ޚަބަރު

ޒީރޯ ޕްލާސްޓިކް ރަންގައި ބައިވެރިވާން އިތުރު ފަރާތްތަކުން އެދެމުންދާތީ އެފަރާތްތަކަށް "އޭ މަވެސް" ކިޓް ތައާރަފުކޮށްފި

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ ޒީރޯ ޕްލާސްޓިކް ދުވުމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބަންދުވީ އިރުވެސް ދުވުމުގައި ބައިވެރިވާން ބޭނުންވެގެން އިތުރު ފަރާތްތަކުން އެދެމުން ދިއުމާ ގުޅިގެން ލޭޓް އެންޓްރީސްތަކަށް ހާއްސަކޮށް "އޭ މަވެސް" ކިޓް، އެ ދުވުން އިންތިޒާމުކުރާ އައިސީއެސް މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

އައިސީއެސް މޯލްޑިވްސް އިން ކުރިން އިއުލާން ކޮށްފައިވާގޮތުން ދުވުމުގައި ބައިވެރިވުމުގެ މުއްދަތު ވަނީ މިދިޔަ މަހުގެ 30 އަށް ހަމަވެފައެވެ. މުއްދަތު ހަމަވުމުންވެސް ދުވުމުގައި ބައިވެރިވުމަށް އިތުރު ފަރާތްތަކުން އެދެމުން ދިއުމާ ގުޅިގެން ތައާރަފް ކުރެވުނު "އޭ މަވެސް" ކިޓްގެ އަގަކީ 360 ރުފިޔާ އެވެ. އެ ކިޓުގައި ޒީރޯ ޕްލާސްޓިކް ޓީޝާޓްގެ އިތުރުން ބިބް، މެޑަލް އަދި ފޮތި ކޮތަޅު ހިމެނޭ ކަމަށް އައިސީއެސް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

އައިސީއެސް މޯލްޑިވްސް އިން ބުނީ "އޭ މަވެސް ކިޓް"ގައި ވިއްކަނީ ލިމިޓެޑް ކިޓްތަކެއް ކަމަށާއި ކިޓް ގަންނަން ބޭނުންވާ ފަރާތްތަކުން އަވަހަށް ރަޖިސްޓަރީވުމަށް އެދޭ ކަމަށެވެ. މިއަހަރުގެ ދުވުން ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ޕްލާސްޓިކް ނޫން ގޮތެއް، ބެނެފިޓް އެމްވީ، ނޯޕްލާސްޓިކް މޯލްޑިވްސް އަދި ކްލީން މޯލްޑިވްސް ފަދަ އެންޖީއޯތަކުން ވަނީ އެންޑޯސްކޮށްފައެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 7:00 ގައި ބާއްވާ ދުވުމުގައި ބައިވެރިވުމަށް މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީކޮށްފައިވެއެވެ. ޒީރޯ ޕްލާސްޓިކް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މިއަހަރުގެ ދުވުމުގެ ކޯ ސްޕޮންސަރަކީ އައިލެންޑް އެޕްރަލްސް އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސްޓެލްކޯ، ސީކްރެޓް ޕެރެޑައިސް، ޕްރިމިއާ މޯލްޑިވްސް، ރޭޑިއަންޓް ހީޓް އަދި އެލިޔާއެވެ. އެޗްޑީސީން ދުވުން ހޯސްޓް ކޮށްފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. އަދި މީޑިއާ ޕާޓްނަރަކީ ޔެސް ޓީވީއެވެ.

އައިސީއެސް މޯލްޑިވްސް އިން ބުނީ ގުރޫޕްތަކުގެ ގޮތުގައި ދުވުމަށް ބައެއް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ އެޗްޑީއެފްސީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، ބަނިއަންޓްރީ ވައްބިންފަރު، ކްރޮސްރޯޑް، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ގިޔާސުއްދީން އިންޓަނޭޝަނަލް، މީރާ، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހޮޓެލް ޖެން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އަދި މޯލްޑިވްސް ބިޒްނަސް ސްކޫލް ހިމެނޭ ކަމަށެވެ.

ޒީރޯ ޕްލާސްޓިކް ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. އެންމެ ފުރަތަމަ އެ ދުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

އެ ދުވުމަކީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކޮށް ކުރިއަށްގެންދާ ދުވުމެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުން ވެސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކޮށެވެ.