އިސްލާމިކް މިނިސްޓްރީ

ޙިޖާޒުގެ ޤާފިލާ 37

އަބްދުﷲ ފާރޫގް ހަސަން

2

(22 ފެބުރުއަރީގެ އަދަދާ ގުޅޭ)

حسّان ވިދާޅުވިއެވެ. "ހުރުމުޒު ތިޔަބޭފުޅުންނާމެދު ކަންތައް ކުރައްވާގޮތަށް އަދިވެސް ބަދަލެއް ނާންނަނީތޯއެވެ؟"

"ނޫނެކެވެ. މިހާރަކު އަޅުގަނޑުމެންނަކަށް ހުރުމުޒުގެ ސަބަބަކުން ކަންބޮޑުވާކަށެއް ނުޖެހެއެވެ. ޢިރާޤުގެ ސަރަޙައްދަށް މުސްލިމުންގެ ޙަމަލަތައް ކުރިމަތިވާން ފެށިފަހުން އޭނާގެ މިޒާޖުވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. މިހާރު އޭނާވަނީ މިސަރަޙައްދުގެ ހަމަކޮންމެ މީހެއްގެ ފަރާތުންވެސް އެއްބާރުލުން ހޯއްދަވާން ބޭނުންފުޅުވެފައެވެ. ދާދިފަހުން އޭނާ ބައްޕާފުޅުގެ ހާލުކޮޅު ބައްލަވާން މިގެއަށްވެސް ވަޑައިގެންނެވިއެވެ. މިދުވަސްވަރު އޭނާގެ ގޭގައި މިސަރަޙައްދުގެ ކުރިޔަށް ތިބިމީހުންގެ ބައްދަލުވުމެއް އެބަބޭއްވެއެވެ. މުސްލިމުންނާ ދެކޮޅަށް ޖަވާބުގެ ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން ރޭވިފައިވާ ރޭވުންތަކާމެދު މަޝްވަރާ ކުރެއްވުމަށްޓަކައެވެ. އޭނާ ބައްޕާފުޅުވެސް ބަލައިފޮނުއްވިއެވެ. ނަމަވެސް އާލާސްކަންފުޅާހުރެ ބައްޕަޔަކަށް ވަޑައެއް ނުގެންނެވުނެވެ."

"ކަލާ ތިޔަވިދާޅުވަނީ ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުނަމަ މުސްލިމުންނާ ދެކޮޅަށް ހުރުމުޒާ ބައިވެރިވެވަޑައިގަތީސް ކަމުގައިތޯއެވެ؟"

"ބައްޕާފުޅު އަދިވެސް ހުރުމުޒަކަށް މާފެއް ނުކުރައްވައެވެ. ނަމަވެސް މުސްލިމުން ޢިރާޤަށް އަރައިގަތުމަކީ ބައްޕާފުޅު ފަހަރެއްގައިވެސް ޤަބޫލުކުރައްވާނެކަމެއް ނޫނެވެ." ހުރުމުޒު ބައްޕާފުޅުގެ އަރިހަށް ވަޑައިގަތުމުން ބައްޕާފުޅު ސާފުބަހުން ވިދާޅުވިއެވެ. "ޢިރާޤުގެ ޢަރަބި ދަނޑުވެރީންނާމެދު އީރާނުގެ ވެރީންނާއި ބިންވެރީން ރަނގަޅަށް ކަންތައް ކުރައްވާނަމަކަ ދާދި މަދު މުސްލިމުންކޮޅަކަށް ޢިރާޤުގެ ސަރަޙައްދާ ދިމާޔަށް އިސްއުފުލައި ބަލައިލާކަށެއްވެސް ނުކެރުނީހެވެ." ބައްޕާފުޅުވަނީ ޢަރަބި ދަނޑުވެރީންނާމެދު ހުރުމުޒު ކަންތައް ބަހައްޓަވާގޮތް ބަދަލުކުރެއްވުމަށް ނަސޭހަތް ދެއްވައިފައެވެ. ހުރުމުޒުވެސް ވަނީ މީގެފަހުން ޢަރަބި ދަނޑުވެރީންނަށް ޝަކުވާކުރާނެ ޖާގައެއް ނުދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

