ދުނިޔެ

އިންތިހާބުން ބަލިވުމުން ޓައިވާންގެ ރައީސް ވެރިކަންކުރާ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދީފި

މުހައްމަދު އައުޒަމް

ޓައިވާންގެ އާންމު އިންތިހާބުން ބަލިވުމުން އެގައުމުގެ ރައީސް ނިސްބަތްވާ ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުން އެކަމަނާ އިސްތިއުފާ ދެއްވައިފިއެވެ.

ޓައިވާންގެ ރައީސް ޓްސައި އިންގ ވެން އަކީ އެގައުމުގައި ވެރިކަންކުރާ ފުރަތަމަ އަންހެން ރައީސް އެވެ.

ނާކާމިޔާބު ވުމުން ޓްސައި ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށްއެދި އޭގެ ޒިންމާ ނަގާކަމަށް ވިދާޅުވެފައެވެ.

ޓައިވާންގެ ސަރުކާރު ހިންގުމުގައި ބޮޑެތި އިސްލާހުތައް ގެނެސްފައި ވަނިކޮށް އާންމު އިންތިހާބުގައި މިލިބުނު ނާކާމިޔާބުން ފެނިގެންދަނީ ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން ސަރުކާރަށް ނުކުރެވޭތީ ކަމަށް އެގައުމުގެ ނޫސްތަކުންދަނީ ބުނަމުންނެވެ.

ޓައިވާނުގެ ޑިމޮކްރަޓިކް ޕްރޮގެރެސިވް ޕާޓީއަށް މިލިބިގެން ދިޔަ ނާކާމިޔާބުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ޕާޓިގެ ހިންގުމަށް ގެނެސް ކުރިމަތިވާނެ ދަތިތަކަށް ތައްޔާރުވާން މިހާރު ވަނީ ފަށާފައެވެ.

އެމެރިކާއިން ވަނީ ޓައިވާންގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ބަޔާނެއް ނެރެފައެވެ. އެމެރިކާގެ ބަޔާނުގައި އެގައުމުން ވަނީ ޓައިވާންގެ ރައްޔިތުން އެގައުމުގެ ޑިމޮކްރަޓިކް ނިޒާމް ވަރުގަދަ ކުރަން ބޭނުންވާ ކަމަށް ވޯޓު ދީފައިވާކަމަށް ބުނެފައެވެ.

2004 ވަނަ އަހަރު ޓްސައި ޓައިވާނުގެ ޑިމޮކްރަޓިކް ޕްރޮގެރެސިވް ޕާޓީއާއި ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން ޓައިވާންގެ ރިޔާސީ އިންތިހާބުވަނީ 2016 ވަނަ އަހަރު ކާމިޔާބު ކުރައްވާފައެވެ.