ރިޕޯޓް

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު މަގާމުން ދުރުކުރުމަށްފަހު ދެ ގަޑިއިރު ފަހުން އެ ނިންމުން ބާތިލުކޮށްފި

އައިދާ އަބްދުލް ހަކީމް

އެމްއޭސީއެލުން އަލަށް ތަރައްގީ ކުރި ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން، އެ ކުންފުނީގެ ފަރާތުން ޓީއެމްއޭއާ އެކު ހިންގި މުއާމަލާތްތަކުގެ ލިޔެކިޔުމުގައި ސޮއިކުރެއްވި ޖެނެރަލް މެނޭޖަރު ހުސެއިން ފަޒީލް އަދާކުރަމުންދިޔަ ވަޒީފާގެ ޒިންމާއިން ދުރުކޮށް މެމޯއެއް ފޮނުވުމަށް ފަހު، އޭގެ ދެ ގަޑިއިރު ފަހުން އޭނާ ހަމަ އެމަގާމުގައި ބަހައްޓައިފި އެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވައި ނެރުނު އިންޓާނަލް މެމޯގައި ބުނެފައި ވަނީ 19 ފެބްރުއަރީ 2020 އިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ މެނޭޖަރު މުހައްމަދު ހިޝާމް ކަމަށެވެ. ނަމަވެސް މެމޯ ނެރުނުތާ ދެގަޑިއިރު ފަހުން ނެރުނު ދަވަނަ މެމޯއެއްގައި ބުނެފައި ވަނީ 19 ފެބްރުއަރީ 2020 ދުވަހު ނެރެފައިވާ އިންޓާނަލް މެމޯ ބާތިލުކޮށްފައިވާ ވާކަމަށެވެ.

ޓީއެމްއޭގެ މައްސަލައިގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި، ބޯޑުގެ ދެ މެންބަރުން ވަނީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރައްވާފައެވެ. މިމައްސަލާގައި އެމްއޭސީއެލްގެ ގާނޫނީ ވަކީލު މަޒްލާން ރަޝީދު ވަނީ އާ ސީޕްލޭން ޓާމިނަލުގެ މުއާމަލާތުތަކުގައި ފަޒީލް ސޮއިކުރައްވާފައި ހުރި ސިޓީތަކުގައި ހިމެނޭ ބައެއް ކަންކަން ބޯޑަށް ނޭނގޭ ކަމަށް ކޮމިޓީގައި ވިދާޅުވެފައެވެ. އަދި އެ މުއާމަލާތްތަކުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށާއި، އެހެންކަމުން ޖިނާއީ ތަހުގީގަކަށް ޖާގަ ދޭން ޖެހޭ ކަމަށެވެ.

ސީޕްލޭން ޓާމިނަލުން ޖާގަ ދޭނެ އަގާއި މުއްދަތު ފަދަ މައުލޫމާތު ހިމެނޭ ސިޓީތަކުގައި ސޮއި ކުރައްވާފައިވަނީ އެކަމަށް މަޝްވަރާ ވެސް ނުކޮށް އޮއްވައި ކަން ބޯޑު މެންބަރު ޑރ. އިބްރާހިމް މަހްފޫޒް މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތަކުން ފާހަގަ ވެއެވެ. މަހްފޫޒް ވިދާޅުވީ އެކަހަލަ ކަމަކާ ބެހޭ ގޮތުން ބޯޑުގައި މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ. މަހްފޫޒް އަކީ ކުރީ ސަރުކާރުގައި ވެސް އެމްއޭސީއެލްގެ ބޯޑުގައި އިންނެވި ބޭފުޅެކެވެ.

އެމައްސަލައިގައި މާލިއްޔަތު ކޮމިޓީގައި ފަޒީލް ވިދާޅުވީ ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކުރެއްވި ކަމަށާއި ހުރިހާ ލިޔެކިޔުމެއްގައި ވެސް ސޮއިކުރެއްވީ އެކަމަށް ހުއްދަ ވެސް ލިބުމުން ކަމަށެވެ. ފަޒީލް ވަނީ އެނާ ކުރެއްވި މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތައް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވާފައެވެ. އަދި ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާކުރުމަށްފަހު އޭނާގެ ހުއްދަ ލިބުމުންކަމަށް ވެސް ފަޒީލް ވަނީ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.