ވާހަކަ

ކޮންމެ ހިނދެއް - 25

ކުއްލިއަކަށް އޭނާ ސިހުނީ އޭނާގެ އުނގުގައި މާހިލް ބޯއަޅާލުމުންނެވެ. ވަގުތުން އޭނާ ޓީވީގެ އަޑު މަޑުކޮށްލުމަށްފަހު ހުރިހާ ސަމާލުކަމެއް މާހިލްއަށް ދިނެވެ. މާހިލްގެ ދެލޮލުގެ އަރިމަތިން ފައިބައިގެން ދިޔަ ކަރުނަތިކި ފެނި އާވާގެ ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ.

ފެނުނު މަންޒަރެއްގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ހަރަކާތްތައްވެސް ހުއްޓުނު ކަހަލައެވެ. ލަސްލަހުން އޭނާގެ އަތްތިލަ ހަރަކާތް ކޮށްލިއެވެ. މާހިލްގެ ދެލޯ ކައިރި ފޮހެލައިފިއެވެ. އެ ހިނދު މާހިލް އާވާގެ އަތްތިލައިގައި ހިފެހެއްޓިއެވެ. އެ އަތްތިލައިގައި ބޮސްދީފައި ބާއްވައިލީ އޭނާގެ މޭމަތީގައެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ؟ އާވާ އަހައިލިއެވެ.

"އަދި ރަނގަޅު އެވީ. އެކަމަކު ފަހުން ވާނެ ގޮތެއް ނޭނގޭތީ އަބަދުވެސް މިހުންނަން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގަ" މާހިލް ބުނެލިއެވެ.

"ކޮންމެސް ކަމެއްވެއްޖެ. ބުނެބަލަ ކޮންކަމެއް ދިމާވީ" އާވާ އަހައިލިއެވެ.

"ހީވަނީ އެވީ އަހަރެން ދޫކޮށްލާފައި ދާން އުޅޭހެން. އާދޭސްކޮށްފަ ބުނަން. އެވީ ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދައްޗޭ. އަހަރެންނަށް ޔަޤީން އެދުވަހަކުން އަހަރެން ދުނިޔެއިން މޮޔަވެފައިވާ ހާލު މުޅި މާލޭގަ އެނބުރޭނެކަން" މާހިލް ވާހަކަދެއްކިއެވެ.

"މާހިލް މިއަދު ކީކޭ ތިކިޔަނީ. އަހަރެން ދުވަހަކުވެސް މާހިލް ދޫކޮށްލާފައި ނުދާނަން. މަރުވެގެން ނޫނީ. އެފަދަ ދުވަހެއް ނުދައްކަވާށި" އާވާ ބުނެލިއެވެ.

"ނޭނގެ އެވީ. ވަރަށް ފަޑުފާޑުގެ އިހުސާސްތަކެއް މިހާރަކަށް އައިސް އެބަކުރެވޭ. އަބަދު ހުންނަނީ ހިތްބިރުގަނެފަ. ބޮލުގަވެސް އެބަރިއްސާ. މޮޑެލަދީފާނަންތަ؟" މާހިލް ވާހަކަދެއްކިއެވެ.

"ހިނގާ ކޮޓަރިއަށް ރެސްޓްކޮށްލަން. އަހަރެން މިދަނީ ބޯލަން އެއްޗެއް ހިފައިގެން" އާވާ ވާހަކަދެއްކިއެވެ.

އާވާގެ ބަސްޤަބޫލުކޮށް މާހިލް ސޯފާއިން ތެދުވެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އާވާ ބަދިގެއާއި ދިމާލަށް ދިޔައީ މާހިލް ދިޔަ ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައެވެ. އޭނާގެ ހިތުގައި ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ. ކުއްލިއަކަށް މާހިލް އެކަހަލަ ވާހަކަތަކެއް ދައްކަން އެފެށީ ކީއްވެގެން ހެއްޔެވެ؟

ކޮޓަރި އެނދުގައި އިށީނދެގެން އިން އަނުމް އިނީ އިވިގެންދިޔަ ވާހަތަކުން ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އޭނާ މިހުރިހާ ދުވަހު އެއްވެސް ސަބަބަކާ ނުލާ ނަފްރަތުކުރަމުން އައި އާރިޔަން އޭނާދެކެ ލޯބިވާކަން މިއަދު އިނގިއްޖެއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އާރިޔަންއަށް އޭނާއަށް ވުރެ ރީތި ރަނގަޅު ކުއްޖަކުވެސް ލިބިދާނެ ނޫން ހެއްޔެވެ؟ އާރިޔަންގެ މަންމަ އެހާ ބޮޑަށް ނަފްރަތު ކުރާ އިންސާނެއްދެކެ އާރިޔަންއަށް ލޯބިވެވެންވީ ކީއްވެގެން ހެއްޔެވެ؟ އާރިޔަންދެކެ އޭނާ ފޫހިވާވަރު އާރިޔަންއަށް އޮޅިފައެއް ނޯންނާނެއެވެ. އަދި މިހާތަނަށް އާރިޔަންގެ ނަމުން ގޮވާލެވިފައިވެސް ނެތެވެ. ކޮންމެގޮތެއް ވިޔަސް އާރިޔަން މިވަނީ އޭނާގެ މަންމަގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލާފައެވެ. އަނުމްއަށް ނޭނގެނީ ދެން އޭނާ ކަންތައް ކުރާނެ ގޮތެކެވެ.

