ދުނިޔެ

ބުލީގެ ޝިކާރައަށްވި ކުއޭޑެން ބޭލްސް އަށް 18 އަހަރު ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

މިންހާ ފާއިޒް ރަޝާދު

ބުލީގެ ޝިކާރައަކަށް ވެގެން އަމިއްލައަށް މަރުވާން އުޅުނު ކުއޭޑެން ބޭލްސް ގެ ވީޑިއޯ މީސް މީޑިއާގައި ވައިރަލް ވެގެން ގޮސްފައި ވާއިރު އޭނާގެ އުމުރާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދި ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.

އޮސްޓްރޭލިޔާގެ ކުއާޑެން އަކީ ޑުވާފިޒަމްސް (އިސްކޮޅުން ދިގު ނުވެ ކުރުކޮށް ތިބޭ) ބަލީގެ މައްސަލަ ހުންނަ ކުއްޖެކެވެ. ކުއާޑެންގެ މަންމަ ހިއްސާކުރި ވީޑިއޯގައި، ކުއާޑޭ ރޮއި ރޮއިފައި އަމިއްލަ އަށް މަރުވާން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ. ސްކޫލުގައި އޭނާއަށް ބުލީ ކުރާތާ އެތައް ދުވަހެއް ވެފައި ވާއިރު ކުއާޑެންގެ މަންމަ އެ ވީޑިއޯ ހިއްސާކުރީ ބުލީ ކުރުމާ މެދު ހޭލުންތެރި ކުރުމުގެ ގޮތުންނެވެ.

ކުއާޑެންގެ މަންމަ، ޔަރައްކާ ވަނީ ދަރިފުޅު ކުއާޑެން މީގެ ކުރިންވެސް އެކި ފަހަރު މަތިން އޮސްޓްރޭލިއާގެ ޓީވީ ތަކަށް އޭނާއަށް ދިމާވެފައިވާ ބައްޔަށް ހޭލުންތެރި ކުރުމަށް އަރާފައިވާކަން ހިއްސާކޮށްފައެވެ.

"ބުލީ ކުރުމުން ވަނީ މިހެން. އަމިއްލަ ދަރިން، އާއިލާ އަދި ރައްޓެހިން މިކަމަށް ހޭލުންތެރިކޮށް ދޭން ވީނު!" މިހާތަނަށް 24 މިލިޔަން ވިއުސް ލިބުނު ޔަރައްކާ ހިއްސާކުރި ފޭސްބުކް ވީޑިއޯގައި ބުނެފައި ވެއެވެ.

އޭގެ އެއް ދުވަސްފަހުން އެމެރިކާގެ ކޮމީޑިއަން ބްރޭޑް ވިލިއަމްސް ވަނީ ކުއާޑެން އަށް އެހީވުމަށް 366،000 ޑޮލަރު ދުނިޔޭގެ އެކި ގައުމުތަކުން ޑޯނާސް އަތުން ހޯދައިދީފައެވެ. އެ ޑޮނޭޝަނަކީ ކުއާޑެން އޭނާގެ މަންމައާ އެކު ކެލިފޯނިޔާގެ ޑިޒްނީލޭންޑަށް ދިޔުމަށް ހޯދައިދިން އެހީއެކެވެ.

ކުއާޑެންއަށް ދުނިޔޭގެ އެކި ފަރާތްތަކުން ލިބެމުން ދިޔަ ލޯތްބާއި ތަރުހީބާއެކު އޭނާއަށް އަނެއްކާވެސް މިވަނީ ތުހުމަތު ތަކެއް އަމާޒުވެފަ އެވެ. މިފަަހަރުގެ ތުހުމަތަކީ ކުއާޑެންގެ އުމުރަކީ ނުވަ އަހަރު ކަމަށް ބުނި ނަމަވެސް އޭނާގެ އަސްލު އުމުރަކީ 18 އަހަރު ކަމަށް ބުނެ ކުރާ ތުހުމަތެކެވެ. އަދި ބުލީގެ ވީޑިއޯއަކީ ކުއާޑެން އާއި މަންމަ ފައިސާ ހޯދުމުގެ ގޮތުން ކުޅެފައިވާ އެކްޓެއް ކަމަށް ކުރާ ތުހުމަތެވެ.

ނަމަވެސް މިކުރެވޭ ތުހުމަތުތައް އެއާއިލާގެ ފަރާތުން ވަނީ ދޮގު ކޮށްފައެވެ. ޔަރައްކާގެ ފޯނުގައި ހުރި އަލްބަމްތަކުގެ ސްކްރީން ޝޮޓްތައް ހިއްސާކުރަމުން އެ އާއިލާގެ ފަރާތުންނާއި ރައްޓެހިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުއާޑޭ އަކީ ނުވަ އަހަރުގެ ކުޑަ ކުއްޖެކެވެ. އަދި މީސް މީޑިއާގައި ދައުރުވާ ދޮގު ވާހަކަތައް އަޑު ނޭހުމަށް ވެސް އެމީހުން އެދެއެވެ.

އިންސްޓަގްރާމުގައި ކުއާޑެން އެހާ ބޮޑަށް މަގުބޫލު ވެފައި ވަނީ ކުޑައިރުން ފެށިގެން އޭނާގެ މަންމަ ޑުވާފިޒަމްއަށް ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

2015 ގައި ކުއާޑެން ވަނީ އޮސްޓްރޭލިޔާގެ ނެޓްވޯކް ޓެންގެ "ސްޓޫޑިއޯ 10" ޕްރޮގްރާމަކަށް ވެސް އިންޓަވިއު ދީފައެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ހަތަރު އަހަރެވެ. އެ އިންޓަވިއުގެ ވީޑިއޯވެސް އާއިލާއިން ވަނީ ކުއާޑެންގެ އުމުރު ސާބިތު ކޮށް ދިނުމަށް ހިއްސާކޮށްފައެވެ. އެ އިންޓަވިއު ހިއްސާކޮށްފައިވަނީ 2015، އޭފްރިލް 12ގައެވެ. އެހެން ކަމުން އޭރު އޭނާ އަށް ހަތަރު އަހަރު ކަމުގައި ވާނަމަވެސް މިހާރު އޭނާގެ އުމުރު ވާނީ އަށެއް ނުވަތަ ނުވަ އަހަރެވެ.