ރިޕޯޓް

ޝިމާ ގެއްލުނުތާ އަހަރެއް، އުފެދެނު ސުވާލު ތަކަށް އަދިވެސް ޖަވާބެއް ނެތް!

އަލީ ޔާމިން

ޑިންގީއެއްގައި ލ. އަތޮޅު ކައްދޫން އެއަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ ގެއްލުނު ކަމަށް ބުނާ އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒް ގެއްލުނު ހާދިސާއަށް އަހަރެއް ވެގެން ދިޔައީއެވެ. ޝިމާ ހޯދަން ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުއަޑީގެ އެތައް ސަރަހައްދަކާއި އެތައް ފަޅުރަށެއްގައި އަތްފުނާ އަޅައިފިއެވެ. ނަމަވެސް ޝިމާގެ ހިލަމެއް ނެތެވެ. ކުޑަމިނުން ޝިމާ ލައިގެން ހުރި އަންނައުނުން އެތިކޮޅެއްހާ ހިސާބުވެސް ފެނިފައެއް ނުވެއެވެ.

ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. ކަންބޮޑުވާ އެތައް ކަމެއް އެބަހުއްޓެވެ. މިއަދުވެސް ޝިމާ ފެނިދާނެ ކަމުގެ އުންމީދުގައި ތިބި ޝިމާގެ ރަށްޓެހިންނާއި އާއިލާގެ މެންބަރުން ފެންމަތިކުރުވާ އެތަކެއް ސުވާލެއް އެބަހުއްޓެވެ.

އެގޮތުން ޝިމާ ގެއްލުނު ރޭ އެސަރަހައްދުގައި ސަފާރީއެއް އޮތް ކަމަށް ބުނާ ވާހަކަ އާއި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުނުތާ އިރުކޮޅެއް ފަހުން އެ ސަފާރީ ފުރައިގެން ދިޔަ ކަމަށް ބުނާ ވާހަކައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ސަފާރީއަކީ ކޮބައިކަމެއް، އަދި އެ ސަފާރީ އެތާނގައި ކުރީ ކޮން ކަމެއް ކަމެއް ތަހުގީގީ އިދާރާތަކަށް މިއަދާ ހަމައަށްވެސް ހޯދިފައެއް ނުވެއެވެ.

ޝިމާ ދަތުރުކުރި ކަމަށް ބުނާ ޑިންގީއަކީ ބަންޑުން ޖަހާލުން އެކަށީގެންވާ ކުޑަ ޑިންގީއެއް ކަމަށް ފުލުހުންވެސް ގަބޫލު ކުރެއެވެ. ނަމަވެސް މިކަމުގައި ސުވާލު އުފެދެނީ އެ ޑިންގީ އަޑިއަށް ގޮސްފާނެ ކަމަށް ބުނުމާއެކުގައެވެ. މައުލޫމާތު އެނގޭ މީހުން ބުނާ ގޮތުންނަމަ އެ ޑިންގީއަކީ އޭގެ ފަރުމާއަށް ބަލައި އަޑިއަށް ދިއުން ވަރަށް ނާދިރު ޑިންގީއެކެވެ. އެފަރާތްތަކުން ބުނަނީ ޑިންގީ އަޑިއަށް ދިއުމަށްވުރެ ގާތީ ފެނުން މަތީގައި ނުވަތަ ދެފެނު ދޭތެރޭގައި އޮވެ އޮޔާދިއުން ކަމަށެވެ. އެހެންކަމަށްވާ ނަމަ އެ ޑިންގީއާއި، ޑިންގީގައި ހުރި ޝިމާގެ އެއްވެސް ސާމާނެއް ނުފެނުނީ ކީއްވެ ހެއްޔެވެ؟

ޝިމާ ގެއްލުނު ހާދިސާގައި އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ޝިމާއާ އެކު ޑިންގީގައި ދަތުރުކުރި މުހައްމަދު ފަޒީލްއެވެ. ބޮޑެތި ކުށްތަކުގެ ރެކޯޑް އޮންނަ ފަޒީލް ޝިމާ މަރާލައިފައިވާ ކަމަށް ގަބޫލު ކުރާ އެތައް ބަޔަކުވެސް އެބަތިއްބެވެ.

