ދުނިޔެ

"ކަޓް، ކޮޕީ، ޕޭސްޓް" އީޖާދު ކުރި ކޮމްޕިއުޓާ ސައިންޓިސްޓް މަރުވެއްޖެ

މަރިޔަމް ޝަހުދާ

ކޮމްޕިޔުޓަރުގެ ދުނިޔެއަށް "ކަޓް، ކޮޕީ، ޕޭސްޓް'' ތައާރަފު ކުރި ކޮމްޕިއުޓަރު ސައިންޓިސްޓް، ލެރީ ޓެސްލާ މަރުވެއްޖެ އެވެ.

ޓެސްލާ މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ޓެކްނޮލޮޖީ އާއި ސައިންސް މެގަޒިން ގިޒްމޯޑޯ އިން ރިޕޯޓުކޮށްފައި ވެއެވެ. އޭނާ މަރުވެފައިވަނީ އުމުރުން 74 އަހަރުގައެވެ.

ޓެސްލާއަކީ ކޮމްޕިއުޓާ ސިސްޓަމްތައް ބޭނުންކުރާ މީހުންނަށް، ވީހާވެސް ފަސޭހަ ކަމާއެކު ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރު ކުރުމަށް މަސައްކަތް ކުރި މީހެކެވެ. އޭނާ ކޮމްޕިއުޓަރު ސިސްޓަމްތައް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 1960ގެ ކުރީކޮޅު ސިލިކޮން ވެލީގައެވެ.

ގިނަދުވަސްތަކެއް ވަންދެން ޓެސްލާ މަސައްކަތް ކުރި ޒެރޮކްސް ކުންފުނިންވެސް ވަނީ އޭނާ މަރުވުމާ ގުޅިގެން އޭނާގެ އަގު ވަޒަންކޮށް ޓުވީޓެއް ކޮށްފައެވެ. މަސައްކަތުގެ މާހައުލުގައި ގިނަބަޔަކަށް ފަސޭހަ ކަމާއެކު މަސައްކަތް ކުރެވެނީ ޓެސްލާގެ ސަބަބުން ކަމަށް ޒެރޮކްސް ކުންފުނިން ބުނެފައި ވެއެވެ.

ޒެރޮކްސް ކުންފުނީގެ ރިސާޗް ސެންޓަރުގައި ޓެސްލާ މަސައްކަތް ކޮށްފައިވަނީ 1973 އިން ފެށިގެން 1980ގެ ނިޔަލަށެވެ. "ޖިޕްސީ" ގެ ނަމުގައި ޓިމް މޮޓް އާއެކު ޓެސްލާ ތައްޔާރު ކުރި ވޯޑް ޕްރޮސެސާ ކަމަށްވާ "ކަޓް، ކޮޕީ، ޕޭސްޓް" ޓެސްލާ އީޖާދު ކޮށްފައި ވަނީ އޭނާ ޒެރޮކްސްގައި މަސައްކަތް ކުރި ދުވަސްވަރުއެވެ.

1980 އިން 1997 ވަނަ އަހަރާއި ދެމެދު ޓެސްލާ މަސައްކަތް ކޮށްފައިވަނީ އެޕަލް ކުންފުނީގައެވެ. އޭނާ ވަނީ އެކުންފުނީގެ އެކި މަގާމުތައް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ ކުންފުނީގެ ޗީފް ސައިންޓިސްޓުގެ މަގާމުގެ އިތުރުން އެޕަލް ނެޓްގެ ވައިސް ޕްރެސިޑެންޓުގެ މަގާމުވެސް އަދާކޮށްފައެވެ. މީގެ އިތުރުން އެޕަލް ކުންފުނީގެ ޕްރޮޑަކްޓުތައް އުފެއްދުމުގައި އޭނާގެ ހިއްސާ އޮންނަ ކަމަށް ގިޒްމީޑޯ އިން ރިޕޯޓުކޮށްފައި ވެއެވެ.

1997ގައި އެޕަލް ކުންފުނި ދޫކޮށް ޓެސްލާ ވަނީ "ސްޓޭގްކާސްޓް ސޮފްޓްވެއާ"ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުންޏަކީ ޕްރޮގްރާމިންގެ ކަންކަން ކުޑަކުދިންނަށް އުނގަންނައި ދިނުމަށް އެޕްލިކޭޝަންތައް ތައްޔާރުކުރާ ކުންފުންޏެކެވެ. މީގެ އިތުރުން ޓެސްލާ ވަނީ އެމޭޒަންގެ އިތުރުން ޔާހޫ އަދި "23އެންޑްމީ" ގައިވެސް މަސައްކަތް ކޮށްފައެވެ.