ލޯކަލް ކައުންސިލް އިންތިޚާބު

ޕީޕީއެމްގެ ފަރާތުން އައްޑޫ މޭޔަރު ކަމަށް ލަތީފް

އައިދާ އަބްދުލް ހަކީމް

ކުރިއަށް އޮތް ލޯކަލ ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ މިއަދު އޭނާގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ. ލަތީފް ވިދާޅުވީ އައްޑޫގެ މޭޔަރަކަށް ވާދަކުރެއްވުމަށް ނިންމެވީ އައްޑުއަތޮޅަކީ އިގްތިސާދީގޮތުން ތަރައްގީ ކުރެވޭނެ ފަދަ ވަސީލަތްތައް ހުރި ސިޓީއެއް ކަމުން މިވީހާ ތަނަށް އައްޑުށް އަންނަން ޖެހޭ ތަރައްގީ އައިސްފައި ނުވާތީ ކަމަށެވެ. އަދި ލިބިވަޑައިގެންފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި އައްޑޫ ސިޓީ ތަރައްގީ ކުރެވިދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ލަތީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ތިން ކެންޑިޑޭޓަކު ޕްރައިމަރީގައި ވާދަކުރިއެވެ. އެއީ އަހުމަދު އަދުހަމް، އަލީ ނިޒާރު އަދި އަބްދުﷲ ސޯދިގެވެ. އައްޑޫ ސިޓީގެ މޭޔަރަކަށް މިދިޔަ ނުވަ އަހަރު ހުންނެވީ އަބްދުﷲ ސޯދިގެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލް އިންތިހާބުގައި އެންމެ ބޮޑު ދެ ޕާޓީން ހުރިހާ ސިޓީތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ކުރިމަތިލާން ނިންމައި އެކަން ވަނީ އިިއުލާނުކޮށްފައެވެ.