ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން: 8

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ: އަބްދުﷲފާރޫގުޙަސަން

ޣައިރު އިސްލާމީ ނިޒާމަކާ ރުހިއްޖެމީހަކީ މަގުއޮޅި މަގުފުރެދިއްޖެމީހެކެވެ.

އަރަހުށިމާތްﷲ ވަހީކުރައްވައިފައިވެއެވެ.

"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު މުއުމިން ފިރިހެނަކަށްވެސް، އަދި މުއުމިން އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރުއޮތުމަކީ ނެތްކަމެކެވެ. ފަހެ ﷲއަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ (ދަންނާށެވެ.) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ." (އަލްއަހްޒާބު : 36 )

އިސްލާމީ ޝަރީއަތުގެ ޤާނޫނުތަކަކީ ރީއްޗަކަށް ފޮތުގައި ލިޔެފައި ބަހައްޓަންޖެހޭ އެއްޗެއްސެއް ނޫނެވެ. ނުވަތަ އެއީ ހަމައެކަނި ހަވާސާއަށް ލާންޖެހޭ ޤާނޫނުތަކެއް ވެސް ނޫނެވެ. މުސްލިމު އެއްވެސް ޤައުމެއްގައި މުސްލިމުންގެ ޢަދުލުވެރި ޤާނޫނު ތަންފީޒުނުވާނަމަ އެކަމަށްޓަކައި މަސައްކަތް ކުރުމަކީ ޝަރްޢުވެވިގެންވާ ކަމެކެވެ. އެހެންކަމުން މާތްﷲ ބާވައިލެއްވި ގޮތާ ޚިލާފު އެއްވެސް ޤާނޫނެއް ހިންގުންވާނީ ކުށެއްކަމުގައެވެ.

"އަދި ﷲ ބާވައިލެއްވި ހުކުމުން ހުކުމް ނުކުރާމީހާ (ދަންނާށެވެ.) ފަހެ، އެއުރެން އެއީ ހަމަ އަނިޔާވެރީންނެވެ." (އަލްމާއިދާ : 45 )

ކީރިތި ޤުރްއާނަކީ މުސްލިމުންނަށް މަގު ދައްކާ ފޮތް ކަމުގައިވާހިނދު އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަޔާތްޕުޅަކީ އެންމެހައި މުސްލިމުންނަށްޓަކައި ރިވެތި ނަމޫނާއެއް ކަމުގައިވާ ހިނދު އަދި އަލް ޚުލަފާއުއްރާޝިދޫންގެ އަދުލުވެރި ވެރިކަމަކީ ފަނާރެއް ކަމުގައްޔާއި ސަނދެއްގެ ދަރަޖައިގައިވާ ކަމެއްކަމުގައިވާހިނދު ވެރިކަމާއި، ސިޔާސަތާއި އަޚުލާޤާއި މުއާމަލާތަކާއި މިހުރިހައިކަމެއްވެސް އިސްލާމީ ގިއުގަނޑަށް ފެއްތުން ލާޒިމުވެއެވެ. އެބައެއްގެ އަތުގައި ވެރިކަމުގެ ލަގަން އޮތްމީހުން އިސްލާމީ ޤާނޫނުތައް ތަންފީޒުނުކޮށް އިސްލާމީ ޝަރީއަތް ބޮލާލައިޖަހައި ފުރަގަހަށް އެއްލައިލައިފިނަމަ އެވަގުތަކާ ލާއިގުވެގެންވާ ގޮތެއްގެ މަތީން އެކަމާ ދެކޮޅަށް މަސައްކަތް ކުރުން ލާޒިމުވާނެއެވެ. ވެރީން އިހްތިސާބުކުރާން ޖެހޭނެއެވެ. އެގޮތުން ކުރެވޭ މަސައްކަތް ކާމިޔާބުވެއްޖެނަމަ ޙިކުމަތްތެރިކަމާއެކު ޤައުމުގައި ޝަރީއަތުގެ ޤާނޫނުތައް ހިންގާންވާނެއެވެ.