ފަޒީލް ބުނާގޮތުން ނަމަ ޝިމާ ގެއްލުނީ ސިކްސް ސެންސަސް ރިސޯޓާ ދިމާލު ކަނޑުއޮޅީގައި ތެޔޮ އަޅަން މަޑުކޮށްގެން އޮއްވައި ޑިންގީ ބަންޑުން ޖަހާލުމުންނެވެ. އަދި އެ ހާދިސާގައި ފަޒީލް ސަލާމަތްވީ އޭނާ ފަތާފައި ގޮސް އެ ރިސޯޓަށް އެރުމުން ކަމަށް އޭނާ ބުނެއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑިވިޝަނަލް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ވިދާޅުވީ ޝިމާ އިތުރު ތަނަކަށް ގެންގޮސް، ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް މިހާތަނަށް ތަހުގީގުން ނުދައްކާ ކަމަށާއި ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތަައްތަކެއް އެބަހުރި ކަމަށެވެ. އަދި ޝިމާގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، ފަޒީލް ދައްކާ ބައެއް ވާހަކަތައް ދިމާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފައިރޫޝް ވިދާޅުވީ ޝިމާ ޑިންގީގައި ދިޔައީ ގަދަކަމުން ކަމަށް ނުބެލެވޭ ކަމަށް ފަޒީލާއެކު ޝިމާ ފުރަން ދާ މަންޒަރު ފެންނަ ބައެއް ސީސީޓީވީ ފުޓޭޖުތަކުން ހާމަވާ ކަމަށެވެ.

ޝިމާގެ މައްސަލައިގައި ފަޒީލް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ޝިމާގެ ކޮއްކޮ ގޮވައިގެން ގުރޫޕަކުން ފިލަން އުޅުނު މައްސަލައެއްގައި ކަނޑުމަތިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ފަޒީލް ހިމެނުނެވެ. އަދި އޭގެ ފަހުންވެސް މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ފަޒީލް ހައްޔަރުކުރެވުނެވެ. ނަމަވެސް މިއަދު އަނެއްކާވެސް ފަޒީލް ހުރީ މިނިވަންކަންމަތީގައެވެ. މިވެސް އުފެދޭ ސުވާލެކެވެ. ފަޒީލަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދާއިރު އޭނާ ދޫކޮށްލާފައި ހުރީ ކީއްވެ ހެއްޔެވެ؟

ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގުގައި ވަކި ގޮތެއް ނިންމައި އެކަން އިއުލާން ކޮށްފައި ނުވާއިރު، ޝިމާ ގެއްލުނު ސަރަހައްދު އެންމެ ފަހުން ފުލުހުން ބަލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ޝިމާއަށް ވީ ގޮތެއް ހޯދުމަށާއި، ޝިމާގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި ޝިމާގެ އާއިލާއިން ވަނީ ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ނޮވެމްބަރ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ހާއްސަ އިސްކަމެއް ދެއްވައިގެން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރުވެފައިވާ މީހުންގެ ހަގީގަތް ހޯދަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.

މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދުގެ ރައީސްކަމުގައި، މަރު ކޮމިޝަނުން ވަނީ ނޫސްވެރިޔާ ރިލްވާން ގެއްލުނު ހާދިސާއާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާއި ބަންގްލަދޭޝްގައި އަމިއްލައަށް ދަންޖެހިގެން މަރުވިކަމަށް ބުނާ ރައުދާ އާތިފުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓް ނިންމައި އާންމުކޮށްފައެވެ. ނަމަވެސް ޝިމާ ގެއްލުނު މައްސަލަ އެ ކޮމިޝަނުން ބަލައިފައެއް ނުވެއެވެ. ކޮމިޝަނުގެ ރައީސް ސުއޫދު މީގެ ކުރިން ވިދާޅުވީ ޝިމާ ގެއްލުނު މައްސަލައަކީ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން ޝިމާގެ މައްސަލަ ބަލައި ޝިމާއަށް އިންސާފު ހޯދައިދޭނެ ތަހުގީގީ އިދާރާއެއް މި ރާއްޖޭގައި ނެތީ ހެއްޔެވެ؟

ޝިމާއަށް ވީގޮތެއް ނޭނގި، ހޭދަވާ ކޮންމެ ދުވަހަކު ޝިމާގެ އާއިލާއަށް ލިބޭ ހިތްދަތިކަން ދަނީ އިތުރުވަމުންނެވެ. އެއިން ކޮންމެ ދުވަހަކުމެ ޝިމާގެ އެތައް ރައްޓެހިންނެއްގެ ލޮލުން ކަރުނަ ފާއްދާލަ އެވެ. ޝިމާ ހޯދުމަށް ބޭރުގެ އެހީ ހޯދައިގެން ނަމަވެސް، ފުރިހަމަ ތަހުގީގެއް ހިންގަން އެބަ ޖެހެއެވެ. ޝިމާ ގެއްލުނު މައްސަލަ "އޮއްބާލުމުގެ" ބަދަލުގައި ޝިމާގެ އާއިލާއިން ފެންމަތިކުރުވާ ސުވާލުތަކަށް ޖަވާބު ހޯދަން އެބަޖެހެއެވެ. ޝިމާ ކޮބާހެއްޔެވެ؟ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