ޚަބަރު

މިއަހަރުގެ ތެރޭގައި 500 އަށްވުރެ ގިނަ މަޝްރޫއު ހިންގޭނެ: ރައީސް

އަލީ ޔާމިން

4

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށްވުރެ ގިނަ މަޝްރޫއު ހިންގުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ކަމަށެވެ. އަދި ވެރިކަމަށް އައުމަށް އެމްޑީޕީން އެންމެ ބޮޑަށް ވީ ވައުދަކީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ރައްޔިތުންނަށް ލިބިދޭން ޖެހޭ ބާރުތައް ދޫކޮށްލުން ކަމަށާއި މިއަދު އެ ވައުދު ފުރިހަމަ ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކަށް އިންތިހާބުވާ މެންބަރުން އެންމެ ހާއްސަ އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމާ ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި އެއްބާރުލުން ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ކައުންސިލްތަކުގެ އެންމެ މުހިންމު ކަމަށް ވާންވާނީ ރައްޔިތުންނާ ގާތުން މަސައްްކަތް ކުރުން. ސަރުކާރުން ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން. މި ހިނގާ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ސަރުކަރުން ހިންގުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މަރުކަޒީ ކުރެވިގެން މަޝްރޫއުތައް އެއްފަރާ ހިންގުމަކީ ނާދިރު ކަމެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުކަޒީކޮށް މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އެ ރަށްތަށް ފަޅުވެ މާލެއަށް މީހުން ތޮއްޖެހުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ތަންފީޒު ވުމުން މާލެއަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުވެފައި އޮތީ 40 ރަށުގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ވައުދުވި ގޮތަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނީ އެމްޑީޕީ މެންބަރުންނަށް ވޯޓު ދެއްވައިގެން ކަމަށެވެ.

"މި ފިކުރަކީ ދެވަނަ އެހެން ޕާޓީއެއްގެ ފިކުރެއް ނޫން. މިއީ އެމްޑީީޕީގެ ވިސްނުމެއް. ދެން އޮތީ ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް. މި ކަންކަން ތަންފީޒު ކުރެވޭނީ މި ނިޒާމު ދަންނަ ބަޔަކަށް ވޯޓު ލައިގެން. އާދެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ލައިގެން." ރައީސް ވިދާޅުވިއެވެ.