އިސްލާމީ ތާރީޚުގައި ހަނީފީދީނުގެ ޝަރީއަތުގެ ރަމްޒުތައް ދެނެވަޑައިގަންނަވާ އިމާމުން ސިޔާސަތާއި ވެރިކަމުގެ ފެންވަރުގައިވެސް އިސްލާމްދީނުގެ ހުކުމްތަކާއި އިސްލާމީ ރިވާޔަތްތަކާ ފޭއަށް ޖެހިވަޑައިގަންނަވާ ކަށެއް ގަބޫލެއް ނުކުރައްވައެވެ. ހަމައެކަނި ޣައިރު މުސްލިމުންގެ ޣަސްބުން ވެރިވެގަތުމެއްނޫނެވެ. މުސްލިމުންގެ ޣައިރު އިސްލާމީ ވެރިކަމުގެ ކުރިމަތީގައިވެސް އެބޭކަލުންގެ މޭފުޅުތައް އައްޑަނަކޮޅުތަކަކަށް ހެއްދެވިއެވެ. އެބޭކަލުންގެ އިސްތަށިފުޅު މައްޗަށް ލޭގެ ރާޅުތައް ހޮޅިލައިފައި މުގުރިއެވެ. ނަމަވެސް އެބޭކަލުން ޣައިރު އިސްލާމީ ގޮތްތަކެއް ޤަބޫލުފުޅެއްނުކުރެއްވިއެވެ. އަލްއިމާމު ޙުސައިން ބިން ޢަލީ އާއި ޢަބްދުﷲ ބުނުއްޒުބައިރު (ރަޟިޔަﷲ ޢަންހުމާ) އިންފެށިގެން ސައްޢިދު އަހްމަދު ޝަހީދު ބުރޭލަވީ އާ ހަމަޔަށް ވެސް ލިޔުއްވައިފައިވަނީ ޖިހާދާއި، ހިތްވަރުފުޅާއި ސާބިތުކަމުގެ މެދުކެނޑުމެއްނެތް ދާސްތާންތަކެވެ. މިޒަމާނުގެ ވަރަށް ގިނަ އިސްލާމީ ތަހްރީކުތަކަކީވެސް އެބޭކަލުންގެ އީމާންކަމުގެ ޣީރަތާއި ހިތްވަރުފުޅު ވާރުތަކުރައްވައިގެން ތިއްބެވި މުޖާހިދުންގެ ތަހްރީކުތަކެވެ. މާތްﷲ އަށް ބިރުވެތިވެ ވަޑައިގަންނަވާ އާލިމުންނަކީ މަގާމަށްޓަކައި ހެޔޮއަގުގައި ދީންވިއްކެވި ބައެއްނޫނެވެ.

ޝައްކެއްނެތެވެ. މުސްލިމުންގެ ތެރޭގައި ދީނާއި ސިޔާސަތުގެ ވަކިކޮށް ނުލެވޭފަދަ ގުޅުމެއްގެ އެންމެ ފުރިހަމަ ނަމޫނާއެއް ފެންނާން އޮތީ ޚިލާފަތުއްރާޝިދާގެ ނިމުމާ ހަމަޔަށެވެ. އެދައުރުގެ ނިޔަލަށްވެސް އެއްފަރާތުން ދާޚިލީފެންވަރުގައި އީމާންކަމުގެ ހޫނުކަން އަނެއްފަރާތުން ޚާރިޖީފެންވަރުގައި ސިޔާސީ އިޖްތިމާއީ ރޭވުންތެރިކަމާއި އިންތިޒާމު އެކުވެ އެކަތިގަނޑަކަށްވެފައި އޮތެވެ. ނަމަވެސް އޭގެފަހުގެ ގަރުނުތަކުގައި ނިޒާމުގެ އެކަތިގަނޑަކަށްވުން ދެމިއެއްނެތެވެ. ނަބަވީމަންހަޖުގައި ޚިލާފަތު ދެމިގެން އައިސްފައެއްނުވެއެވެ. ނަމަވެސް އޭގެފަހުންވެސް ދުވަސް ދުވަސްކޮޅުން އައީ ޚިލާފަތުއްރާޝިދާގެ ނަމޫނާ ފެންނަމުންނެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ނަބަވީ މަންހަޖުގައި ޚިލާފަތު ގާއިމު ކުރަން ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ހިފުމެވެ.

