ޕްރޮފެސަރ މުހުސިން ޢުޘްމާނީ ނަދުވީ
ތަރުޖަމާ: އަބްދުﷲފާރޫގުޙަސަން
"އިސްލާމީ ދަޢުވަތުގެ އަސްލު މަޤްސަދަކީ ރަސްކަމެއް ގާއިމުކުރުންކަމަށާއި ޢަޤީދާ އާއި، ޝަރީޢަތާއި ހުކުމްތަކަކީ ހަމައެކަނި ތަމްހީދެއް ކަމަށް ދޭހަވާ އެންމެ އަކުރެއްވެސް އިސްލާމީ ޢިލްމުތަކުގެ މުޅި ދަފްތަރުގައިވެސް ނުވެއެވެ. އަދި ކީއްތޯއެވެ؟ ދީނުގެ އަސްލު ބޭނުމަކީ ޝަރީއަތާއި ޙައްޤުތަކާއި ވާޖިބުތަކެވެ. ނަމަވެސް ސާލިހު ވެރިކަމެއް އުފެއްދުމަކީ މުސްލިމުންނަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. ހިތްފަހިކަމެކެވެ. މާތްﷲގެ އަމުރުފުޅުތަކަށް ފަސޭހައިން ޢަމަލީ ސިފަގެނައުމަށްޓަކައެވެ. އެހެންކަމުން ވެރިކަމާއި ސަރުކާރަކީ ވެސް މުސްލިމުންނަށް ކޮންމެހެން ބޭނުންވާ މުހިއްމު ކަމެކެވެ. (ސީރަތުއްނަބިއްޔު، ޖިލްދު: 7 ސަފުޙާ: 6 )
މި މައުޟޫޢުގައި ޚިޔާލުފާޅު ކުރައްވަމުން ސައްޔިދު ސުލައިމާން އަދިވެސް ލިޔުއްވައިފައިވެއެވެ. "މި ދުނިޔޭގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ބޮޑެތި ނިއުމަތްތަކުގެ ތެރެއިން އެއް ނިއުމަތަކީ ވެރިކަމާއި ރަސްކަމެވެ. ދުނިޔޭގެ ސިޔާސަތެވެ. ފޮތާއި ސުންނަތަށްފަހު ދެން އަންނަނީ އެކަމުގެ ދަރަޖައެވެ." (ސީރަތުއްނަބިއްޔު ޖިލްދު : 7 ސަފުޙާ : 5)
އިސްލާމްދީނުގައި ވެރިކަމާއި ހުކޫމަތުގެ މުހިންމުކަމުގެ ބޮޑުކަން ވިސްނައި ވަޑައިގަންނަވާށެވެ. އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެ އެކަލާނގެ މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަޔަށް ވަނީ ވެރިކަމާއި ރަސްކަމަށް އެދިވަޑައިގެން ކުރައްވާނެ ދުއާފުޅެއް ދަސްފުޅުކޮށް ދެއްވައިފައެވެ. އެދުއާފުޅު ދަސްފުޅުކޮށްދެއްވީވެސް ހިޖްރައިގެކުރީންނެވެ. އެކަމުން އެނގެނީ ވެރިކަން ލިބުމުގެކުރިން އެކަމަށް ޝައުގުވެރިވުމާއި އެކަމަށްޓަކައި މަސައްކަތްކުރުމަކީ ކުށެއްނޫންކަމެވެ. އެހެނީ އެކަމަކަށް ހިތްއެދޭ ހުއްދަ ކަމަކަށްޓަކައި ދުޢާކުރެވިދާނެއެވެ. އެކަމަކަށް އެދި މަސައްކަތް ވެސް ކުރެވިދާނެއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ދުޢާފުޅުކުރެއްވީ އަންނަނިވި އިބާރަތުންނެވެ.
"އަދި ނަސްރު ދެނިވި ބާރެއް އިބަރަސްކަލާނގެ ޙަޟުރަތުން މިއަޅާއަށްލައްވާނދޭވެ!" (އަލްއިސްރާރު " 80).
އެހެންކަމުން ވެރިކަމާއި ހުކޫމަތަށް އިސްކަން ނުދިނުމާއި، އެކަން އަދައިގެން މަސައްކަތްކުރުމުން ދުރުވެގަތުމަކީ އިސްލާމްދީނުގެ މިޒާޖާ އެއްގޮތް ކަމެއްނޫނެވެ. ފާހިޝްކަމާއި އުރެދުމުގެ ސައިލު ހުއްޓުވައި އަދުލުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ވެރިކަމަށް އެދުމާއި ބާރުހުރި ދައުލަތެއްގެ ޙިމާޔަތާއި ތާއީދު ލިބިފައިވާ މީހަކު ކަމުގައިވާން އެދުމަކީ އިސްލާމްދީނުގެ މިޒާޖާ މުޅީން އެއްގޮތްކަމެކެވެ. އެހެނީ ކުރީންވެސް ބަޔާން ކުރަމުން އައިސްފައިވާ ފަދައިން ހަމައެކަނި ހަނދާން ކޮށްދިނުމާއި ނަސޭހަތްތެރި ވުމަކުން ދުނިޔެ އިސްލާޙެއް ނުވާނެއެވެ. އެކަމަށްޓަކައި ތަންފީޒީ ބާރުގެ އެހީތެރިކަމާއި ޤާނޫނީ ބާރަށް ބޭނުންވެއެވެ. އެހެންކަމުން އަމީރުލް މައުމިނީން އުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު ގެ ބަސްފުޅެއްކަމުގައްޔާއި އަމީރުލް މައުމިނީން ޢުޘްމާން ރަޟިޔަﷲ އަންހުގެ ބަސްފުޅެއް ކަމުގައްޔާއި މިދެގޮތަށްމެ ރިވާޔަތްތަކުގައި އައިސްފައިވާ ބަސްފުޅެއްގައިވެއެވެ.
