ރިޕޯޓް

އާމިރާ: ރާއްޖޭގެ ކަނޑުއަޑީގެ ކެޕްޓަން، 3000 ޑައިވާ އެކު ދުނިޔޭގެ ރެކޯޑާ ދިމާއަށް

އަލީ ޔާމިން

1

ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖާ ސަބްމެރީނަކީ މީގެ 19 އަހަރު ކުރިން ހިދުމަތަށް ނުކުތް ވޭލް ސަބްމެރިން މޯލްޑިވްސްގެ "ވޭލް ސަބްމެރިން"އެވެ. އެ ސަބްމެރިންއަކީ މުޅި ދުނިޔެއަށް ބެލިކަމުގައި ވިޔަސް އެންމެ ޖާގަ ތަނަވަސް އަދި އެންމެ ފުނަށް ޑައިވްކުރާ ސަބްމެރިންތަކުގެ ތެރޭގައި ހިމެނޭ އެއް ޓޫރިސްޓް ސަބްމެރީނެވެ. ފާއިތުވި 19 އަހަރު ދުވަހުގެ ތެރޭގައި ވޭލް ސަބްމެރިނުން ވަނީ 10،000 ވުރެ ގިނަ ޑައިވުގައި 350،000 މީހުނަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ދައްކާލައި، ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައެވެ. ހުއްޓުމެއް ނެތި އަދިވެސް ވޭލް ސަބްމެރިނުން އަންނަނީ އެތައް ބަޔަކަށް ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ދައްކައިދެމުންނެވެ.

އެތައް ބައެއްގެ އިތުބާރާއެކު ވޭލް ސަބްމެރިނަށް އެހާ ގިނަ ދުވަހު ހިދުމަތުގައި ދެމިއޮވެވުނު އެންމެ ބޮޑު ސަބަބަކީ އޭގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތެވެ. އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވޭލް ސަބްމެރިންގެ އިސްވެރިން ވަޒަން ކުރާކަމީ އުފަލާއެކު އެ މުވައްޒަފުން ފާހަގަކުރާ ކަމެކެވެ. އެ ދާއިރާގައި ކުރިއެރުމަށް އެ މުވައްޒަފުންނަށް ފުރުސަތު އެބައޮތެވެ. އެކަން ސާބިތުކޮށްދީފައި މިވަނީ ވޭލް ސަބްމެރިން މޯލްޑިވްސްގައި ފާއިތުވި 18 އަހަރު މަސައްކަތް ކޮށް، މިއަދު ވޭލް ސަބްމެރިންގެ ޗީފް ޕައިލެޓްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އައިޝަތު އާމިރާއެވެ. އާމިރާއަކީ ރާއްޖޭގައި ހުރި ހަމައެކަނި އަންހެން ސަޕްމެރިން ކެޕްޓަނެވެ. އޭނާ އަކީ މިއަދު ދުނިޔޭގެ ރެކޯޑެކޭވެސް ބުނެވިދާނެއެވެ. އެގޮތުން އާމިރާ އަކީ ވޭލް ސަބްމެރިންގެ 10،000 ޑައިވްގެ ތެރެއިން 3،000 ޑައިވްކުރިއިރު ސަބްމެރިން ދުއްވި ޕައިލެޓެވެ. މި އަދަދާއެކު އާމިރާ ހިމެނިގެން ގޮސްފައި ވަނީ މުޅި ދުނިޔޭންވެސް އެންމެ ގިނަ ސަބްމެރިން ޑައިވްކުރި އަންހެން ކެޕްޓަނުން ނުވަތަ ޕައިލެޓުންގެ ތެރޭގައެވެ.

ވޭލް ސަބްމެރިން މޯލްޑިވްސް މިހާރު ވަނީ އާމިރާގެ 3،000 ވަނަ ޑައިވާއެކު އޭނާގެ ނަން ގިނިސް ވޯލްޑް ރިކޯޑްގައި ހިމެނުމަށް ހުށަހަޅާފައެވެ. އަދި އާމިރާއަށް އެ ރެކޯޑް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވޭލް ސަބްމެރިންގައި މަސައްކަތް ކުރާ ސީނިއާ ބޭފުޅުން ދެކިލައްވައެވެ. ވޭލް ސަބްމެރިންގެ ވެރިޔާ އުމަރު ނަސީރުވެސް ހުންނެވީ އެ އުންމީދުގައެވެ. އާމިރާ ބުނެފައިވާ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑްގައި އޭނާގެ ނަން ހިމެނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީވެސް އުމަރެވެ.

"ވަން" އަށް މައުލޫމާތު ދެމުން އާމިރާ ބުނީ އޭނާ ފުރަތަމަ އެ ދާއިރާއަށް ނުކުތީ އަންޑަވޯޓާ ހޮސްޓެސްއެއްގެ ގޮތުގައި ކަމަށެވެ. އެއިރު ސަބްމެރިނެއް ދުއްވާލުމުގެ ފުރުސަތު ލިބި ވަކިން ހާއްސަކޮށް ދުނިޔޭގެ ރެކޯޑެއް މުގުރާލެވިދާނެ ކަމަށް އާމިރާ އެއްވެސް ވަރަކަށް އުންމީދެއް ނުކުރެއެވެ.

"އާމިރާ އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން ދުނިޔޭގެ ރެކޯޑަކާ ހަމައަށް އާދެވޭނެ ކަމަކަށް. އެއްވެސް ވަރަކަށް ޓާގެޓް ކޮށްގެނެއް ނޫން. ދެން އެސް އަ ޕައިލެޓް، ކޮންމެ ދުވަހަކު ޑައިވް ކުރަން ޖެހޭތީ ޑައިވް ކުރަނީ. ވަކި ޓާގެޓެއް އެޗީވް ކުރާކަށެއް ނޫން. ތެދަށް ބުނަންޏާ އާމިރާއަކަށް ނޭނގެ އެއީ ރެކޯޑެއް ކަމެއްވެސް." 3000 ވަނަ ޑައިވާ ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން އާމިރާ ބުންޏެވެ.

ކެޕްޓަން އާމިރާ ވޭލް ސަބްމެރިން މޯލްޑިވްސްގައި މަސައްކަތްކުރާތާ 18 އަހަރުވެފައިވާއިރު، ލައިސަސް ހޯދައިގެން ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާތާ މިހާރުވަނީ 10 އަހަރުވެފައެވެ.

އާމިރާ ބުނި ގޮތުގައި ފާއިތުވި 10 އަހަރުގެ ކޮންމެ ދުވަހަކީވެސް ބުރަ އެހެންނަމަވެސް ހިތްހަމަ ޖެހޭ ދުވަހެކެވެ. ސަބަބަކީ ކޮންމެ ދުވަހަކު ކަނޑު އަޑީގެ ހިތްގައިމު މަންޒަރު ހަމަ ލޮލުން ދެކިލާ އެ މަންޒަރު އެތައް ބަޔަކަށް ދައްކައިދިނުމުގެ ބުރަ މަސްއޫލިއްޔަތު އުފުލޭތީއެވެ. ވޭލް ސަބްމެރިންގެ ހިދުމަތް ހޯދާ 99 އިންސައްތައަކީ ފަތުރުވެރިން ކަމަށް ވާއިރު، ފަތުރުވެރިކަމުގެ ސީޒަންގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތަރު ދަތުރު ކުރަން ޖެހޭ ކަމަށް އާމިރާ ބުނެއެވެ.

"މިއީ ވަރަށް އެކްސްޓްރާ އޯޑަނަރީ ޖޮބެއް. ދުނިޔޭގެ ވަރަށް މަދު ބަޔަކަށް މިދާއިރާގައި އުޅެވޭނީ. ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު މާހައުލެއް މިއީ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި ދާއިރާގައި ޓޫރިސްޓުން ގޮވައިގެން ކަނޑުއަޑިއަށް ގޮސް އެ މީހުން އެކަމާ ހިތްހަމަ ޖެހި، އެމީހުންނަށްވެސް އެ ވަރަށް ޔުނީކް އެކްޕީރިއެންސަކަށްވެ އެލިބޭ ހިތްހަމަ ޖެހުން" އާމިރާ ވަޒީފާއާ މެދު ދެކޭ ގޮތް "ވަން"އަށް ކިޔާދެމުން ބުންޏެވެ.