ވަރަށްގިނަ ދުވަސްތަކެއްވަންދެން މުސްލިމުންގެ ތެރޭގައި ޢިބާދަތާއި އަޚްލާޤުގެ ތަޢުލީމާއި ތަރުބިޔަތު ދެއްވަމުން ގެންދަވައިފައިވަނީ ވެރިކަމާއި ސަރުކާރުގެ ބާރުވެރިކަމުން މަހްރޫމުވެ ވަޑައިގެން ތިއްބެވި އާލިމުންނެވެ. އެބައެއްގެ މުށުތެރޭގައި ވެރިކަމުގެ ލަގަނާއއި އާރާއި ބާރު އޮތް މީހުންނަކީ ރައްބާނިއްޔަތާއި އަޅުކަންކުރުމާއި، ރޫޙާނިއްޔަތުގެ ނަމޫނާ ބައެއްނޫނެވެ. ނަތީޖާއަކީ ވަރަށް ގިނަ ބައެއްގެ ސިކުނޑި ތަކުގައި ދީނާއި ދުނިޔެ ވަކިކުރުމުގެ ތަސައްވުރު އުފެދުމުގެ މަގުފަހިވުމެވެ. ބައެއްމީހުންގެ ނަޒަރުގައި ދީނީ ވެރިކަން ގާއިމުކުރުމުގެ މަސައްކަތަކީ ދީނާ ޚިލާފުކަމެއް ކަމުގައިވުމެވެ. މި ފިކުރީ ތަހްރީފުގެ ތާރީޚީ އަދި ނަފުސިއްޔާތީ ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އައްލާމާ ސައްޔިދު ސުލައިމާނު ނަދުވީ ލިޔުއްވައިފައިވެއެވެ.

"ޢިލްމުވެރީން އެތައްދުވަހެއް ވަންދެން ދުނިޔަވީ މަސައްކަތްޕުޅުތަކުން އެކަހެރިވެވަޑައިގެން ތިއްބެވުމާއި ސޫފީން ޚާނުގާހުތަކުގައި ފޮރުވިވަޑައިގެން ތިއްބެވުމުގެ ސަބަބުން އާއްމުންނަށް ޔަޤީންވީ ވެރިކަމާއި ސިޔާސަތުގެ ތެރެޔަށް ވަނުމާއި އެކަންކަން ރާވައި ތަދުބީރުކުރާންއުޅުމަކީ ދުނިޔަވީ ކަމެއް ކަމުގައެވެ. ޢިލްމުވެރީންނާއި ތަޤްވާވެރީން ތިއްބަވާން ވާނީ އެކަންކަމާ ދުރުހެލިވެވަޑައިގެންކަމުގައެވެ." (ސީރަތުއްނަބިއްޔު،ޖިލްދު : 7 ސަފުޙާ : 142 )

ވަރަށްގިނަ އޮރިއެންޓަލިސުޓުންވެސް ވަނީ އެބޭކަލުންގެ މުޠާލިއާގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ޙަޤީޤަތްތަކަށް އިޢުތުރާފުވެ ވަޑައިގެންފައެވެ. "އިސްލާމަކީ ދީނާއި ދައުލަތެވެ." ޑޮކްޓަރ ބީ.މެކްޑޮނަލްޑާއި ސަރ ތޯމަސް އާނަލްޑާއި ޕްރޮފެސަރ ގިބުފަދަ ވަރަށް ގިން އޮރިއެންޓަލިސްޓުންވަނީ މި މޭރުމުން އިސްލާމްދީން ސައްޙަގޮތެއްގައި ތަރުޖަމާކުރައްވައިފައެވެ. އިސްލާމީ ނިޒާމަކީ ދީނާއި ދައުލަތުގެ މަޖްމޫޢާ އެއްކަމުގައިވިދާޅުވެފައެވެ.