حسّان ވިދާޅުވިއެވެ. "ކަލާ ތިޔަ ވިދާޅުވަނީ މިނިކާވަގަކަށް ބަކަރި ހުއިހައްޕާ މީހެއްގެ ހެދުންލާން ޙާލަތު މަޖުބޫރުކޮށްފިނަމަ ކަންބަޅިތައްވެސް ހިތްހަމަޖައްސައިލާންވީ ކަމުގައިތޯއެވެ؟"

"ނޫނެކެވެ. ބައްޕާފުޅު ހުރުމުޒާމެދު އެއްގޮތަކަށްވެސް ހިތްޕުޅު ހަމަޖައްސަވައިލެއްވީކީ ނޫނެވެ. ނަމަވެސް މުސްލިމުން މިސަރަޙައްދާ ދުރުގައި ބައިތިއްބުމަށްޓަކައި ކިތަންމެ ނުބައި ވެރިޔަކަށް އެހީތެރިވެދެއްވާކަށްވެސް ބައްޕާފުޅު ފަސްޖެހިވަޑައެއް ނުގަންނަވާނެއެވެ. ބައްޕާފުޅު ވިސްނައިވަޑައިގަންނަވާ ގޮތުގައި ޢަރަބި ދަނޑުވެރީންގެ ސަލާމަތް އޮތީވެސް ޝަހެންޝާހަށް ވަފާތެރިކަން ސާބިތުކޮށް ދިނުމުގައެވެ. އޭރުން ހުރުމުޒު ކަހަލަ އަނިޔާވެރީންވެސް އެބައިމީހުންނަށް އަނިޔާކުރާން ލަދުގަންނާނެއެވެ."

حسّان ވިދާޅުވިއެވެ. "އެބައެއްގެ ބޭބެއިންނާއި ރަޙުމަތްތެރީން ކިސްރާގެ ތާޖާއި ތަޚުތުގެ ދިފާޢުގައި ފުރާނަ ދީފައިވާ މީހުންނަށް އަނިޔާކުރައްވަން ހުރުމުޒު ލަދުފުޅުގެން ވަޑައިގެންނެވިތޯއެވެ؟"

ماه بانو ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަވާހަކަ ބައްޕާފުޅަށްވެސް ދެންނެވީމެވެ. ބައްޕާފުޅު ވިދާޅުވިއެވެ. "ޢަރަބި ދަނޑުވެރީން މިހަނގުރާމައިގައި ބައިވެރިވެ ކުރިޔަށް ނުކުމެއްޖެނަމަ ހުރުމުޒުގެ އަނިޔާއާ ދެކޮޅަށް އެބައިމީހުން އުފުލާ އަޑުތައް މަދާއިނުގެ ގަނޑުވަރުތަކާ ހަމަޔަށް ފޯރާނެއެވެ. އީރާނުގެ ވަޒަންދެކެ ލޯބިވާ މީހުން އެބައިމީހުންނަށް ޙިމާޔަތް ދޭނެއެވެ. އޭރުން ހުރުމުޒު ރަނގަޅު މަގު ޚިޔާރު ނުކުރައްވައިފިނަމަ އޭނާގެ ބަދަލުގައި ހެޔޮލަފާ ވެރިޔަކު ފޮނުވޭނެއެވެ. ހުރުމުޒު އަނިޔާ ކުރައްވަނީ އެބައެއްގެ އަޑުތައް ކިސްރާގެ ކަންފަތްޕުޅާ ހަމަޔަށް ނުފޯރާ މީހުންނަށެވެ. އަޅުގަނޑުމެންނާ ދެކޮޅަށް އޭނާގެ ހިތްޕުޅަށް އައިހާކަމެއް ކުރެއްވިދާނެކަމުގެ ޔަޤީންކަން އޭނާއަށް ލިބިވަޑައިގެންފައި އޮތްއިރު އޭނާ ސާބިތުކޮށްދެއްވީ އޭނާގެ ހިތްޕުޅު ހިލައަށްވުރެވެސް ހަރުކަމެވެ. ނަމަވެސް ޒަރުބަޚުތަށް މަދާއިންގެ ނުފޫޒުހުރި ބޭބޭފުޅުންނާ ހަމަޔަށް ވަޑައިގެންނެވިއްޖެކަން ހަމަ އެނގިވަޑައިގަތުމާއެކު އަޅުގަނޑުމެންނާ ދިމާޔަށް ރަޙުމަތްތެރިކަމުގެ އަތްޕުޅު ދިއްކުރައްވާކަށެއް އޭނާ ލަހެއް ނުކުރައްވައެވެ. އެއްދުވަހަކު ބައްޕާފުޅު ވިދާޅުވިއެވެ. "ޢިރާޤުގެ ޙާލަތު މިހާރު މިދަނީ ހަލުއިކަމާއެކު ބަދަލުވަމުންނެވެ. ދުވަސްކޮޅެއްގެފަހުން حسّان އެނބުރި ގެއަށް ވަޑައިގަތަސް ހުރުމުޒު އޭނާއާ ސަލާމްކުރެއްވުމަކީ އޭނާގެ ޤަދަރަށް އުނިކަމެއް ލިބޭކަމެއް ކަމުގައެއް ނުބައްލަވާނެއެވެ. އެންމެ ކުޑަމިނުންވެސް މިގޭގައި އޭނާއަށް އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ."

