ޚަބަރު

ސައީދު ވިދާޅުވަނީ ގައުމީ ރިޒާވް ހުލިވެއްޖެ ކަމަށް ލިޔެކިޔުމުން ފެންނަނީ އިދިކޮޅަށް

އަހުމަދު އައުފް އަބްދުލް ސަމަދު

ދިވެހި ދައުލަތުގެ ގައުމީ ރިޒާވް ހުލިވެއްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ވިދާޅުވި ނަމަވެސް، އެޔާއި އިދިކޮޅަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ދައުލަތުގެ ރިޒާވް ހުސްވެއްޖެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ރާއްޖޭގެ ބޭނުން ކުރެވޭ ރަސްމީ ރިޒާވްގައި ހުރީ 616.82 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި އެ އަހަރު ނިމުނު އިރު އެ އަދަދު ވަނީ 712.02 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

2019 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ބޭނުންކުރެވޭ ރަސްމީ ރިޒާވްގައި ހުރީ 752.97 މިލިއަން ޑޮލަރެވެ. އަދި މިއަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު ރަސްމީ ރިޒާވް ވަނީ 776.58 މިލިއަން ޑޮލަރަށް އިތުރު ވެފައެވެ.

އެހެންކަމުން ދައުލަތުގެ ތަފާސް ހިސާބުތަކުން ދައްކަނީ ދައުލަތުގެ ރަސްމީ ރިޒާވް ދަށް ނުވެ މަތިވަމުން އައިސްފައިވާ ކަމަށެވެ. މެންބަރު ސައީދު ކުރެއްވި ޓުވީޓުގައި ވަނީ އިގުތިސޯދު ހުއްޓި، ވިޔަފާރިތައް ބަނގުރޫޓު ވަމުން މިދަނީ ވެސް ހަމަ ކުރީ ސަރުކާރާ ހެދި ތޯ ސުވާލު އުފައްދަވާފައެވެ.

މެންބަރު ސައީދު މިގޮތަށް ޓުވީޓު ކުރެއްވީ، އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ސަރުކާރުން ހިންގުމަށް ނިންމުމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވި ވާހަކައެއް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެން އެޔަށް ރައްދުދެއްވުމުގެ ގޮތުންނެވެ. މިނިސްޓަރު ފައްޔާޒް އިއްޔެ ވިދާޅުވީ ކުރީގެ ސަރުކާރުގައި އެމްއޭސީއެލް ޓާމިނަލް އަމިއްލައަށް ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެތަން ޓީއެމޭއަށް ދިނުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ޓީއެމްއޭއަށް އެމްއޭސީއެލްގެ ޓާމިނަލް ދިގު މުއްދަތަކަށް ދިނުމުގެ ކަންކަން އެމްއޭސީއެލްގެ ކުރީގެ ބޯޑުން ކުރިޔަށް ގެންގޮސްފައި ވަނީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އެގޮތަށް ބޭނުންވެވަޑައިގެން ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު ވެސް ވަނީ ވިދާޅުވެފަ އެވެ.