ދީނާއި ސިޔާސަތު ވަކިކުރުމުގެ މައުޟޫހުގައި މިޒަމާނުގެ އިސްލާމީ މުޅި އުންމަތް ޤަބޫލުކުރާ އަދި އިޙުތިރާމް ކުރާ ދީނީ ޢިލްމުވެރިޔާ އަދި މުސްލިމު މުފައްކިރު މައުލާނާ ސައްޔިދު އަބުލްޙަސަން ޢަލީ ނަދުވީގެ އަންނަނިވި ބަޔާންވިދާޅުވުން އެދެމެވެ. އެބަޔާނަކީ މިމައުޟޫގައި ސަނަދެއްގެ ދަރަޖަލިބިފައިވާ ބަޔާނެކެވެ.

"އަޅުގަނޑާ ބެހޭގޮތުން ނުހަނު ސަރީޙުކޮށް ބުނަމެވެ. އަޅުގަނޑަކީ ހަޔާތުގެ އެއްވެސް މަރްހަލާއެއްގައި އެއްވެސް އިރެއްގައި ދީނާއި ސިޔާސަތު ވަކިކުރަން ހިނދުކޮޅަކަށްވެސް ތާއީދު ކުރިމީހެއް ނޫނީމެވެ. އަދި އަޅުގަނޑަކީ މިޒަމާނުގެ އިންސާނީ ހަޔާތުގެ ހުރިހައި ނިޒާމުތަކަކަށާއި، ހުރިހައި ތައްގަނޑުތަކަކަށާއި ހުރިހައި ސޮސައިޓީތަކަކަށް (އެނިޒާމެއް ނުވަތަ ތައްގަނޑެއް އިސްލާމްދީނާ ކިތަންމެ ބީރައްޓެހި ކަމުގައިވިޔަސް) އިސްލާމްދީން ފައްތަން ދީން ތަޢުބީރު ކުރާ މީހުންގެ ތެރެއިން ވެސް ވާ މީހެއް ނޫނީމެވެ. އަދި އަޅުގަނޑަކީ ސިޔާސަތަކީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާ ޚަބީޘު ގަސްފަދަ އެއްޗެއް ކަމުގައި ބެލިމީހެއްވެސް ނޫނެވެ. އަޅުގަނޑު ހުންނާން ބޭނުންވަނީ އިސްލާމީ އުންމަތުގައި ސައްޙަ ސިޔާސީ ޝުޢޫރު އުފައްދަން މަސައްކަތްކުރާމީހުންގެ ވެސް އިސްސަފުގައެވެ. ކޮންމެ އިސްލާމީ ޤައުމެއްގައި ވެސް ސާލިޙު އިސްވާރުންތަކެއް އުފައްދަން މަސައްކަތްކުރާމީހުންގެ ވެސް އިސްސަފުގައެވެ. އަޅުގަނޑަކީ ދީނަށް ސިޔާސީވެރިކަން ލިބި ސަރުކާރުގެ ނިޒާމު އިސްލާމީ ބިންގަލުގެމަތީގައި އާރާސްތުނުކުރެވޭ ހައިހިނދަކު ސާލިހު ދީނީ މުޖުތަމައެއް ނުއުފެދޭނެކަން ޤަބޫލުކުރާ މީހުންގެ ވެސް އިސްމީހަކީމެވެ. އަޅުގަނޑުގެ އެންމެފަހު ނޭވަޔާ ހަމަޔަށްވެސް އަޅުގަނޑު ދެމިހުންނާނީ މިގޮތުގައެވެ." (ނަޔާޠޫފާން އައުރެ އިސްކާ މުގާބަލާ، ސަފްޙާ : 33، 32 )

އިސްލާމީ ޝަރީއަތުގައި އިމާމަތާއި ޚިލާފަތު (އިސްލާމީވެރިކަން) ޤާއިމުކުރުމަކީ ވާޖިބެކެވެ. ޢައްލާމާ އިބްނުޙަޒަމް އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ އަލްފަސްލު ބައިނަލް މިލަލިވައްނަހްލި މިފޮތުގެ ހަތަރުވަނަ ޖިލްދުގައި ސަރީހުކޮށް ލިޔުއްވައިފައިވެއެވެ. "މިއީ ސުންނަތް ޖަމާއަތުގެ އެންމެންނާއި ހުރިހާ މުރްޖިއާ އިންނާއި، ހުރިހައި ޝީއީންނާއި ހުރިހާ ޚަވާރިޖުން ވެސް އެއްބަސްވާކަމެކެވެ."