حسّان ވިދާޅުވިއެވެ. "އަޅުގަނޑު ހުރުމުޒާ ބައްދަލުވެއްޖައީމޭ އަދި އޭނާއާ ވާހަކަވެސް ދައްކައިފީމޭ އެކަމަކު އަޅުގަނޑު އޭނާއާ އަތާއަތް ޖޯޑުކުރުމަކީ ބޭނުންކަމެއް ކަމަކަށެއް ނުދެކެމޭ ދަންނަވައިފިނަމަ ކަލާއަށް އެވާހަކަ ތެދުކުރެއްވޭނެތޯއެވެ؟"

"ކަލާ ހުރުމުޒުގެ އަރިހަށްވެސް ވަޑައިގެންފީމުތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑު ދިޔައީ އޭނާގެ އަރިހުގައި އޭނާގެ ހިސާބު ހަމަޖެއްސުމުގެ ދުވަސް ވަރަށް ގާތްވެއްޖެ ވާހަކަ ދަންނަވާން ވެގެންނެވެ."

"އެހެންވެ ހުރުމުޒުގެ ސިފައިން މިހާރު ކަލާގެ ފަހަތްޕުޅުން ކަލާ ހޯދަމުން ގެންދަނީ ދޮގެއްތޯއެވެ؟"

"ހުރުމުޒުގެ ސިފައިންނަކަށް ރޭގަނޑަކު އަޅުގަނޑު ހޯދައެއް ނުގަނެވޭނެއެވެ. އެބައިމީހުން އައީ އަޅުގަނޑު ސަރަޙައްދުން ބޭރަށް ނެރޭންވެގެންނެވެ. އެބައިމީހުންނަށް އޯޑަރުއޮތީ އިރުއޮއްސުމުގެ ކުރީން އަޅުގަނޑު އެބައިމީހުންގެ ސަރަޙައްދުން ބޭރުނުވެއްޖެނަމަ އަޅުގަނޑުގެ ބޯކަނޑައިލުމަށެވެ. މިހާރު އެބައިމީހުން މާޔޫސްވެގެން އެނބުރި ނުދާކަމުގައިވާނަމަ މިތަނާ ހައެއް ހަތެއް ކޯހުގެ ދުރުގައިއޮތް ޖަންގައްޔެއްގައި އަޅުގަނޑު ހޯދަމުން ގެންދާނެއެވެ. އެބައިމީހުން އެދިއެދި ތިބީ އިރުއޮއްސުމުގެ ކުރީން އަޅުގަނޑަށް ސަރަޙައްދު ހުރަސްނުކުރެވުމެވެ. ނަމަވެސް އަޅުގަނޑު ސަރަޙައްދު ހުރަސްކުރުމުގެ ކުރީން އަޅުގަނޑުގެ ކޮއްކޮގެ ޚަބަރު ބަލާން ބޭނުންވާނެކަމެއް އެބައިމީހުންނަކަށެއް ނޭނގޭނެއެވެ. އެހެންކަމުން ސަރަޙައްދުގެ އެންމެފަހު ޗެކްޕޯސްޓާ އެއްމަންޒިލް ދުރުން އަޅުގަނޑުގެ އަސް މިދިމާޔަށް އަނބުރައިލުމުން އެބައިމީހުން އަޅުގަނޑަށް އެއްޗެހިގޮވުމުގެ ބޭނުމެއް އޮތްކަމަކަށް ނުދުއްޓެވެ. އެއީ ހަމީހުންނެވެ. އެބައިމީހުންގެ އަސްތަކަށްވުރެ މާބޮޑަށް އަޅުގަނޑުގެ އަސް އޮތީ ވަރުބަލިވެފައެވެ. އަޅުގަނޑުގެ އަތަކު ކަނޑިއެއްވެސް ނެތެވެ. ހުރުމުޒުގެ ދަރުބާރަށް ވެއްދިއިރު އަޅުގަނޑުގެ ހަތިޔާރުތައްވަނީ ފިރުކައިގަނެވިފައެވެ. އަޅުގަނޑުމެންނަށް އަވަށަށް ވަދެވުމުން އަޅުގަނޑާ އެކުގައި އައި ސިފައިންގެ މީހުންގެ ގާތުގައި އަޅުގަނޑު ބުނީމެވެ. "މިހާއިރުވާއިރަށް ސަރަޙައްދު ހުރަސްކުރެވޭން ޖެހޭނެއެވެ. އަނެއްކާ އަހަރެމެންނަށް މަގުއޮޅުނީކީ ނޫންބާވައެވެ؟"