އަނުމް ތެދުވެގެން ކޮޓަރީގައި ދެކޮޅަށް ހިނގަން ފަށައިފިއެވެ. އޭނާގެ ހިތަށް ބުނަން ނޭނގޭ އުނދަގޫތަކެއް ވާން ފަށައިފިއެވެ. އެހުރިހާ ވާހަކަތަކެއް އަޑު ނޭހުނު ނަމައެވެ. އެންމެފަހުން އަނުމް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ރަނގަޅަށް ބަލައިލިއެވެ. ފައިން ފެށިގެން ބޮލާއި ހަމައަށެވެ. މަޑުޖައްސާލީ ދެލޮލަށް ބަލައިލަމުންނެވެ. އޭނާ ލޯގަނޑާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. މޫނު ލޯގަނޑާއި އިތުރަށް ކައިރިކޮށްލާފައި އަމިއްލަ ދެލޮލަށް ބަލައިލިއެވެ. އޭނާގެ މުސްތަގުބަލް އުޖާލާވެފައި ވަނިކޮށް ފެނިއްޖެއެވެ. ކުރިން އެދެލޮލުގެ ތެރެއިން ވިރާނާކަން ނޫނީ އެހެން އެއްވެސް އެއްޗެއް އޭނާއަށް ނުފެނެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވެސް ހިނދުކޮޅެއްގެ ތެރޭގައި ފިލައިފިއެވެ.

"އާރިޔަން! އަހަރެން ދިރިއުޅުމެއް ފަށަން ބޭނުން. އެކަމަކު އެއީ އާރިޔަންއެއް ނޫން ކަންނޭނގެ. އިނގޭ އެއްޗަކީ އާރިޔަންއަކީ އަހަރެން އެދޭ ބައިވެރިޔާއެއް ނޫންކަން. އަހަރެން ގަޔާވާ އެއްވެސް ސިފައެއް އާރިޔަންގެ ކިބައިން އަހަރެންނަށް ނުފެނޭ" އަނުމް އަމިއްލަ ނަފްސާ ވާހަކަދައްކަމުން އައިސް އެނދަށް އަރައިފިއެވެ. އޭނާއަށް ރަނގަޅީ ދުވަހަކުވެސް އޭނާގެ ކުރިމަތީގައި އާރިޔަން ލޯތްބަށް ނޭދުނިއްޔާއެވެ.

ނިދިފައި އޮތް މާހިލްއަށް ބަލަހައްޓައިގެން ހެޑްބޯޑުގައި ލެގިލައިގެން އާވާ އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެއް އަތުން މާހިލްގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ހުދު އޭނާގެ ބޮލުގައިވެސް ރިހުމެއް އުފެދިއްޖެއެވެ. ސިކުނޑިއަށް ބާރުބޮޑުވާން ފެށުމުން އިންތަނުން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ވުޟޫކޮށްލައިގެން ނިކުމެ ނަމާދަށް އަރައިފިއެވެ. ﷲ ތަޢާލާގެ ހަޟްރަތަށް ދެރަކްޢަތުގެ ނަމާދެއްކޮށް ސަޖިދައިގައި ދުޢާ ދެންނެވިއެވެ. އޭނާގެ ކައިވެންޏަށް ހަސަދަވެރިއެއްގެ ވިހަގަދަ ނަޒަރު އަމާޒުނުކުރެއްވުމަށް އެދި ދެންނެވިއެވެ.

ދެމަފިރިންގެ މެދުގައިވާ ޙަޤީޤީ ލޯތްބަކީ ﷲ ތަޢާލާ ލައްވާފައިވާ އެއްޗެކެވެ. އަދި ހަމަ އެގޮތަށް ރަނގަޅު ހިތްހަމަޖެހޭ ދިރިއުޅުމަކީވެސް އެ އިލާހު ދެއްވާ އެއްޗެކެވެ. އެފަދަ އުފާވެރި ދިރިއުޅުމެއް ރޫލާލުމުގެ ނިޔަތުގައި އެ ދިރިއުޅުމުގެ ތެރެއަށް ވަންނަ ތިންވަނަ ފަރާތަކީ އިންސާނެއްގެ ސިފައިގައި ހުއްޓަސް ޝާއިތާނެއް ފަދައެވެ. މުސައްލަ ނަގާފައި އެނދަށް ދިޔައިރު މިފަދަ އެތައް ޚިޔާލުތަކުން އާވާގެ ސިކުނޑި ފުރެމުން ދިޔައެވެ. ވެދިޔަ އެއްވެސް ކަމަކާ ގުޅިގެން އޭނާ ހުރީ މާހިލް އާ ސުވާލު ނުކުރަން ނިންމައިގެންނެވެ. އެހެނީ އެންމެ ރަނގަޅީ ފަހަތަށް ދިޔަ ކަމެއް ފަހަތަށް ދޫކޮށްލުމެވެ. އަބަދުވެސް ވިސްނަންވާނީ ކުރިމަގަށެވެ.

