އެމްޑީޕީ

ރޭގެ ޖަލްސާއަށް ނުކުތް މީހުން މަދުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ނުހޯދިގެން: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

6

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް "ރަށްވެހި ފަތިސް" ގެ ނަމުގައި އަލިމަސްކާނިވާ ސަރަހައްދުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި މީހުން މަދުވީ، ރައްޔިތުންގެ ކަންބޮވުންތަކަށް ހައްލެއް ހޯދިފައި ނުވާތީ ކަމަށް އެމްޑީޕީގެ ރައީސް އަދި ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސް ގައި ރައީސް ނަޝީދު ވިދާޅުވީ، ރޭގެ ޖަލްސާގައި، މީހުން މަދުކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މާލޭގައި އެމްޑީޕީގެ 15،000 އަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށާއި، 25،000 އަށްވުރެ ގިނަ ސަޕޯޓަރުން ތިބިކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމީހުން ޖަލްސާއަށް ނުނިކުތީ، މާލޭ ރައްޔިތުންގެ ކަމްބޮޑުވުންތަކަށް ހައްލެއް ގެނެފައި ނުވާތީ ކަމަށެވެ.

މާލޭ ރައްޔިތުންގެ ހުރި ކަންބޮޑުންތަކާއި މައްސަލަތަކަކީ ބޯހިޔާވަހިކަމާއި، ކޮރަޕްޝަނާއި، މަގުތަކުގެ މައްސަލަތަކާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަކަން ފާހަގަ ކުރައްވައި އެކްންތައްތައްކަށް ހައްލު ހޯދައި ދެވިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބޯހިޔާވަހިކަމާ ގުޅިފައިވާ، ހިޔާ މަޝްރޫއުގެ 7،000 ފުލެޓްގެ ތެރެއިން ޝަރުތު ހަމަވާ 2،000 މީހުން ފްލެޓް ކޮމިޓީން ފާހަގަ ކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ދެންހުރި 5،000 ފްލެޓްގެ ކަންތައް މާލޭ ރައްޔިތުން ބަލާނެ ކަމަށެވެ.

އެގޮތުން މާލޭ ދާއިރާތަކަށް ނިކުންނަ އެމްޑީޕީގެ ކެންޑިޑޭޓުން އެކަމުގައި ސަރުކާރާ ވާހަކަ ދައްކާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވެށިފަހި ޕްރޮގްރާމްގެ ކަންތައްތަކާއި އެކަންތައް ކުރިއަށްދާއިރު ރައްޔިތުންނަށް އަންނާނެ ބަދަލުތަކާބެހޭ ކަންކަން ރައްޔިތުންނަށް އޮޅުންފިލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ޝަކުވާ ބަންނަން އަންނަނީ، އެމްޑީޕީގެ ކައިރިއަށް ކަމަށާއި، މާލެ އާއި ރަށްރަށުގެ ރައްޔިތުންގެ ކަނބޮޑުވުންތަކަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓިއަކަށް ހައްލު ހޯދައި ނުދެވޭނެ ކަމަށެވެ.

އަދި އެހުރިހާ ކަމެއްގައިވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމަން އެމްޑީޕީން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.