އެބައިމީހުން މާނައިން ފުރިފައިވާ ހިނިތުންވުމަކާއެކު އެކަކު އަނެކަކާ ދިމާޔަށް ބަލާންފެށިއެވެ. އިރުކޮޅަކުން އޭގެތެރެއިން އެކަކު ބުންޏެވެ. "ސަރަޙައްދު އަދި ފުދޭވަރަކަށް ދުރެވެ. ނަމަވެސް ކަލޭ ކަންބޮޑުނުވާށެވެ. މިއަވަށުގެ ބޭރުން ކަލޭގެ ދަތުރު ނިމިދާނެއެވެ." އެބައިމީހުން އަޅުގަނޑު ޤަތުލުކުރާން ބޭނުންވަނީ އަވަށުން ބޭރު ވީރާނާ ތަނެއްގައިކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން އަޅުގަނޑު އެބައިމީހުންގާތު ބުނީމެވެ. "އަހަރެން ފެންފޮދެއް ބޯލަން ކަލޭމެންގެ ހުއްދަ އެބައޮތްހެއްޔެވެ؟"

އެބައިމީހުން ބުންޏެވެ. "ކަލޭ ފެންބޯކަށް އަހަރެމެންގެ ކިބައިން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. ކަލެޔަކީ އަހަރެމެންގެ ޤައިދީއެއް ނޫނެވެ. އަހަރެމެން ފޮނުވުނީ ކަލޭ ޙިމާޔަތްކުރާން ވެގެންނެވެ."

އަޅުގަނޑު ބުނީމެވެ. "މިހާރު އިރުއޮއްސޭން އުޅެނީއެވެ. އަހަރެންނަށް މަގުއޮޅިގެން ސަރަޙައްދާ މާދުރަށް އާދެވުނީކަން ނޭނގެއެވެ. މިހާރު ތިޔަބައިމީހުންގެ ހުއްދަޔަކާ ނުލައެއް އަހަންނަކަށް އެންމެ ސިކުންތަކުވެސް މަޑެއް ނުކުރެވޭނެއެވެ."