ވިސްނުންތަކާއި އަނިޔާވެރި ފިކުރުތަކަކުން އެތައް ބައެއްގެ ރޭގަނޑު ދިގުލާދެމުމަށްފަހު މުޅިން އާ ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. މުޅިން އާ އުންމީދުތަކާއި އެކުގައެވެ. ފަތިސް ނަމާދަށްފަހު އަނުމް ކޮޓަރިން ނިކުތީ އާދައިގެ މަތިން އޭނާގެ މަސައްކަތްތައް ފެށުމަށެވެ. އޭނާ ބަދިގެއަށް ވަދެ ހެނދުނު ސަޔަށް ތައްޔާރުކުރާ އެއްޗެހި މޭޒު މައްޗަށް ނެގިއެވެ. ފުރިޖުން މަސްނެގިއެވެ. ގެއަށް މީހަކު ވަން އަޑު އިވުމާއެކު އަނުމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ނާސިހް އައީކަން އޭނާއަށް އެނގިއްޖެއެވެ. ކޮފީތަށި ހިފައިގެން ސިޓިންރޫމަށް ނިކުތްއިރު ނާސިހް ސޯފާގައި އިނެވެ.

"ބައްޕަ ކޮފީތަށި" ނާސިހް ބަލައިލީ އަނުމް ވާހަކަދެއްކި އަޑަށެވެ. އޭރުވެސް އަތުގެ އިނގިލިތައް މަޅަމުން ދިޔަ ވަރަކަށް ތުން ތަޅުވަމުން ދިޔައެވެ. އޭނާ އިނީ ޒިކުރު ކުރުން މަތީގައެވެ.

"މިއަދު ކޮން ދުވަހެއް؟" ނާސިހް އަހައިލިއެވެ.

"މިއަދު މިއީ ފެބްރުއަރީ 20. ކަމެއް އޮތީތަ ބައްޕަގެ" އަނުމް ބުނެލިއެވެ.

"ބައްޕަ މިއެހީ ހަފްތާ ތެރެއިން ކޮންދުވަހެއްހޭ؟" ކުޑަކޮށް ހީލަމުން ނާސިހް އަހައިލިއެވެ.

"ބުރާސްފަތި. ނޫންތަ؟" އަނުމް ބުނެލިއެވެ.

"ދަރިފުޅު ހަނދާންނެތުނީތަ؟ ހޯމަ ބުރާސްފަތީގަ ބައްޕަ ރޯދައަށް ހުންނަކަން އެހާ އަވަހަށް ހަނދާންނެތުނީ" ނާސިހް ވާހަކަދެއްކިއެވެ.

"އާނ ދޯ... އަޅެ މިއަދު ހަނދާނުން ކައްސާލީ. ދެން މި ކޮފީތައްޓަށް ކިހިނެއް ހަދާނީ؟" އަނުމް ބުނެލިއެވެ.

"ދަރިފުޅު ބޯލާ. އެހެންނޫނީ ބައްޕައަށް ބޮވިދާނެ. އެހާ މީރު ވަހެއް ދުވަނީ" ސަމާސާ އެކުލެވޭ ރާގެއްގައި ނާސިހް ވާހަކަދެއްކިއެވެ.

އަނުމް އަނބުރާ ބަދިގެއަށް ދިޔައެވެ. ކޮފީތަށި އުކާލަން ޒިންކު ކައިރިއަށް ގޮސްފައިވެސް އޭނާއަށް އުކާލަން ނުކެރުނެވެ. ތަންކޮޅެއް ހިހޫވީމަ ބޯނީއޭ ހިތާ މޭޒުމަތީގައި ބެހެއްޓިއެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި ތަށި ހަރުގަނޑުގެ އެންމެ ތިރީގައި އޮތް ބޮޑުތަށި ހިފައިގެން ގޮސް އޭނާ ހުއްޓުނީ ފުށް އަޅާފައި ހުރި ބޮޑު ބާލިދީ ކައިރީގައެވެ. މަދުނުވާ ވަރަށް ތައްޓަށް ފުށްއަޅައިގެން ހިނގައިގަތްތަނާ ބަދިގޭ ދޮރަށް އާރިޔަން އަރައިފިއެވެ. އަނުމްއަށް އިރުކޮޅަކު އާރިޔަންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އިއްޔެ ފަލަކްނާޒް ކައިރީގައި އާރިޔަން ދެއްކި ވާހަކަތައް ހަނދާންވެފައި ވަގުތުން އަނުމް އަނެއްފަރާތަށް އެނބުރުނެވެ. އޭނާއަށް އާރިޔަން އާ ކުރިމަތިލާން އުނދަގުވިއެވެ. އޭނާއަށް އެއްވެސް އެއްޗެއް އިނގޭކަން އާރިޔަންއަށް އިނގެން އޭނާ ބޭނުމެއްނުވެއެވެ.

