ޚަބަރު

ތާރީހީ ބަދަލެއް: އަމީނިއްޔާ ސްކޫލުގެ އިސް މަގާމުތަކަށް ފިރިހެން ކުދީން، ކެޕްޓަން ކަމަށް ވެސް ފިރިހެން ކުއްޖެއް!

މަރިޔަމް ޝަހުދާ

އަމީނިއްޔާ ސްކޫލުގެ 75 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ސްކޫލުގެ އިސް މަގާމުތަކަށް ފިރިހެން ކުދީން ހޮވިއްޖެ އެވެ.

އަމީނިއްޔާ ސްކޫލުގެ ސްޓޫޑަންޓް ކައުންސިލާއި ހަވާލުވެ ހުންނެވި ލީޑީން ޓީޗަރު އައިމިނަތު އައްޒަ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ ދިގު ހަޔާތުގައި ފުރަތަމަ ފަހަރަށް އެސްކޫލުގެ އިސް މަގާމުތަކަށް ފިރިހެން ކުދިން ހޮވިފައިވާ ކަމަށެވެ. އެގޮތުން ސްކޫލުގެ އެންމެ އިސް ހަތަރު މަގާމުގެ ތެރެއިން ތިން މަގާމަކަށް ފިރިހެން ކުދިން ހޮވިފައިވާ ކަމަށް އައްޒަ ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުގެ އެންމެ އިސް ހަތަރު މަގާމަކީ ސްކޫލް ކެޕްޓަން، ޑެޕިއުޓީ ކެޕްޓަން، ގޭމްސް ކެޕްޓަން އަދި ޑެޕިއުޓީ ގޭމްސް ކެޕްޓަނެވެ. މީގެ އިތުރުން ދެން ކުދިން ހޮވަނީ ހައުސް ޕޯސްޓު ތަކަށެވެ.

އައްޒަ ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ ކެޕްޓަންގެ މަގާމަށް ހޮވިފައިވަނީ އެ ސްކޫލުގައި ގެރޭޑް 10ގައި ތައުލީމި ހާސިލް ކުރަމުން އަންނަ ދަރިވަރު މުހައްމަދު ޖޫދު ޖާވިޒް ކަމަށެވެ. އޭނާ މި މަގާމަށް ހޮވިފައިވަނީ އިއްޔެ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ހަތަކުން 10 އަކާއި ދެމެދުގެ ދަރިވަރުންގެ މެދުގައި ނެގި ވޯޓަކުން ކަމަށް އައްޒަ ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމަށް ހޮވިފައި ވަނީ އަހުމަދު މިޖްވާލް ނަވާޒް ކަމަށް އައްޒަ ވިދާޅުވިއެވެ. އަދި ސްކޫލުގެ ގޭމްސް ކެޕްޓަނަށް ހޮވިފައިވަނީ ޝަހުރު އަހުމަދު ކަމަށް އައްޒަ ވިދާޅުވިއެވެ.

ސްކޫލުގެ އެންމެ އިސް ހަތަރު މަގާމުގެ ތެރެއިން އަންހެން ކުއްޖަކު ހޮވިފައިވަނީ ހަމައެކަނި ސްކޫލުގެ ޑެޕިއުޓީ ގޭމްސް ކެޕްޓަންގެ މަގާމަށެވެ. އެއީ އާއިޝަތު ލުލްވާ ކަމަށް އައްޒަ މައުލޫމާތު ދެއްވިއެވެ.

އައްޒަ ވިދާޅުވީ އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ހައުސް ޕޯސްޓުތައް ފިޔަވައި ދެން ހުރިހައި ޕޯސްޓުތަކަށް ހޮވަނީ އެ ސްކޫލުގެ ގެރޭޑް 10ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުން ކަމަށެވެ. އަދި ސްކޫލުގެ އިސް މަގާމުތަކަށް ފިރިހެން ކުދިން ހޮވުނު މިއީ ފުރަތަމަ ފަހަރު ނަމަވެސް މިދިޔަ އަހަރު ސްކޫލުގެ ހައުސްތަކުގެ ޑެޕިއުޓީ ކެޕްޓަނުންގެ މަގާމު ފިރިހެން ކުދިން އަދާކޮށްފައިވާކަން އައްޒަ ފާހަގަ ކުރެއްވިއެވެ.