ރައްޔިތުންގެ މަޖިލިސް

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުމަށް ޖެންޑާ މިނިސްޓްރީން ހަތް ފިޔަވަޅެއް އަޅަން އަންގަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ، ޖިިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު، އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އަޅަން ޖެހޭ މުހިއްމު ހަތް ފިޔަވަޅެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބެލުމަށްފަހު އެކުލަވައިލި ރިޕޯޓްގައި މީގެ ކުރިންވެސް ހިމަނާފައިވާ ކަންތައްތަކެކެވެ.

ކޮމިޓީ ރިޕޯޓްގައި އެކަންތައް ހިމެނުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަންތައްތައް ފުރިހަމަ ކުރުމަށް މިނިސްޓްރީއަށް އަންގަވައިފައެވެ.

ހަތް ކަމެއް ކުރުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނައިގެން މަޖިލީހަށް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްްބެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ރިޕޯޓުގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ކަންތައްތައް:

  • ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް (ހައި ރިސްކް ފެމިލީސް) ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުން.
  • ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، ހަތް ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަނެ އެފަދަ އާއިލާތައް ދަފްތަރުކޮށް އެފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވައިލުން.
  • ސިޓި ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި ނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި އެ މައުލޫމާތު ހިމެނުން.
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، އެފަދަ މީހުން މޮނިޓާ ކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން.
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސްކުރުމަށް ޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަން ޖެހޭ މުއްދަތެއް ކަނޑައެޅުމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.
  • ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދައި، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓިއަށް ހިއްސާކުރުން.
  • 2009 ވަނަ އަހަރު ގާއިމުކުރެވުނު މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުންކުރަން ފެށުން.