"ތެންކިޔު އަަހަރެން އަންނަންވާއިރަށް މިހާ މީރުކޮށް ކޮފީއެއް ހަދާދިނީތީ" އާރިޔަން ވާހަކަދެއްކި އަޑު އިވުނެވެ. ފުށްމޮޑެން ހުރެ އާރިޔަންއަށް އަނުމް ސިއްރު ނަޒަރެއް ދިނެވެ. އާރިޔަން ކޮފީތަށިން ކޯވަރެއް ބޯލިތަން އަނުމްއަށް ފެނުނެވެ.

"އަނުމް...! މިއަދު މަންމަންވެފަތަ؟" އާރިޔަން އަހައިލިއެވެ.

"ނޫން. އަވަސްކުރަންވެގެން" އަނުމް ބުނެލިއެވެ. އޭނާ ވާހަކަދެއްކީ އާރިޔަންއަށް ބަލައިނުލާ އިނދެއެވެ.

"އެކަމަކު އަދި ލަހެއް ނުވެއެއްނު. އަހަރެން އައިމަ އުނދަގުވީތަ؟ އަހަރެން ހިނގައިދާނަން" އާރިޔަން ކޮފީތަށި ހިފައިގެން ހިނގައިގަތެވެ.

"އަހަރެން އެހެން ބުނިންތަ؟ ތިހާ ދާންބޭނުން މީހަކު ހިފަހައްޓަން ނެތިން" އަނުމް ބުނެލިއެވެ. އަމިއްލަ ހިތަށް އަންނަމުން ދިޔަ ބަދަލުތައް ނޭނގޭ ހާލު އަނުމްއަށް އާރިޔަން އެތަނުން ފޮނުވާލަން ހިތް އެއްބަހެއް ނުވެވުނެވެ. ބުނެވުނު އެއްޗަކާ މެދު އޭނާއަށް ވިސްނާލެވުނީސް ދުލުން ބޭރުވެދިޔަ ފަހުންނެވެ.

"އަނުމް ސައިބުއީތަ؟" އަލުން އިށީންނަމުން އާރިޔަން އަހައިލިއެވެ.

"އާނ... ނޫން ނުބޮން އަދި" އަނުމް ބުނެލިއެވެ. އޭރު އަނުމް ފުށްގަނޑު މޮޑެ ނިމިގެން ގުޅަ ޖަހަން ފަށައިފިއެވެ.

"އެހެންވިއްޔާ އިހަށް އާދޭ ސައިބޯން. ހުސް ގޮހޮރާ ހުރެ ތިގޮތަށް މަސައްކަތް ކުރުމަކީ ހަށިގަނޑަށް ދެވޭ އަނިޔާއެއް" އާރިޔަން ބުނެލިއެވެ.

އަނުމްއަށް ބަދަލުތަކެއް އައިސްފައިވާކަން އިނގޭތީ އާރިޔަންއަށް އެދެމެދުގައި ރަހްމަތްތެރިކަމުގެ ގުޅުމެއް އުފައްދަން ފަސޭހަވިއެވެ. އެގުޅުން އެއަށްވުރެވެސް ގާތްކުރެވޭތޯ އޭނާ އަދިވެސް އެތައް މަސައްކަތެއް ކުރަން ބޭނުންވިއެވެ.

މާގިނައިރެއް ނުވެ އަނުމް ސައިތައްޓެއް ހިފައިގެން އައިސް އާރިޔަންގެ ކުރިމައްޗަށް އިން ގޮނޑި ދޫކޮށްލާފައި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

"ވެދިޔަ ކަމެއްފަހުން ހަނދާން ނައްތާލުމަށްފަހު އަހަރެމެން ދެމީހުން ދޭތެރޭގައި އެކުވެރިކަމެއް ބޭއްވިދާނެތަ؟" ހިމޭންކަމުގައި އިރުކޮޅެއް ފާއިތުވެދިޔަ ފަހުން އާރިޔަން ބުނެލިއެވެ.

"އެނ... ކީކޭ...؟" އަނުމް ބުނެލިއެވެ. އާރިޔަން ކުރިމަތީގައި އެގޮތަށް އިންނަން ވުމުން އެހެންޏާ ނުވާކަހަލަ އުނދަގުތަކެއް އޭނާއަށް އިހުސާސްވަމުން ދިޔައެވެ.

"އަނުމްއަށް ކިހިނެއްވެފަ ތީނީ. އަހަރެން މިއެދުނީ ރަހްމަތްތެރިކަމަށް" އާރިޔަން ބުނެލިއެވެ. އޭނާ އަނުމްއަށް ނަޒަރު ހުއްޓާލައިގެން އިނަސް އެންމެ ފަހަރަކުވެސް އަނުމް އާރިޔަންއަށް ބަލައިނުލައެވެ.

"އަހަރެން ފަހުން ޖަވާބެއް ދެންތަ؟" ޙަޤީޤަތުގައިވެސް އަނުމްއަށް އެވަގުތު ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އާރިޔަންގެ އެ އެދުން ޤަބޫލުކުރަންވެސް ހިތްއެދެއެވެ. އެހެންނަމަވެސް ވިސްނަން ވަގުތުވެސް ބޭނުންވެއެވެ.

