އިނގެރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ލަންޑަންގެ ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާއިން ނިމުން ގެނެސްފިއެވެ.
ޓޮޓެންހަމުން ވަނީ ރޭ އަމިއްލަ ދަނޑުގައި 1-3 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފައެވެ.
އެގޮތުން، މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭގައި ޓޮޓެންހަމް އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ޗެލްސީ އަށް ހާސްކަން ގެނުވާފައެވެ. ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެލެ އަލީ އެވެ. އޭގެ 8 މިނެޓުފަހުން، އެޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
ޓޮޓެންހަމްގެ ފަހު ލަނޑު، މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސައުތު ކޮރެއާގެ ސޮން ހެއުން މިން އެވެ. ސޮންގެ މި ލަނޑަކީ އެކުލަބަށް އޭނާ މިހާތަނަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.
ރޭގެ މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްއިން އެޓީމަށް ބަދަލުވި ފްރާންސްގެ ފޯވާޑު އޮލިވިއޭ ޖިރޫޑް އެވެ. ޖިރޫޑް މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 13 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ވަނީ ރޭގެ މޮޅާ އެކު 13 މެޗުން 30 ޕޮއިންޓް ހަމަކޮށް ލީގުގެ ތިން ވަނަ އަށް އަރައިފަ އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ.