ހުވަދު އަތޮޅުގެ ކުދި ވިޔަފާރިތައް ކުރިއަރުވައި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހުވަދޫ ފައިނޭންސް ކޯޕަރޭޝަން (ހުވަދޫ ބޭންކް)ގެ ނަމުގައި އިންވެސްޓްމެންޓް ބޭންކެއް އުފެއްދުމުގެ މަސައްކަތް ގއ. އަތޮޅު ކައުންސިލުން ފަށައިފިއެވެ.
ގއ. އަތޮޅު ކައުންސިލުން މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ގއ. އަތޮޅުގެ ހުރިހާ ރަށްތަކަށް މަންފާ ވާނެހެން ހުވަދޫ ބޭންކުގެ ނަމުގައި އިންވެސްޓްމެންޓް ބޭންކެއް އުފައްދަން ނިންމައި، އެ އިދާރާ އުފެއްދުމަށް ޓަކައި ހަދަން ޖެހޭ ގަވައިދުތަކާއި، އުސޫލުތައް ހަދައި ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
އެ އިދާރާ އުފައްދަން ނިންމާފައިވާކަން މިއަދު ގއ. ވިލިނގިލީގައި ބިޒްނަސް ސެންޓަރުގެ ބްރާންޗެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުއާދު ވަނީ ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގއ. ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޒްމީން މިއަދު "ވަން"އަށް ވިދާޅުވީ، އެތަނަކީ ގއ. އަތޮޅުގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި، އެހެނިހެން ކުދި ވިޔަފާރިތަކާއި، އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގެ އަމާޒުގައި އުފައްދާ ބޭންކެއް ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގެ ތެރޭގައި އެތަނުގެ މަސައްކަތަކަށް ވާނީ އެ އަތޮޅުގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި މުސްތަގުބަލުގައި ކޮމާޝަލް ބޭންކަކަށް އެތަން ބަދަލުކުރުމުގެ ހިޔާލުވެސް ކައުންސިލުން ގެންގުޅޭ ކަމަށް ނަޒްމީން ވިދާޅުވިއެވެ.
ހުވަދޫ ފައިނޭންސް ކޯޕަރޭޝަން އުފައްދަން ހަމަޖައްސާފައި ވަނީ 10 މިލިއަން ރުފިޔާގެ ކެޕިޓަލްއަކުންނެވެ. އެއީ ކައުންސިލުތަކުން އިންވެސްޓުކުރާ ފަސް މިލިއަން ރުފިޔާއާއި ސަރުކާރުން އިންވެސްޓްކުރާ ފަސް މިލިއަން ރުފިޔާއެވެ.
ގއ. ވިލިނގިލީ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ހުވަދޫ ބޭންކު އުފެދުމުން ދަނޑުވެރިންނާއި މަހުން އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
ހުވަދޫ ބޭންކް އުފައްދަން ގއ. ގެ އިތުރުން ގދ. އަތޮޅުގެވެސް ރަށްތަކުގެ ކައުންސިލުތަކުން އިންވެސްޓު ކުރަން ދައުވަތު ދެއްވާނެ ކަމަށް ނަޒްމީން ވިދާޅުވިއެވެ.
ގއ. އަތޮޅު ކައުންސިލުން އަމާޒު ހިފާފައި ވަނީ ހުވަދޫ ބޭންކަށް ބޭނުންވާ ހުއްދަތައް ނަގައި، މިއަހަރުގެ ރޯދަމަހުގެ ކުރިން ހިދުމަތް ދޭން ފެށުމެވެ.