އެހައިތަނުން ޢަރަބީންގެ ބަޔަކާއި އީރާނުގެ ބަޔަކު އަޅުގަނޑުމެންގެ ގާތަށް ޖަމާވެއްޖެއެވެ. އަޅުގަނޑު އެއިންމީހެއްގެ ގާތުގައި ފެންގެންނާން ބުނެފީމެވެ. އަޅުގަނޑާއެކު އައި ސިފައިންވެސް އަވަށުގެ މީހުންނާ ވާހަކަދައްކާން ފަށައިފިއެވެ. އިރުކޮޅެއްގެފަހުން އަޅުގަނޑުމެން އެތަނުން ދަތުރު ފެށިއިރު ވަރަށް ހަވީރުވެއްޖެއެވެ. އެއަވަށުގެ ބޭރުގައި އަވަށުވެރިޔާގެ ގަނޑުވަރު ހުއްޓެވެ. އަޅުގަނޑު ކުއްލިޔަކަށް އަސްމަތީން ފުންމައިގެންގޮސް ފާރުމައްޗަށް އަރައި ބަގީޗާތެރެއަށް ފުންމައިލައިފީމެވެ. އަޅުގަނޑުގެ "އެކުވެރީން" ހަޅޭއްފަޅޭއްލަވަމުން ފާރުމަތީން އަރައިގެން ބަގީޗާގެ ތެރެއަށް ވަދެއްޖެއެވެ. ނަމަވެސް އޭރު އަޅުގަނޑު އެބައިމީހުންނަށް ފިލައިފީމެވެ. ފާރުކައިރީން ލައިފައި އިރުކޮޅެއްވާންދެން ވަރަށް ބާރަށް ދުވުމަށްފަހު ބޯގަސްތަކެއްގެ ތެރެއަށް ވަދެއްޖައީމެވެ. އަޅުގަނޑާ އެކުގައި އައި ސިފައިން ބަގީޗާގެ އަނެއްފަރާތަށް ހިނގައްޖެއެވެ. އަޅުގަނޑު ފާރުމަތީން ބަލައިލިއިރު ބޭރުގައިހުރީ އެންމެ ސިފައިންގެ މީހެކެވެ. އޭނާ ބިރުގެންފައިވާ ތިންއަހުގެ ލަގަނުގައި ހިފައިގެން އަސްތައް މަތަކުރެވޭތޯ އުޅެއެވެ. ދެންހުރި އަސްތައް އެކިދިމަދިމާޔަށް ދުވެދުވެ ތިއްބެވެ. އަޅުގަނޑު ފާރުމަތީން ބޭރަށް ފުންމައިލައިފީމެވެ. ސިފައިންގެ މީހާ ބިރުން ހަޅޭއްލަވައިގަތެވެ. އަޅުގަނޑު އޭނާގެ ކަރުގައި ހިފައިފީމެވެ. އޭނާ ވެއްޓިއްޖެއެވެ. އޭނާ ދެވަނަ ފަހަރަކަށް ތެދުވުމުގެ ބޭނުމެއް އިޙްސާސެއް ނުކުރިއެވެ. އަޅުގަނޑު އޭނާގެ ކަނޑި ފިރުކައިގަނެގެން އެތަނުން އަހަކަށް ސަވާރުވެއްޖައީމެވެ. އެއަށްފަހު ދެންހުރި އަސްތައް ފައްސައިލައިފީމެވެ. އޭރު ބަގީޗާގެ އަނެއްފަރާތުން އަންނަ ސިފައިންގެ ހަޅޭކުގެ އަޑު އިވެއެވެ. އަޅުގަނޑު އަހުގައި ހަންމުށި އަޅައިފީމެވެ. އިރުކޮޅެއްގެ ފަހުން ސިފައިންގެ ހަމީހުންގެ ބަދަލުގައި ވިއްސަކަށް އަސްވާރުން އަޅުގަނޑުގެ ފަހަތުން ފަހައި އަންނާން ފަށައިފިއެވެ. ހުރުމުޒުގެ ސިފައިންނާމެދަކު އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. ނަމަވެސް ވަރުބަލިނުވާ އަސްތަކެއްގެ މަތީގައި އަޅުގަނޑުގެ ފަހަތުން އަންނަ އެއަވަށުގެ މީހުން ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް އައީ އަޅުގަނޑާ ކައިރިކުރަމުންނެވެ. އަޅުގަނޑުގެ އަސްވެސް އޮތީ ދުވާލު ހަތަރުދަމު ދަތުރުކޮށް ވަރުބަލިވެފައެވެ. އަޅުގަނޑަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނީ ޖަންގައްޔަށް ވަދެވުމަށްފަހުގައެވެ. ނަމަވެސް އެހައިތަނުން އަޅުގަނޑުގެ އަސްވެއްޓި ފުރާނަ ދޫކޮށްލައިފިއެވެ. ޢަޖައިބުވާފަދަ އިއްތިފާޤެކެވެ. މިޖަންގަލި އަނެއްކާ އަނެއްފަހަރު އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރީއެވެ. ނަމަވެސް މިފަހަރު ނަސީބު ރަނގަޅުކަމުން އަޅުގަނޑު ޒަޚަމެއް ނުވެއެވެ."

