ޚަބަރު

ރޭޕްގެ ތުހުމަތު ކުރެވުނު ސިފައިންގެ މީހާއަށް ދައުވާ ކޮށްފި

މަރިޔަމް ޝަހުދާ

ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު އަމާޒުވި ސިފައިންގެ މީހާއަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ދައުވާ ކޮށްފައިވަނީ ހދ. ނޮޅިވަރަމްފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށެވެ. އޭނާއަށް ދައުވާ ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން މުހައްމަދު އަލީގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި ގަސްދުގައި އަތް ލުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް އަދި ރޭޕްގެ ތުހުމަތުގައި މުހައްމަދު އަލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ މަހު 23ގައެވެ. މި މައްސަލައާއި ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.