ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ވަނީ މިރޭ 12:00 އިން ފެށިގެން އަމަލު ކުރަން ފަށައިފައެވެ.
އެކަމާއި ގުޅިގެން އެޓާނީ ޖެނެރަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މާދަމާ ގައުމު ހިމާޔަތްކުރުން ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން 66 މެމްބަރުންގެ ވޯޓުން ފާސްކުރީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާ އާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.
ކުޑަކުދިންގެ ގާނޫނަށް ގެނެސްފައިވާ އެންމެ މުހިންމު އިސްލާހުތަކުގެ ތެރޭގައި ވެކްސިން ދިނުން ލާޒިމު ކުރުމާއި ކުޑަކުދިންނަށް ކައިވެނިކޮށް ނުދިނުމާއި ކުޑަކުދިންނަށް މަރުގެ އަދަބު ނިނުމާއި ކުޑަކުދިން ގުރޫމް ކުރުމަކީ ކުށެއް ކަމާއި ކުއްޖަކަށް ނުރައްކާވާ ހާލަތުގައި ކޯޓު އަމުރެއް ނެތި އެތަނަކަށް ވަދެވޭނެ ކަމުގެ އިތުރުން ކުއްޖާ ދައުލަތަށް ނަގާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންކަން ބަޔާންކޮށްފައިވެއެވެ.