"އެކަމަކު ކަލާ ހުރުމުޒުގެ އަރިހަށް ވަޑައިގަތީ ކީއްކުރަންވަންތޯއެވެ؟"

"އަޅުގަނޑު އޭނާގެ އަރިހަށް ދިޔައީ އީރާނުގައިހުރި އަނިޔާވެރިކަމުގެ ދިދަތައް އެކޮޅުކޮޅުން ޖައްސަވަން ޤުދުރަތުން ހޮއްވަވައިފައިވާ ލަޝްކަރުގެ ކޮމާންޑަރުގެ ސަފީރެއްގެ ގޮތުންނެވެ."

"حسّان!" ماه بانو ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ކަލާ އިސްލާމީ ލަޝްކަރުގައި ބައިވެރިވެވަޑައިގަތީތޯއެވެ؟"

"އާދޭހެވެ!" حسّان ހަމަޖެހިވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ.

ماه بانو ގެ ލޯފުޅު ކަރުނަފޮދުން ތެމިގެން ދިޔުމާއެކު ވިދާޅުވިއެވެ. "އެހެންވީއިރު ކަލާ ތިޔަވަޑައިގަތީ ހުރުމުޒުގެ އަނިޔާވެރިކަން ޖިހާންދާދުގެ ރަޙުމަތްތެރިޔާ އޭނާގެ ކޮއްކޮއާ ދެކޮޅަށް ކަނޑި އުފުއްލަވައިލައްވަން މަޖުބޫރުކުރި ވާހަކަ ވިދާޅުވާން ދޮގެއްތޯއެވެ؟"

حسّان ވިދާޅުވިއެވެ. "ޖިހާންދާދުގެ ރަޙުމަތްތެރިޔާ ޒަރުބަޚުތުގެ ދުޝްމިނަކަށް ވާނެކަމަށް ކަލާ ވިސްނައިވަޑައިގަތީ ކީއްވެގެންތޯއެވެ؟" ماه بانو ގެ ލޯފުޅުން ހޯސްލައިފައި ކަރުނަފޮދު އޮހިގެންފިއެވެ. އޭނާ ގިސްލައްވަމުން ވިދާޅުވިއެވެ. "މުސްލިމުންގެ ލަޝްކަރު ޢިރާޤުގައި ކުރިޔަށްދާން ފެށުމުން ކިސްރާގެ ލަޝްކަރު ފުރިހަމަ ބާރާއެކު މުސްލިމުންނާ ކުރިމަތިލާނެއެވެ. ކިސްރާގެ ލަޝްކަރު މައިދާނަށް ނުކުންނައިރު އެލަޝްކަރުގެ އެންމެކުރީ ސަފުގައި ޒަރުބަޚުތު ހުންނަވާނެއެވެ."

حسّان އެއްވެސް ހިއްސެއް ޙަރަކާތެއްނެތި ހުންނެވިއެވެ. ماه بانو ގެ ހަމަހިމޭން ބެއްލެވުން އޭނާއާ ތަކުރާރުކޮށް ސުވާލުކުރަމުން ދެއެވެ. "ކަލާއަކީ ހަމަ އެ حسّان ތޯއެވެ؟ ކޮންމެވެސް މައިދާނަކުން ކަލާ އަޅުގަނޑުގެ ބޭބެއާ ކުރިމަތިލެއްވުމަކީ އެކަށީގެންވާ ކަމެއްތޯއެވެ؟"

