ދުންޔާ މައުމޫން

ވަން އެކްސްކްލޫސިވް: ކޯލިޝަން ފެންނަނީ ނިކުންނަން ވީތޯ ނުވަތަ ނެރެންދެން ތިބޭނީތޯ ބުނާ ކަހަލަ ގޮތަކަށް: ދުންޔާ

4

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭން ކަންކަން ފެންނަނީ، ނިކުންނަން ވީތޯ ނުވަތަ ވަކިކޮށް ނެރެންދެން މަޑު ކުރަން ވީތޯ ބުނާ ކަހަލަ ގޮތަކަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އަދި ކޯލިޝަންގެ އެއް ބައިވެރިޔާ ކަމަށްވާ، ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ، "ވަން އޮންލައިން" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގަ އެވެ.

ދުންޔާ ވިދާޅުވީ ރައްޔިތުން މި އޮތީ ކޯލިޝަނަކަށް ސަރުކާރު ހިންގަން ހަވާލުކޮށްފައި ކަމުން، ފަހަތް އެނބުރި ނުބަލައި ދާންވީ ކުރިޔަށް ކަމަށާއި ބަލަންވީ ވެސް ކުރިޔަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކަޔަކީ މިހާރު ދެން އެނބުރި ފަހަތް ބެލުމެއް މުހިއްމެއް ނޫނޭ. ބަލަންވީ ކުރިޔަށޭ. މި ސަރުކާރުން ދައްކާ ހުރިހާ ވާހަކައެއް މުޖުތަމައު އެބަ ގަބޫލު ކުރޭ. ބައިނަލްއަގުވާމީ މުޖުތަމައު ވެސް ގަބޫލު ކުރޭ. ދެން ކީއްވެތޯ ފަހަތް ބަލަންވީ؟ ކުރިޔަށް ދާންވީ ނޫންތޯ؟" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ކޯލިޝަނެއް އޮތް ނަމަވެސް ކަންކަން ދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ހުރިހާ ބަޔަކަށް ވެސް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ފުރުސަތުތައް ލިބެން ޖެހޭނެ ކަމަށާއި އެއިރަކު ބާރުގައި ތިބޭ މީހުންނަށް އެކަނި ހިދުމަތް ކުރުމަކީ ކަމުދާ ގޮތެއް ނޫން ކަމަށެވެ.

ނުކުންނަން ވީތޯ ނުވަތަ ނެރެންދެން މަޑު ކުރާނީތޯ ވިސްނަން ޖެހޭ ފަދަ ހާލަތަކަށް ކޯލިޝަންގެ ކަންކަންކަން ގޮސްފައިވާ އިރު، ވަރުގަދަ އިދިކޮޅެއް ނެތުމަކީ ވެސް އޭގެ ގެއްލުން ގައުމަށް ކުރާނެ ކަމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާ އިރު އެމްޑީޕީއަށް ފައިދާ ބޮޑީ ކޯލިޝަން ދެމިއޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާތަނަށް އުފެދުނު ކޯލިޝަންތަކާއި ހިލާފަށް މިކޯލިޝަނަށް ގިނަ ދުވަސްތަކެއް ވެސް ވެއްޖެ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، ކޯލިޝަން ދަމަހައްޓަވަން މަސައްކަތްކުރާތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ މިމޭރުމުން ވާހަކަދެއްކެވި އިރު، ކޮންމެ އާ ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމަށް ވަޑައިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުއްވައިގެން ކުރީގެ ރައީސުން ޖަލަށް ލުން ސިލްސިލާއެއްގެ ގޮތުގައި ކުރިޔަށްދާ ކަމަށާއި އެކަން ހުއްޓޭނީ ކޮން އިރަކުތޯ ސުވާލުކުރައްވައި އޭނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ދުންޔާގެ އެ ޓުވީޓަށް ހޫނު ރައްދެއް ދެއްވާފަ އެވެ.