ޚަބަރު

އެކްސަސައިޒް "ދޯސްތީ 14" އަންނަ ހޯމަދުވަހު ފަށަނީ

މުހައްމަދު އައުޒަމް

ރާއްޖެއާއި އިންޑިއާގެ އިތުރުން ސްރީލަންކާ ގުޅިގެން ކުރިޔަށް ގެންދާ ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 14" އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.

1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި ރާއްޖޭގެ ކޯސްޓްގާޑް ގުޅިގެން ކުރިޔަށް ގެންދާ އެކްސަސައިޒް ދޯސްތީ ގައި ސްރީލަންކާ ބައިވެރިވާން ފެށީ 2012 އިން ފެށިގެންނެވެ.

މިއެކްސަސައިޒްގައި އިންޑިއާގެ ކޯސްޓްގާޑްގެ ޗީފް ރާޖެންދުރަ ސިންގް ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. "ދޯސްތީ 14" ގައި އިންޑިއާގެ އެންމެ ޒަމާނީ މަނަވަރުތަށް ބައިިވެރިވާނެއެވެ. އެގޮތުން އޮފްޝޯ ޕެޓްރޯލް ވެސަލް އައިސީޖީއެސް ސަމަރްގެ އިތުރުން ފާސްޓް ޕެޓްރޯލް ވެސަލް އައިސީޖީއެސް އަރްޔަމަން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއިން "ދޯސްތީ 14" ގައި ބައިވެރިވަނީ އެގައުމުގެ ކޯސްޓްގާޑް ވެސަލް އެސްއެލްސީޖީ ރަކްޝަރއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖެއިން "ދޯސްތީ 14" ގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ކޯސްޓްގާޑް ޝިޕް ހުރަވީއެވެ. ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ހުރަވީ ވަނީ އޯވަރހޯލް ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ރާއްޖެ ގެނެސްފައެވެ. ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ވަނީ ފަހުގެ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ.

މިއެކްސަސައިޒް އަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގުސަދުގައި ބާއްވާ ފަރިތަކުރުންތަކެކެވެ.