ސަރުކާރު

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އޮތީ ވިދާޅުވެފައި: ފައްޔާޒް

އަހުމަދު އައުފް އަބްދުލް ސަމަދު

3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދޭނެ ކަމުގެ ޔަގީންކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓީއެމްއޭ އަށް ދެއްވި ކަމަށް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގައި ނިންމައި، އެކަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގަ އެވެ.

އާ ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމުގައި ސަރުކާރުން ނިންމުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު ޓީއެމްއޭ އަށް އެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ފައްޔާޒް ނުދެއްވައެވެ.

އާ ސީޕްލޭން ޓާމިނަލު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސް، އެތަނުގެ ވިޔަފާރި ޕްލޭންތައް ހަދަމުން އައިސް، އެ މަޝްވަރާތަށް ރައީސް ޔާމީނުގެ ސަރުކާރުން އެމްއޭސީއެލާ އެކު ކުރިޔަށް ގެންދިޔަ އިރު، އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވީ މުހައްމަދު ސައީދު އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ މެންބަރު ސައީދަށް ތުހުމަތުކުރައްވައި މިމޭރުުން ވާހަކަދައްކަވާފައެވެ. އިލްޔާސް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް 31000 ސްކޮޔަމީޓަރު ދިނުމަށް އެމްއޭސީއެލުން އެއްބަސްވެފަައި ވަނީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މަޝްވަރާ ކުރެވިގެން ކަމަށެވެ.

ނަމަވެސް މެންބަރު ސައީދު ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ. އިލްޔާސް ލަބީބުގެ ވާހަކަތަކަށް ރައްދު ދެއްވައި މެންބަރު ސައީދު ޓުވިޓާގައި ވިދާޅުވީ އެއްވެސް ބުރަދަނެއް ނެތް ދޮގު ވާހަކަ ނުފަތުރައި ފުނޑެމުންދާ އިގުތިސާދާއި ނެތިދާ ވިޔަފާރިތައް ހަމަ މަގަށް އަޅުވަން ސަރުކާރު އަވަސް ވާން ޖެހޭ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭ އަށް ދިނުމަށް ޓީއެމްއޭ އާއި އެމްއޭސީއެލާއި ދެމެދު ދެކެވެމުން އައި ވާހަކަތައް ހުއްޓުވައި އެތަން ހިންގާނީ އެމްއޭސީއެލްގެ ދަށުން ކަމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.