ޚަބަރު

އަލީ ވަހީދުގެ މައްސަލަ ބައްލަވައިދެއްވުމަށް މިނިސްޓަރު ނަހުލާ ރައީސް ސޯލިހަށް ދަންނަވައިފި

1

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި، އަލީ ވަހީދުގެ މައްސަލަ ބައްލަވައިދެއްވުން އެދި މިނިސްޓަރު ނަހުލާ ރައީސް ސޯލިހަށް ދެންނެވީ، އަލީ ވަހީދުގެ އޯޑިއޯތަކެއް ކަމަށް ބުނެ އާންމު ވެފައިވާ ބައެއް އޯޑިއޯތަކުގައި ދައްކަވާފައި ހުރި ވާހަކަތަކުގެ ސަބަބުންނެވެ. އަލީ ވަހީދުގެ އަޑު ކަމަށް ބުނެ ޖުމުލަ ހަ އޯޑިއޯ ކުލިޕެއް ލީކުކޮށްލާފައި ވާއިރު، ނަހުލާ ރައީސަށް ޝަކުވާ ހުށަހެޅުއްވީ އޭގެން އެއް އޯޑިއޯއެއްގައި، އޭނާއާ ގުޅޭ ގޮތުން ބޭއަދަބީ އަދި އަބުރު ގެއްލޭ ފަދަ ވާހަކަތަކެއް ދައްކަވާފައި ހުރުމުން އެކަން ބައްލަވައިދެއްވުމަށް ކަމަށް ވަން އަށް ވަނީ އެނގިފަ އެވެ.

މިނިސްޓަރު ނަހުލާ މި މައްސަލަ ރައީސް ސޯލިހަށް ހުށަހެޅުއްވީ، އޯޑިއޯ ލީކުވި ރޭ ނުވަތަ ޖެހިގެން އައި ދުވަހު ކަމަށް ވެސް ވަން އަށް ވަނީ ކަށަވަރު ވެފައެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ގިނަ އޯޑިއޯތަކެއް ލީކުކޮށްލާފައި ވާއިރު، އޭގެން ބައެއް އޯޑިއޯތަކުގައި ވަނީ ކެބިނެޓުގެ ވަޒީރުންނާ ގުޅޭ ގޮތުން ބޭއަދަބީކޮށް ވާހަކަދައްކަވައިފަ އެވެ. އަދި ހުތުރު ބަސްތައް ބޭނުންކުރައްވާފައި ވެސް ވެއެވެ. އެއް އޯޑިއޯއެއްގައި ޖިނާއީ އަމަލަކަށް ތުހުމަތު ކުރެވޭ މުއާމަލާތެއް ހިމެނޭތީ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އޯޑިއޯތަކާ ގުޅޭ ގޮތުން، ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހީމް ދާދި ފަހުން ވިދާޅުވީ، މި ކަމުގައި ގޮތް ނިންމަވާނީ ރައީސް ސޯލިހު ކަމަށެވެ. ގާސިމް އެހެން ވިދާޅުވީ، ނުކުމުގެން އުޅޭ އޯޑިއޯތަކުގެ މައްސަލަ ބަލައި ގޮތެއް ނިންމުމަށް ޖޭޕީގެ ކައުންސިލް މެންބަރަކު، އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމަށް ހުށަހެޅުއްވުމުން އެއަށް ދެއްވި ޖަވާބުގަ އެވެ.