ޚަބަރު

ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ޝަރީއަތް ފަށައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ޝަރީއަތް ފަށައިފިއެވެ.

އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ، މިއަދު 10:30 އަށެވެ. އެހެންވެސް މިފަދަ މައްސަލަތަކެކޭ އެއްގޮތަށް މިއަދުގެ ޝަރީއަތުގެ މަޖިލިސް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު މައްސަލައެއްގެ ގޮތުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާ ގޮތަށް އޮތީ، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފައެވެ.

އެ މައްސަލައާ ގުޅިގެން ހއްޔަރުކޮށް ދައުވާ އުފުލާފައިވާ އެކުއްޖާގެ ކާފަ، އިބްރާހިމް ދީދީގެ އުމުރަކީ 62 އަހަރު އެވެ. އަދި މުނިކާފަ ހަސަން މޫސާ ދިދީގެ އުމުރަކީ 82 އަަހަރެވެ. އެ ދެމީހުންގެ މައްޗަށްވެސް އުފުލާފައި ވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުންނެވެ.

މި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް ފަހުން ވަނީ ބައްޕަ ދޫކޮށްލާފަ އެވެ.