އާމިރާ ބުނި ގޮތުގައި ސަބްމެރިންގެ ޕައިލެޓަކަށް ވުމުގެ ޝައުގުވެރިކަން އުފެދުނީ ވޭލް ސަބްމެރިންގައި މަސައްކަތް ކުރަން ފެށިފަހުންނެވެ. އެއިރު އާމިރާއަށް ސަބްމެރިން އަކީ އޮންނަ އެއްޗެއް ކަމެއްވެސް ނޭނގެއެވެ.

"މިތާ ވޯކް ކުރަމުން އިންޓަރެސްޓް އުފެދުނީ. ޖޮއިން ކުރި އިރު ނެތް އެއްވެސް ވަރަކަށް ސަބްމެރިން ޕައިލެޓަކަށް ވުމުގެ ޝައުގުވެރިކަމެއް. ޖޮއިންކުރިއިރު އާމީރާއަކަށް ނޭނގޭ ސަބްމެރީނަކީ އޮންނަ އެއްޗެއް ކަމެއްވެސް. މިތަނަށް އަންނަ ގިނަ ދިވެހިންނަށްވެސް އަސްލު ނޭނގޭނެ ސަބްމެރިންއަކީ ކޮބާ ކަމެއް." ޕައިލެޓަކަށް ވުމަށް ޝައުގުވެރިކަން އުފެދުނު ގޮތް "ވަން"އަށް ކިޔައިދެމުން އާމިރާ ބުންޏެވެ.

އާމިރާގެ ފަރާތުން އަދުގެ ޒުވާނުންނާއި ހާއްސަކޮށް އަންހެން ކުދިންނަށް އޮތީ ވަރަށް ހާއްސަ އަދި މުހިންމު މެސެޖެކެވެ. އާމިރާގެ ނަޒަރުގައި ކާމިޔާބީއަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫނެވެ. އަދި ހިތްވަރާއެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެ ކަމަށް އާމިރާ ގަބޫލު ކުރެއެވެ.

"ދޭން ބޭނުންވާ މެސެޖަކީ، ނަސޭހަތަކީ ޑެޑިކޭޝަންއާ ހާޑްވޯކްއާ އެކީގައި ކޮންމެ ކަމެއްވެސް އެޗީވް ކުރެވޭނެއޭ. އަދި ކިތަންމެ އިމްޕޮސިބަލް ކަމެއް ވިޔަސް މަސައްކަތް ކުރުން އޮންނާނީ. އަންހެނަކަށް ވާތީ ވަރަށް ބައިވަރު އޮބްސްޓިކަލްސް އަންނާނެ. އަދި ހާއްސަކޮށް މިކަހަލަ އެންވަޔަރުމެންޓެއްގައި މަސައްކަތް ކުރާއިރު، ކަނޑުމަތީގައި މަސައްކަތް ކުރުމަކީވެސް ފަސޭހަކަމެއް ނޫން. އެކަމަކު އޮބްސިކަލްސްއާ ލައިގެންވެސް ތިބާގެ އަމިއްލަ ނަފްސަށް ޕްރޫވްކޮށް ދޭށޭ ތިމާއަށް މިކަން ވާނެކަން" އާމިރާ ބުންޏެވެ.

ކަނޑުގެ 50 ފޫޓު އަދި 100 ފޫޓާއި 120 ފޫޓު އަޑިޔަށް އެވްރެޖުކޮށް ކޮންމެ ދުވަހަކު އާމިރާ ދެ ޑައިވް ކުރެއެވެ. އާމިރާގެ މާލިމީކަމުގައި އެތައް ބަޔަކު ކޮންމެ ދުވަހަކު ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް ލޮލުން ދެކި އަތުން ހިފަމުންދެއެވެ.

3،000 ޑައިވާ ހަމައިން އާމިރާގެ ކަނޑުއަޑީގެ ދަތުރެއް ނުނިމެ އެވެ. އަދި ވެސް އޮތީ ކުރިޔަށެވެ. ރާއްޖޭގެ ހަގީގީ ރީތިކަން މީހުންނަށް ދައިކައިދީގެން އެ ލިބޭ އުފާވެރިކަމުން މަހުރޫމުވުމަކަށް އާމިރާ ބޭނުމެއް ނުވެ އެވެ.