އިރުކޮޅެއްގެފަހުން حسّان ވޭނީ ރާގެއްގައި ވިދާޅުވިއެވެ. "ماه بانو އެވެ! މަރު އަޅުގަނޑުގެ ފަހަތުން ފަހައި ދުވަމުންދަނިކޮށް އަޅުގަނޑަށް ޙިމާޔަތްދެއްވީ ކަލާއެވެ. އަޅުގަނޑު ޒަޚަމްވެފައި އޮތްއިރުވެސް ބަލިވެއުޅުނުއިރުވެސް އަޅުގަނޑުގެ ބަލިހާލު ބެއްލެވީ ކަލާއެވެ. އަޅުގަނޑު ގޮތްހުސްވުމުގެ އަނދިރީގެ ތެރޭގައި މަގުއޮޅިގެން އުޅުނުއިރު އަޅުގަނޑުގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލުނީ ކަލާގެ ލޯބިވެރި ނަޒަރުގެ ސަބަބުންނެވެ. އަޅުގަނޑަކީ ޝުކުރުވެރިނުވާ މީހަކީމެއް ނޫނެވެ. ماه بانو އެވެ! އަޅުގަނޑުގެ ވާހަކަ ރަނގަޅަށް އަޑުއައްސަވާށެވެ. އަޅުގަނޑު މިގެއާ ވަކިވެގެން ދިޔައިރު އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު އެދުމަކަށް ވެފައިއޮތީ ދުނިޔޭގެ ހުރިހައި އަރާމަކާއި އުފަލެއް ކަލާގެ ފައިތިލަފުޅުދޮށަށް އެއްކުރުމުގެ އެދުމެވެ. ބަޙުރައިނުގެ ވީރާނާ ސަހަރާގެ ތެރެއިންވެސް އަޅުގަނޑު ހޯދީ ކަލާއަށްޓަކައި އާރޯކޮށް ހެދިހެދިހުރި ކަދުރު ބަގީޗާތަކެވެ. އަޅުގަނޑު އުޅުނީ އަޅުގަނޑުގެ ޒަޚަމުވެފައިވާ އަތުން ކަލާއަށްޓަކައި އުފަލާއި އަރާމުގެ ގެއެއް ބިނާކުރެވޭތޯއެވެ. އަޅުގަނޑުގެ ތަޤްދީރުގެ ކަނުއަނދިރީގެ ތެރެއިންވެސް އަޅުގަނޑު ހޯދަމުން ގެންދިޔައީ ކަލާއަށްޓަކައި އަލިކަމާއި އުޖާލާކަމެވެ. އޭރު އަޅުގަނޑުގެ ހިތަށް އަރައެވެ. ޤުދުރަތުގެ ކޮންމެވެސް މުޢުޖިޒާއަކުން ވަގުތުގެ ސައިލް ހިނގަމުންދާ މިސްރާބު ބަދަލުވާނެނަމައެވެ. އަޅުގަނޑަށް ކުއްލިޔަކަށް ކޮންމެވެސް ސުވަރުގެއަކަށް ވަދެވޭނެނަމައެވެ. އެތަނެއްގައި ގަދަބަދަވި މީހުންގެ އަތްތައް ބަލިކަށިމީހުންގެ ވައިނޮޅިޔާ ހަމަޔަށް ނުފޯރާނެ ތަނެކެވެ. އެއިރަކުން އަޅުގަނޑު އެނބުރި އައިސް ކަލާއަށް ޚަބަރުދިނުމަށްޓަކައެވެ. މިއީ އަޅުގަނޑު އޭރުދުށް ހުވަފެންތަކެކެވެ.

