ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަ ފުލުހުންނާއި އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
މާލޭގެ ގެސްޓު ހައުސްއަކަށް ކުޑަކުއްޖަކު ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅުނު ސިފައިންގެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވަނީ ސިފައިންގެ މީހެއް ކަމަށް ބުނާ ހަބަރެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެމްއެންޑީއެފުން ވަނީ އެ ވާހަކަ ދޮގުކޮށް، އެފަދަ ކަމެއް ނުހިނގާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. "ވަން" އަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވެސް ވަނީ އެފަދަ ކަމެއްގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން"އަށް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށާއި ސިފައިންގެ މީހަކު ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ، ސިފައިންގެ މީހެއްގެ ފަރާތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ސިފައިންގެ މީހަކު 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ބެލްކްމެއިލް ކުރިކަމުގެ ތުހުމަތުގައި މިދިޔަ ޖެނުއަރީ މަހު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.