އަނުމްއާއި އާވާ ބައްދަލުކުރީ ދުވަހުގެ ހަވީރުގެ ވަގުތުގައި ރަސްފަންނު ސަރަހައްދުންނެވެ. ގިނަ ދުވަސްތަކަކަށްފަހު ބައްދަލުވުމުން ދެކުދިން އެތައް އިރަކު އެކަކު އަނެކަކުގެ ހަށިގަނޑުގައި ބައްދާލައިގެން ތިއްބެވެ. އަތުގައި ހިފާލައިގެން ހިނގާލާފައި ގޮސް ދެކުދިން މަޑުކޮށްލީ ޕޮޕްކޯން ވިއްކާ ތަނެއްގައެވެ. ކިޔޫގައި މަޑުކޮށްލައިގެން ތިބިއިރު ކުރިމަތީގައި ތިބީ މުޅިންވެސް ކުޑަ ކުދިންނެވެ.

"ކީއްވެ ނުދިޔައީ. އަނޫ ދިޔަނަމަ ވަރަށް މަޖާވީސް" ހިޔާޖެހިފައިވާ ހުސްދިމާލެއްގައި އިށީންނަމުން އާވާ ވާހަކަދެއްކިއެވެ. އަދި އަނުމް އަތުގައި އޮތް ޕޮޕްކޯން ތަށިން ނަގައިގެން ކާން ފެށިއެވެ.

"ބައްޕަ އައިސްގެން ގޭތެރޭގެ ވަރަށް ކަންތައް ގޯސްވެފަ އޮތީ. ޤާދިރުގެ ކަންތައް އެއީ ސަންތި ކުރި ކަމެއްކަން އިނގުނީމަ ބައްޕަ ވަރަށް ސަކަރާތްވެފަ ހުރީ. ސަންތި ގެއިން ނެރެންވެސް އުޅުނު. އަސްލު އެހެންވެ ނުދެވުނީ" އަނުމް ވާހަކަދެއްކިއެވެ.

"އެހެންތަ. އެއްކަލަ އާރިޔަން އެކަމުގަ ބައިވެރިއެއް ނުވޭދޯ. އަހަރެންނަށް އޭރުވެސް އިނގުނު. މީހާ ކިތަންމެ ނުބައި ވައްތަރަކަށް ހުއްޓަސް އަސްލު ވަރަށް ހިތްސާފު ސޮރެއްކަން އެއީ" އާވާ ވާހަކަދެއްކިއެވެ. އާރިޔަންގެ ވާހަކަ އާވާ ދައްކަން ފެށުމުން އަނުމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މިރޭ އޭނާ އާރިޔަންއަށް ޖަވާބެއްދޭންޖެހޭކަން ހަނދާންވެއްޖެއެވެ.

"ތިއެއް ނޫނޭ. އަހަރެން މިރޭ އެބަޖެހޭ އާރިޔަންއަށް ޖަވާބެއްދޭން" އަނުމް ބުނެލިއެވެ.

"އޯއެމްޖީ..." އަނުމް ބުނި އެއްޗަކުން ހަގީގަތުގައިވެސް އާވާއަށް ސިހުމެއް ލިބިއްޖެއެވެ.

"ވެރީ ފަނީ. ދެން ބުނެބަލަ އަހަރެން ކީކޭ ބުނާނީ" އަނުމް ބުނެލިއެވެ.

"ޑިޑް ހީ ޕްރޮޕޯސް ޔޫ؟" އާވާ އަހައިލިއެވެ.

"ވަޓް....؟؟ ނޯ..... އޭނަ ބުނީ އެކުވެރިކަމެއް ބޭއްވިދާނެހޯ" އަނުމް ވާހަކަދެއްކިއެވެ.

"އަސްލު ބުނަންތަ ރަނގަޅު ވާހަކައެއް. މީހަކު ހުންނަ ގޮތަކުން އެމީހާގެ ގޮތެއް ނޭނގޭނެ. ބައެއްފަހަރު އަހަރެމެންނަށް ހީވޭ ދޯ އިސްތަށިގަނޑު ދިގުކޮށްފަ ތިބޭ މީހުންނަކީ ރާބޯ ބައެކޭ. އެއީ ތެދަކަށް ނުވެވެސް ހިނގައިދާނެ. އަހަރެންގެ ހިތެއް ނުބުނޭ އާރިޔަންއަކީ ނުލަފާ ކުއްޖެކޭ. މިސާލަކަށް އޭނަގެ ވިސްނުން ތަފާތުވެދާނެ. ނޫނީ މީހުންނަށް އޭނަ ފެންގޮތުން ވިސްނާގޮތް ތަފާތުވެދާނެ. ވެދާނެ އެކަހަލަ ވިސްނުމެއް އަނޫގެ ހުރިކަމަށް. " އާވާ ވާހަކަދެއްކިއެވެ.

"އަހަރެން އާއެނކޭތަ ބުނަންވީ؟" އަނުމް އަހައިލިއެވެ.

"މިސާލަކަށް އާރިޔަންއަކީ ވަރަށް ގޯސް މީހެކޯ. އަނޫގެ ސަބަބުން އާރިޔަން ރަނގަޅު މަގަށް ގެނެވިދާނެ. އެކަމުގެ ހެވާއި ދަރުމަ ހުރީ ހަމަ އަނޫއަށް. އަނޫގެ ސަބަބުން މީހަކު ﷲ ގެ މަގަށް ރުޖޫޢަ ވެއްޖިއްޔާ އެއީ ވަރަށް އުފާވެރި ހަބަރަކަށްވާނެ. އާޚިރަތުގައި އަނޫގެ ނަސީބު އަތުގައި ހިފާނެ. އެހެންވީމަ އެކުވެރިކަން ޤަބޫލުކުރުމަކުން ގޯހެއްނެތް" އާވާ ވާހަކަދެއްކިއެވެ.

އަނުމް ވިސްނައިލިއެވެ. އޭނާ އާވާ ކައިރިން އެދުނީ ހަމައެކަނި ހިޔާލަކަށެވެ. އާރިޔަންގެ އެކުވެރިކަން ޤަބޫލުކުރަން ހުދު އޭނާގެ ހިތްވެސް ދިޔައީ ބުނަމުންނެވެ. ނަމަވެސް މިއަދު އާވާ އެދެއްކި ވާހަކަތައް އޭނާގެ ވިސްނުން އިތުރު ހަރުފަތަކަށް ގެންގޮސްފިއެވެ.

އާވާ ގެއަށް ދިޔައީ ޙާޖަރާއި ރިޒާއާ ވެސް ބައްދަލުކޮށްފައެވެ. ގޭދޮރުމަތީގައި ހުރެ މާހިލްއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދިނެވެ. އެންމެފަހުން އޭނާ ގެއަށް އައީ ރިޒާއާ އެކު ސައިކަލުގައެވެ.

ހުޅުވިގެން ދިޔަ ދޮރުން އެތެރެއަށް ވަނުމަށްފަހު އެއްފަރާތުގައި ހުރި ފައިވާން ހަރުގަނޑުގައި ބޫޓު ބެހެއްޓުމަށްފަހު އާވާ އެނބުރުނެވެ. މައްޗަށް ނަޒަރު ހިންގާލި ވަގުތު ޝާނިމްގެ ކޮޓަރި ދޮރު ހުޅުވާލާފައި ހުއްޓާ ފެނުނެވެ. އޭނާއަށް ޝާނިމް ގޭގައި އުޅޭކަން އިނގުނެވެ. ސިޑިން އަރައިގެން ގޮސް އޭނާ ކޮޓަރިއަށް ވަދެ ދެވަނަ ފަހަރަށް މާހިލްގެ ނަންބަރަށް ގުޅައިލިއެވެ. ޖަވާބެއް ނުދިނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު މަަޣްރިބް ނަމާދަށް ގޮވަން ކުޑަ ވަގުތުކޮޅެއް އޮތެވެ. ބެލްކަންޏަށް ނިކުމެލީ ހިތްހަމަޖައްސާލުމަށެވެ. ޝާނިމްގެ ކޮޓަރީ ބެލްކަންޏަށް އޭނާއަށް ބަލައިލެވުނީ އޮޅުމަކުންނެވެ. ނަމަވެސް ފެނުނު މަންޒަރަކުން ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްނުލެވުނެވެ. އާވާއަށް އަނގަމަތީގައި އަތް އަޅާލެވިއްޖެއެވެ. ބެލްކަނީގެ ފާރުކޮޅު މަތީގައި އަމާޔާ އޭނީ އިށީނދެގެން ވިއްޔާއެވެ. ބުރުގާވެސް ނާޅާ އިންއިރު ލައިގެންވެސް އިނީ އަތްކުރު ޓީޝާޓްކޮޅެކެވެ.

"މާޔާ...!" އާވާ އަމާޔާއަށް އިވޭ ވަރަށް ގޮވައިލިއެވެ.

"އެވީ...!!! ނަސީބެއް އެވީ އައިކަން އަހަރެން މަރުނުވަނީސް. އާދެބަލަ މިކޮޓަރިއަށް" އަމާޔާ އެދުނެވެ. އާވާ އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް އެކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.

ޝާނިމްގެ ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އާވާއަށް ފާާހާނާ ދޮރު ބުޑުގައި އޮތް ޓޮމީ ފެނިއްޖެއެވެ. އަމާޔާ އެތަނުގައި އިންނަން ޖެހުނު ސަބަބު އާވާއަށް ވިސްނިއްޖެއެވެ. އޭނާ ކައިރިއަށް ހިނިއައެވެ. ލައްޕާލާފައި ހުރި ބެލްކަންޏާ ދިމާލަށް ދާން އާވާ ހިނގައިގަތުމާއެކު ޓޮމީ ތެދުވެއްޖެއެވެ. އާވާ ޖެހިލުންވިއެވެ. ނަމަވެސް މިހާރު އޭނާގެ ހިތުން ކޮންމެވެސް ވަރަކަށް ބިރު ފިލައިފައި ވުމުން ޓޮމީއަށް މަކަރުވެރި ހިނިތުންވުމެއްދިނެވެ.

ޓޮމީއަށް ފާހަގަނުވާނޭހެން ލަސް ފިޔަވަޅުތަކެއް އަޅަމުން އާވާ ބެލްކަނި ދޮރު ހުޅުވާލައިފިއެވެ. އެއާއެކު އަމާޔާ ފުރަގަހުން އައިސް އާވާގެ ހެދުމުގައި ހިފައިގަނެއްޖެއެވެ.

"ޓޮމީ ކިހިނެއް މިތަނަށް ވަނީ" އާވާ އަހައިލިއެވެ.

"ކިހިނެއް އިނގޭނީ. އަހަރެން ނިދިފައި އޮތީ. ދެލޯ ހުޅުވާލިއިރު އިނީ ވަރަށް ކައިރީގަ. އެހެންވެ މިތަނަށް އައީ. އެހެންނޫނަސް މިގޭ ތަނަކަށް އޭނަ ވަންނަން ވެއްޖިއްޔާ ހުއްދަ ހޯދުމެއް އޮވޭތަ؟ އެވީ ޕްލީޒް. އޭނަ ނެރެދީ" އާވާ ވާހަކަދެއްކިއެވެ. ނުހޭން ހުއްޓަސް އަމާޔާގެ ވާހަކަތަކުން އާވާއަށް ހެވިއްޖެއެވެ.

"އަހަރެންނަށްވެސް ޓަސްލާފަ ކައިރިވާން ނުކެރޭނެ. މަ އެއްފަހަރު ބުނެގެން ނުވެސްދާނެ. މާހިލް ބުނީމަ ވަގުތުން ދާނީ" އާވާ ބުނެލިއެވެ.

"ދެން އެހެންވިއްޔާ އޭނދަ ކޮނޑުގައި އިން ހެދުމާ ބުރުގާ ގެނެސްދީބަލަ. މިހެން ހުއްޓާ މާހިލްސަރ ކަންނޭނގެ އަންނާނީ" އަމާޔާ ބުނެލިއެވެ. އާވާ އަލުން ކޮޓަރިއަށް ވަދެގެން ގޮސް އަމާޔާއަށް ހެދުން ގެނެސްދިނެވެ.

"ޝާނިމްސަރ އަންނަންދެން ހިނގާ މިކޮޓަރިން ބޭރަށް. ޓޮމީ ނިކުންނަން ނޫޅެންޏާ ދެން އަހަރެމެންތާ ނިކުންނަން ޖެހޭނީ" އާވާ ބުނެލިއެވެ.

އާވާ ފަސްފަހަތުގައި ހުރެގެން އަމާޔާ ހިނގައިގަތެވެ. ވަކިވަރަކަށް ކޮޓަރިއަށް ނިކުމެވުމާއެކު އަމާޔާއަށް ދުއްވައިގަނެވިއްޖެއެވެ. އަމާޔާ އުޅުނު ގޮތުން އާވާ މަޖާވެފައި ހުއްޓަސް ޓޮމީ ބަލަން އޮތް ގޮތުން އޭނާވެސް ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އެހެންކަމުން ކޮޓަރީ ދޮރު ލައްޕާލެވުނީވެސް ފުދޭވަރަކަށް ބާރަށެވެ.

ބައްދަލުވުން ނިންމާލުމަށްފަހު ޝާނިމްއާއި މާހިލް އޮފީހުން ނިކުތީ އެކީގައެވެ. އެހެންނަމަވެސް ޝާނިމް ބޭސްފިހާރައަކަށް ދާން ބޭނުންވާ ވާހަކަ ބުނުމުން މާހިލް ކާރުގައި ނައްޓާލިއެވެ. އޭރު ގަޑިން ދިހައެއްޖަހަން ގާތްވެއްޖެއެވެ. ވަކި ހިސާބަކަށް ދުއްވިތަނާ ނައިޝީ ގުޅަން ފަށައިފިއެވެ. މާހިލްއަށް ބުރަކި ޖައްސައިލެވުނީ ކުއްލިއަކަށެވެ. އޭނާ ފޯނު ނެގީ އެނޫންގޮތެއް ނެތިގެންނެވެ. ނުނަގައިފިނަމަ ނައިޝީގެ އުނދަގުތައް ހައްދުފަހަނައަޅާ ހިނގައިދާނެތީއެވެ.

"ނުވާނެ މިވަގުތަކު. ކިހިނެއްވެގެން ތިއުޅެނީ؟" މާހިލް ރުޅިއައެވެ.

"އެންމެ ރަނގަޅު. އެކަމަކު ކޮޓަރިއަކަށް އަހަރެން ނުދާނަން. އަހަރެެން ކަލޭ ކީއްކުރަން ހިލޭ އެއްވެސް އަންހެނަކާއެކު އެކަހެރި ބައްދަލުވުމަކަށް ނުދާނަން" މާހިލް ބުނެލި އަޑު އިވުނެވެ.

