ޚަބަރު

އޭދަފުށީ ކައުންސިލުން މޫދަށް ކުނި އަޅާ ފޮޓޯތަކެއް، ކައުންސިލުން ބުނަނީ މަނާ ކަމެއްކަން ނޭނގޭ ކަމަށް

އަލީ ޔާމިން

9

ބ. އޭދަފުށީ ކައުންސިލުން މޫދަށް ކުނިއަޅާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޕްލާސްޓިކް ކޮތަޅު ހިމެނޭހެން ބަދިގެތަކުން އުކާލާ ބާކީވާ ކާބޯތަކެއްޗާއި ދަޅުފަދަ ތަކެތި މޫދަށް އަޅާ މަންޒަރު ފެނެއެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، އެކަމަކީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމެއް ކަމުގައި ބުނަމުންނެވެ.

އޭދަފުށީ ކައުންސިލުން މޫދަށް ކުނި އަޅާ ފޮޓޯތައް ވައިރަލްވުމާ ގުޅިގެން ކައުންސިލްގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން، އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ، ކައުންސިލުން މޫދަށް އަޅަނީ ބަނދިގެތަކުން އުކާލާ ފަނާވަނިވި ކުނި ކަމަށެވެ. އަދި އެހެނިހެން ކުނިތައް އުކަނީ ރަށުގެ ކުނި ގޮނޑަށް ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މޫދަށް މިއަޅަނީ ބަދިގޭން އުކާލާ ކުނި ކޮތަޅުފަދަ ތަކެތި. ބައެއް ފަހަރު މިފަދަ ކުނި ކޮތަޅުތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި ދަޅުފަދަ ތަކެތި ހިމެނޭ. އަޅުގަނޑުމެންގެ މުވައްޒަފުން ވަރަށް ބަލާ އެފަދަ ތަކެތި ވަކިކުރުމަށްވެސް ކުނި އުކާލުމުގެ ކުރިން. ނަމަވެސް އަޅުގަނޑުވެސް ގަބޫލު ކުރަން ބައެއް ފަހަރު ޕްލާސްޓިކް ކޮތަޅާއި ދަޅުފަދަ ތަކެތި މޫދަށް އުކާލެވޭކަމަށް،" އޭނާ ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ، އެގޮތަށް އެކަން ވިޔަ ނުދިނުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އުކާލާ ކުނިކޮތަޅުގެ ތެރެއަށް ޕްލާސްޓިކް ކޮތަޅާއި ދަޅުފަދަ ތަކެތި ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގައި ބުނާގޮތުން ރަށްރަށުގެ ފަޅުތެރެއާއި ހޭޅިފަށަށް އެއްވެސް ޒާތެއްގެ ކުންޏެއް އެޅުމަކީ މަނާކަމެކެވެ.

ތޮލާލް ވިދާޅުވީ، ބަނދިގޭން އުޅޭލާ ކުނިވާ ޒާތުގެ ކުނި މޫދަށް އެޅުމަކީ މަނާކަމެއްކަން ކުރިން އެނގިފައި ނުވާ ކަމަށާއި އެންމެ ކުރީން ފެށިގެންވެސް އެރަށުގައި އަމަލު ކުރަމުން އަންނަނީ އެގޮތަށް ކަމަށެވެ.

އޭދަފުށީ ކައުންސިލުން މޫދަށް ކުނި އަޅާ މައްސަަލައާ ގުޅޭގޮތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް "ވަން"އަށް ވިދާޅުވީ، އެކަންތައް އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ފަނާވަނިވި ކުނީގެ ބައެއް ބާވަތްތައް ފިޔަވައި އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަށް އެޅުމަކީ މަނާކަމެއް ކަމުގައި ނައީމް ވިދާޅުވިއެވެ.

"ހަގީގަތުގައި އެއްވެސް ކަހަލަގެ ކުންޏެއް މޫދަށް އެޅުމަކީ މަނާކަމެއް. ބައެއް ހާލަތްތަކުގައި ފަނާވަނިވި ކުނި، މިސާލަކަށް މަހެއްގެ ބުރަކަށިގަނޑު ފަދަ ތަކެތި މޫދަށް އެޅިދާނެ. އެފަދަ ތަކެތި ނޫން އެއްވެސް ކުންޏެއް ފަޅުތެރެއަށް ވިޔަސް އަދި ކަނޑަށް ވިޔަސް ނޭޅޭނެ،" ނައީމް ވިދާޅުވިއެވެ.

އޭދަފުށީގެ ގޭބިސީތަކުގައާއި އެހެނިހެން ތަންތަކުގައި އުފެދޭ ކުނި، އުކާލަން މަހަކު 100ރ.ގެ ފީއެއް ނަގައެވެ. އަދި އަމިއްލަ ވިޔަފާރިތަކާއި އޮފީސް ކުންފުނި ފަދަ ތަންތަކުން ކުނި އުކާލުމަށް 200ރ އާއި 1000ރ އާ ދެމެދުގެ އަގެއް ނަގައެވެ.