ނަމަވެސް ދަންނަވަންތޯއެވެ؟ މިހާރު އަޅުގަނޑު ކަލާއަށްޓަކައި ޢާފިޔަތުގެ ގެއެއް ހޯދައިފީމެވެ. އަޅުގަނޑުގެ ޙަޔާތުގެ އެންމެބޮޑު މަޤްޞަދު ފުރިހަމަވެއްޖެއެވެ. ماه بانو އެވެ! އަޅުގަނޑު އެނބުރި އަތުވެއްޖައީމެވެ. އަޅުގަނޑު ކަލާގެ އަރިހުގައި ދަންނަވާން ބޭނުންވަނީ އަޅުގަނޑު މޮޔައެއްގެ ގޮތުގައިހުރެ ދުށް ހުވަފެން ޙަޤީޤަތަކަށްވީ ވާހަކައެވެ. އަޅުގަނޑަށް މިހާރުވަނީ ޤަބީލާތަކާއި ނަސްލުތަކުގެ ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ފާރުތައް އެދީނެއްގެ ސަބަބުން ފުނޑުފުނޑުވެގެންދިޔަ ދީނުގެ މުޢުޖިޒާ ފެނިފައެވެ. އެދީނުގެ ޤާނޫނުތައް ޝަހެންޝާހުންގެ ވެރިކަމުގެ ބަދަލުގައި ރައްކާތެރިކޮށްދެނީ ޢާއްމު ރައްޔިތުންގެ ޙައްޤުތަކެވެ. އެތަނެއްގައި ޢާއްމުންނާއި ޚާއްޞުންނާއި މޮޅުމީހުންނާއި ދެރަމީހުންނާއި ފަޤީރުންނާއި މުއްސަނދީންނާއި، ގަދަފަދަ މީހުންނާއި ބަލިކަށި މީހުންގެ ތަފާތު ނެތިފައިވާ "ސުވަރުގެއެއް" އަޅުގަނޑުވަނީ ދެކެފައެވެ. އަހަރުތަކެއްގެ ކުރީން އިސްލާމްދީން ނައްތައިލުމަށްޓަކައި ހަނގުރާމަކުރި މީހުންގެ ތެރޭގައި އަޅުގަނޑު އުޅެފީމެވެ. ނަމަވެސް މިހާރު އެބައިމީހުން އެންމެބޮޑު އުފަލެއްކަމުގައި ދެކެނީ އެދީނަށްޓަކައި ދިރިތިބުމާއި އެދީނަށްޓަކައި ޝަހީދުވެދިއުމެވެ.

ماه بانو އެވެ! މިވަގުތު އަޅުގަނޑުގެ ވާހަކަ ކަލާއަށް ވިސްނިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެކެވެ. ސާހިބުންނާއި އަޅުންނާއި، އަނިޔާވެރީންނާއި އަނިޔާ ލިބޭމީހުންގެ މިދުނިޔޭގައި އަމާންކަމާއި އިންސާފު ހޯދާންއުޅޭ މީހުން އެދިއެދިތިބި މަތިވެރި އިންޤިލާބު އަތުވެއްޖެއެވެ. އަޅުގަނޑަށް ޔަޤީނެވެ. ޖިހާންދާދު ދުނިޔޭގައި ހުންނެވިނަމަ މުޅި ޢަރަބިކަރަ އޭގެ ބަނޑުދަށުލުމަށްފަހު ޢަޖަމުކަރަޔާ ދިމާޔަށް ދެމެމުންއަންނަ ނޫރުގެ ސައިލު އަޅުގަނޑަށް އޭނާއަށް ދެއްކިއްޖައީހެވެ. އޭނާގެ ޖަޒުބާތު އަޅުގަނޑުގެ ޖަޒުބާތާ ތަފާތެއް ނުވީސްކަން ޔަޤީނެވެ. އޭނާ ހަމައެކަނި އޭނާގެ ބައްޕާފުޅާއި ދެކޮއްކޯފުޅުގެ ކުރިފުޅުމައްޗަކު ނޫނެވެ. މަދާއިނުގެ ހަތަރު އަނގޮޅިއެއްގައި ހުންނަވައިގެންވެސް މިދަންނަވާގޮތަށް އިޢުލާނު ކުރެއްވީހެވެ. "މުސްލިމުންގެ އަތުގައިވަނީ ވަކި ޝަހެންޝާހެއްގެ ނުވަތަ ވަކި ޤައުމެއްގެ ދިދައެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެބައިމީހުން އުފުލައިފައިވަނީ އިންސާނިއްޔަތުގެ ދިދައެވެ. މިދުނިޔޭގައި އިންސާނިއްޔަތަށް ފަތަޙަލިބުން އެދޭ ކޮންމެ މީހަކު އެދީނުގެ ފަތަޙަޔާމެދު ދެކޭނީ ތިމާޔަށް ލިބޭ ފަތަޙައެއް ކަމުގައެވެ."

(ނުނިމޭ)