"މިއުޅެނީ އަހަރެން ބައްދަލުކުރަން ބޭނުންވެގެނެއް ނޫނޭ. އަހަރެން މަޑުކޮށްލައިގެން މީނީ ދިރާގު ހެޑް އޮފީސް ކުރިމަތީގަ. އަންނަންޏާ އާދޭ. މާގިނައިރަކު އަހަރެން މިތަނުގައި ނުހުންނާނަން" އަނެއްކާވެސް މާހިލް ބުނެލިއެވެ.

ކާރު ތެރެއަށް ނައިޝީ އަރާފާނެތީ މާހިލް ކާރުން ފޭބިއެވެ. އަދި ލޮކް ކުރުމަށްފަހު ކާރުގެ ދޮރުފަތުގައި ލެގިލައިގެން ހުއްޓުނެވެ. ތަންކޮޅެއް ދުރަށް މަޑުކޮށްލި ހުދުކުލައިގެ ޓެކްސީއިން ފޭބި ނައިޝީ އޭނާއަށް ފެނުނެވެ. ފަރި ހިނގުމުގައި އަންނަން ފެށުމުން މާހިލް މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އިރެއްގައި ނައިޝީގެ ކޮންމެ އިޝާރާތަކަށް އޭނާގެ ހިތް ފިދާވަމުން ދިޔަސް ނައިޝީއަށްޓަކައި މިހާރު އޭނާގެ ހިތުގައި ވަނީ ހަމައެކަނި ފޫހިކަމެވެ.

"ވާރޭ އަންނަން އުޅެނީ ކަންނޭނގެ. ހިނގާ ރެސްޓޯރަންޓް ތެރެއަށް ވަންނަމާ" މާހިލް ބަހެއްނުކިޔާ ހުރުމުން ނައިޝީ ކުރިން ހިނގައިގަތެވެ. ހިތްހަމަނުޖެހިފައި ހުރެވެސް މާހިލް ހިނގައިގަތީ ބޮޑުތިކި ވާރޭތަކުން އޭނާގެ މޫނަށް ހަމަލާދޭން ފެށުމުންނެވެ.

"

ކޯޗެއް ކާނީ. މިރޭ މިއީ އަހަރެންދޭ ޓްރީޓެއް" ނައިޝީ ބުނެލިއެވެ.

"އަހަރެން މިއުޅެނީ ބަނޑަށްޖެހިގެނެއްނޫން. ކީއްކުރަން ބައްދަލުކުރަން ބުނީ" މާހިލް ބުނެލިއެވެ.

"ހެހެހެ... ހާދަ ކެތްމަދުވެފަ. މިބުނަނީއޭ.... މަޑުކޮށްބަލަ ފެންފޮދެއް ބޯލަންދެން..." ނައިޝީ ބުނެލިއެވެ.

ބިއްލޫރިތަށިން ތުނބުގައި ޖަހައިގެން ލަސްލަހުން ފެންބޮމުން ދިޔަ ނައިޝީގެ ނަޒަރު މާހިލްއަށް ހުއްޓިފައިވާތަން ފެނުމުން މާހިލް އިނީ ނޭނގޭކަމަށް ހަދައިގެންނެވެ. އޭނާ ދުރަށް ނަޒަރު ހުއްޓާލައިގެން އިންއިރު ހިތުގައި ނުތަނަވަސްކަމެއްވެސް ވިއެވެ.

"އަހަރެންނަށް ވަގުތެއްނެތް" މާހިލް ބުނެލިއެވެ. ނައިޝީ ބަލަހައްޓައިގެން އިންގޮތުން މާހިލްއަށް އުނދަގުވަމުން ދިޔައެވެ.

"ބޭނުމީ ކިސްއެއް. ދެވޭނެތަ؟" ނައިޝީ ބުނެލިއެވެ.

"އެހެންކަމަކާ އުޅޭ." މާހިލް ގޮނޑިން ފުންމައިގެން ތެދުވެއްޖެއެވެ.

"އަހަރެން ބޭނުން ކޮންމެ އެއްޗެއް މާހިލް އަތުން ހޯދާނަން. އާވާވެސް ދުރަށް ފޮނުވާލާނަން" ނައިޝީ ބުނެލިއެވެ.

"ތީކީ ކަލެއަށް ވާނެ ކަމެއް ނޫން. ތިމާއަށް ވާވަރުގެ ކަންތަކާ އުޅޭނީ. އަހަރެންނާ އަހަރެންގެ އަނބިމީހާ ދުރުވާނީ ހަމައެކަނި ކޮންމެސް އެކެއްގެ މަރު ދެމެދަށް ހުރަހަކަށް ވެގެން" މާހިލް މަޑުނުކޮށް ހިނގައިގަތެވެ.

"އަޑުއަހަންތަ ފަންޑިތަ... ސިޙުރު..... ހެހެހެ.... އަހަރެން ވަރަށް ރައްޓެހި އެއްޗެހި އެއީ..." ނައިޝީ ބުނެލި ޖުމްލައާއެކު މާހިލްއަށް ހީވީ އޭނާގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅިހެންނެވެ. ހިނދުކޮޅަކަށް ދުނިޔެ ހުއްޓުނުހެންވެސް ހީވެއްޖެއެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލައިފިއެވެ.

(ނުނިމޭ)