއާލައިންތަކެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން މި އެކްސްޕޯގައި ބައިވެރިވެއެވެ.

އިއްޔެ ދަރުބާރުގޭގައި ބިޒްނަސް އެކްސްޕޯ ފެށީ ކުދި އަދި ބޮޑެތި ވިޔަފާރިތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ކުންފުންޏާއެކުއެވެ.

ބިޒްނަސް އެކްސްޕޯ އިންތިޒާމު ކުރާ އޯކާ މީޑިއާ ގުރޫޕުގެ މެނޭޖަރު އަހްމަދު ނާސިރު "ވަން"އަށް ވިދާޅުވީ، މި އެކްސްޕޯގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތައް އެއް ތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތު އެއްފުރާޅެއްގެ ދަށުން ހޯދައިދިނުން ކަމަށެވެ. އަދި އެކްސްޕޯގައި ބައިވެރިވާ ގިނަ ވިޔަފާރިތައް އޮންނަނީ ކޮންމެވެސް ގޮތަކުން އަނެއް ވިޔަފާރިތަކާ ގުޅިފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ ކުންފުންޏެއްވެސް މި އޮންނަނީ އަނެއް ކުންފުންޏާ ކޮންމެވެސް ގޮތަކުން ގުޅިފައި، ކަނެކްޓްވެފައި. އަމާޒަކީ މި ކުންފުނިތައް ނެޓްވޯކްކޮށްލާނެ ޕްލެޓްފޯމެއް ގާއިމުކޮށްދީ، ކުންފުނިތައް ކަނެކްޓު ކޮށްދިނުން،" ނާސިރު ވިދާޅުވިއެވެ.

ބިޒްނަސް އެކްސްޕޯގެ ތެރެއިން ހަތަރު ދާއިރާއަކަށް ހާއްސަ ސަމިޓުތަކެއް ކުރިއަށްގެންދެއެވެ. އެއީ މޯލްޑިވްސް ވިމެންސް ސަމިޓް، މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލްސް ސަމިޓް، މޯލްޑިވްސް އެންޓަޕްރެނާސް ސަމިޓު އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ.

ނާސިރު ވިދާޅުވީ، ވިމެންސް ސަމިޓުގައި މައިގަނޑު ގޮތެއްގައި ގެނެސްދެނީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކާމިޔާބު އަދި ތަޖުރިބާކާރު ކަނބަލުންގެ ވާހަކަތައް ކަމަށެވެ. އެގޮތުން ކާމިޔާބަށް ވާސިލުވުމުގައި އެމީހުންނަށް ދިމާވި ދަތިތަކާއި އެ ދަތިތަކުން އަރައިގަތް ގޮތް ހަތް ކަނބަލުން ވަނީ އެ ސަމިޓުގެ ބައިވެރިންނަށް ހިއްސާކޮށްފައެވެ.

ޓޫރިޒަމް ޕްރޮފެޝަނަލްސް ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތާއި ކުރިމަގު އޮންނާނެ ގޮތުގެ ތަސައްވުރެއް ގެނެސްދޭއިރު އެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

އެންޓަޕްރިނިއާސް ސަމިޓުގައި ގެނެސްދޭނީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ހަ ފަރާތެއް ކާމިޔާބީއަށް ވާސިލުވި ގޮތުގެ ވާހަކައެވެ.

އެންމެ ފަހު ސަމިޓެއްގެ ގޮތުން އެކްސްޕޯގައި ބާއްވާނީ ފައިނޭންސް ޕްރޮފެޝަލްސް ސަމިޓެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ފައިނޭންސް އިންޑަސްޓްރީ (މަފީ)އާ ގުޅިގެން ބާއްވާ އެ ސަމިޓުގައި ކުންފުނިތަކަށް މާލީ އެހީ ހޯދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.

މީގެ އިތުރުން ނާސިރު ވިދާޅުވީ، މި ހަތަރު ސަމިޓުތަކުގައި ވާހަކަދައްކަވާނީ އެ ދާއިރާތަކުގެ ފަންނުވެރީން ކަމަށާއި އެހެންކަމުން މިއީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް މުހިންމު ސަމިޓުތަކެއް ކަމަށެވެ.

ނާސިރު ވިދާޅުވީ ފުރަތަމަ ދުވަހުވެސް ބިޒްނަސް އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެެވެ. އެގޮތުން އިއްޔެ އެކަނިވެސް 1،000 އަށްވުރެ ގިނަ މީހުން އެ އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާކަން ނާސިރު ފާހަގަކުރެއްވިއެވެ.

ބިޒްނަސް އެކްސްޕޯ އިންތިޒާމު ކުރާ އޯކާ މީޑިއާ ގުރޫޕުގެ އުންމީދަކީ އެކްސްޕޯ ނިމިގެންދާއިރު 3،000 އަށްވުރެ ގިނަ މީހުން އެ އެކްސްޕޯއަށް ޒިޔާރަތްކުރުމެވެ. އޯކާ މީޑިއާ ގުރޫޕުން ބުނީ އަންނަ އަހަރުވެސް ބިޒްނަސް އެކްސްޕޯ ބާއްވާނެ ކަމަށެވެ.

ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންނެވެ.