ޚަބަރު

މާލެއާއި ރާއްޖޭގެ އެހެން ރަށްރަށާއި ތަފާތުކުރުމަކީ މާލޭގެ ރައްޔިތުންގެ ވިސްނުމެއް ނޫން: ޑރ. މުއިއްޒު

އަހުމަދު އައުފް އަބްދުލް ސަމަދު

މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށް ތަފާތުކުރުމަކީ މާލޭގެ ރައްޔިތުންގެ ވިސްނުމެއް ނޫންކަމަށާއި އެއީ އެމްޑީޕީގެ އިސް ސަފުގައި ތިބި މަދު ބައެއްގެ ވިސްނުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރުކަމަށް ޕީޕީއެމުން ކުރިމަތިލާފައިވާ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންއަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްތައް ތަފާތު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުންވެސް އެ ފަދައިން ދެކޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގެ އަތޮޅެއްގެ ރަށެއްގައި ރަނގަޅު ފެންވަރުގައި މަގު ހެދޭތީ ވެސް އެ ބޭފުޅުން ކަންބޮޑުވޭ. މާލޭގައި އެކަނި އެ ބޭފުޅުން ބޭނުންވާ ގޮތުގައި ތާރު އެޅި، ރަނގަޅު ފެންވަރުގައި އަގުބޮޑުކޮށް މަގުތައް ހެދެން ޖެހެނީ" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް މިފަދަ ތަފާތު ކުރުންތައް މާލޭގެ ވެސް އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަލައިނުގަންނާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މާލެ ތަރައްގީ ކުރުމުގައި އަތޮޅުތަކުގެ ރައްޔިތުންގެ ހިއްސާ ބޮޑުކަން ބަޔާންކުރައްވަމުން މުއިއްްޒު ވިދާޅުވީ މާލޭގެ އާބާދީގެ ބޮޑު ބަޔަކީ މާލޭގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ރަށްރަށުން މާލެ އައިސް، ގިނަ ދުވަސްވަންދެން މާލޭގައި އާބާދުވެ މާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުން ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބަކީ މިފަދަ ވިސްނުންތައް ބަދަލުކޮށްލަން ލިބޭ ފުރުސަތެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު މާލެ ރާއްޖެތެރެ ބަހުސަކީ ރައްޔިތުންގެ މަޖިލީހުގައިވެސް ދާދިފަހުން ވަރަށް އަޑުގަދަވި ބަހުސެކެވެ. އެ ބަހުސް ފެށުނީ ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު ހުސައިން ޝަހީމު، މާލެއަށް މެދުވެރިވެފައިވަނީ ފަލަސްތީނަށް މެދުވެރިވެފައިވާ ފަދަ ކަމެއް ކަމުގައި ވިދާޅުވުމުންނެވެ. އެފަދައިން ވާހަކަދެއްކެވުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް އެކަމާ ނުރުހުން ފާޅުކޮށްފައިވެއެވެ. ފާޑުކިޔުންތައް ގިނަވުމުން އެބޭފުޅާ ވިދާޅުވީ ދެއްކެވި ވާހަކަ މީހުންނަށް އޮޅުނީ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގަތެވެ.