ހައިރައިޒް އިން އިންތިޒާމުކޮށްގެން މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ލިވިން އެކްސްޕޯ 2020"އަށް ފަސް ދުވަހަށް ވެއްޖެއެވެ. މިއީ މި އެކްސްޕޯ ބާއްވާ އަށް ވަނަ އަހަރެވެ.
ގެދޮރުވެރިކަމުގެ ފުރުސަތުތަކާއެކު "މޯލްޑިވްސް ލިވިން އެކްސްޕޯ 2020" އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ދަރުބާރުގޭގައެވެ.
މި އެކްސްޕޯ އިން ދިވެހިންނާއި ބިދޭސީންނަށް ގެދޮރުވެރިކަމުގެ ފުރުސަތުތަކާއި ލަގްޒަރީ ފަރުނީޗަރާއި ގޭތެރޭގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކަށް އިންވެސްޓް ކުރުމުގެ އިތުރުން ރާއްޖޭގައި ލިބެން ހުރި އެންމެ ރަނގަޅު ބޭންކިންނާއި ފައިނޭންސްއާ ގުޅޭ މައުލޫމާތު ލިބިގެންދާނެއެވެ.
އެގޮތުން މިއަހަރުގެ އެކްސްޕޯގައި ހޯމް އެންޑް ލިވިން، ރިއަލް އެސްޓޭޓް، ކޮންސްޓުރަކްޝަން އަދި ރިސޯޓް އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސްރީ ލަންކާގެ ތިން ކުންފުންޏަކާއި މެލޭޝިއާގެ ކުންފުންޏެއްގެ އިތުރުން ރާއްޖޭގެ ލީޑިން ރިއަލް އެސްޓޭޓް ކުންފުނިތައް ހިމެނެއެވެ.
ހައުސިން މިނިސްޓްރީ އާއި އާބަން ޑިވެލޮޕްމަންޓް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންޑޯސް ކޮށްފައިވާ މިއަހަރުގެ ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ކޯ-ސްޕޮންސަރުންނަކީ ރާއްޖޭގެ އަކުއާ ވިޓާ ރެސިޑެންސީސް އާއި ލަންކާގެ އަލްޓެއާއެވެ. މިއީ ދެ ކުންފުނިން މޯލްޑިވްސް ލިވިން އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ހަމަޖެއްސި ދެވަނަ އަހަރެވެ.
އެހެން ޕާޓްނަރުންގެ ތެރޭގައި ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓް ލެބް، ސެޓްއަޕް ޕާޓްނަރަކަށް އަސަރީ ސާވިސަސް، ސައުންޑް އެންޑް ލައިޓް ޕާޓްނަރަކަށް ޔުނިކާ، ފްލޯރިން ޕާޓްނަރަކަށް ސިނަފް، ސްޕެޝަލިޓީ ކޮފީ ޕާޓްނަރަކަށް ސިވިލް ކޮފީ ރޯސްޓާސް، ސެކިއުރިޓީ ޕާޓްނަރަކަށް އޭއެސްއޭޕީ ހިމެނެއެވެ.
އޭގެ އިތުރުން ޓެބްލޮއިޑް ޕާޓްނަރަކަށް ދަ އައިލެންޑްޗީފް ހަމަޖައްސާފައިވާއިރު ވީޑިއޯގުރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސްކޭޕްއެވެ. އަދި ހޮސްޕިޓޭލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްއެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.