"އަރަހުށި މާތްﷲ ޤުރްއާނުގެ ޒަރީއާއިން މަނާ ނުކުރެއްވޭ އެތައް ކަންތައްތަކެއް ސަރުކާރުގެ ބާރު މެދުވެރިކުރައްވައި މަނާކުރައްވައެވެ."
ކަންޒުލް ޢުއްމާލުގައިވާ ޙަދީޘްފުޅަކުން މިކަންވަކީން ސަރީހުކޮށް އޮޅުންފިލައިފައެވެ. "އިސްލާމް އާއި ސުލްޠާނަކީ ނިބޫދެބޭންފަދައެވެ. އެދެބޭންނަށް އެކަކު އަނެކަކާ ނުލައެއް ނުއުޅެވެއެވެ. އިސްލާމަކީ އިމާރާތެއްކަމުގައިވާނަމަ ސަރުކާރަކީ އެއިމާރާތުގެ ފާރަވެރިޔާ ފަދައެވެ. ބިންގަލެއްނެތްނަމަ އިމާރާތް ވެއްޓިދާނެއެވެ. ފާރަވެރިޔަކު ނެތްނަމަ އިމާރާތް ލޫޓުވައިލެވިދާނެއެވެ." (ކަންޒުލްޢުއްމާލު)
ވަރަށްވެސްފާޅުކަން ބޮޑު ހަޤީޤަތެކެވެ. އިސްލާމީ ތާރީޚަކީ ވެރިކަމާއި ދީނުގެ ބައިވެރިވުމުގެ ތާރީޚެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައި ވަނީ މައްކީ ދައުރަކާއި މަދަނީ ދައުރަކާ ތަފާތުގެ ދެ ދައުރެއް އެކުލެވިފައެވެ. އެމާތް ސާހިބާގެ ބަރަކާތްތެރި ޒާތުފުޅުގައިވަނީ ނުބުއްވަތާއި އިމާމަތު (އަމީރުކަން) އެކުވެ އެކައްޗަކަށްވެފައެވެ. އައްލާމާ ސައްޔިދު ސުލައިމާން ނަދުވީގެ އިބާރަތުން ދަންނަވާނަމަ އެއިން އެއްކަމެއް އަނެއްކަމަކާ ވަކިކުރުމަކީ މަސްގަނޑުން ނިޔަފަތި އުފުރުން ފަދަ ކަމެކެވެ. އިސްލާމްދީނުގައި ހަނގުރާމަ ކުރުމަށާއި ޖިހާދުކުރުމަށްފާޅުގައި ދައުވަތު ދެވިފައިވާކަމަކީވެސް ޙަޤީޤަތެކެވެ. އެކަމަށްވަނީ ދުނިޔެއާއި އާޚިރަތުގެ ނިއުމަތްދެއްވަން ވައުދުކުރައްވައިފައެވެ.
"އަދި ﷲގެ މަގުގައި ޖިހާދުކުރުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ޖިހާދުކުރާށެވެ. (އުންމަތްތަކުގެ ތެރެއިން) އެކަލާނގެ ތިޔަބައިމީހުން ޚިޔާރު ކުރެއްވިއެވެ. އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވައެވެ." (އަލްހައްޖު : 78 )
ވެރިކަން (ރަސްކަން) ލިބުމަކީ އިއްޒަތެއްކަމުގައްޔާއި ރަސްކަން (ވެރިކަން) ނިގުޅައިގަނެވުމަކީ ނިކަމެތިކަމެއް ކަމުގައި ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވައިފައެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެ ވޮޑިގެންވާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަންވަކި ކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަ ކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހައި ހެޔޮކަންވަނީ އިބަރަސްކަލާނގެ ޔަދުގުދުރަތްފުޅުގައެވެ. (އާލުޢިމްރާން : 26)
އަރަހުށިމާތްﷲ އެކަލާނގެ ނިއުމަތްތަކުގެ ވާހަކަ ބަޔާން ކުރެއްވުމުގައި ނުބުއްވަތާއި ހިދާޔަތަށްފަހު ބަޔާންކުރައްވައިފައިވަނީ ވެރިކަމާއި ރަސްކަމުގެ ވާހަކައެވެ.
"ފަހެ ހަމަކަށަވަރުން އިބްރާހީމުގެފާނުގެ އާލުވެރީންނަށް ފޮތާއި ޙިކްމަތް ތިމަން ރަސްކަލާނގެ ދެއްވީމެވެ. އަދި ބޮޑުވެގެންވާ ވެރިކަމެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ." (އައްނިސާއު : 54)
މޫސާޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
"އަދި މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ﷲ ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ އެކަލާނގެ ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެތެރެއިންބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ." (އަލްމާއިދާ : 20)
މިމާތް އާޔަތުގައި ވެރިކަން ތަޢުބީރު ކުރައްވައިފައިވަނީ ނިއުމަތެއްގެ ގޮތުގައެވެ. ހަމައެފަދައިން ވެރިކަން ނިގުޅައިގަނެވުމާއި އަޅުވެތިކަމުގައި ދިރިއުޅޭންޖެހުމަކީ މާތްﷲގެ ކޯފާގެ އަލާމަތެކެވެ. ޔަހޫދީންގެ މައްޗަށް އިލާހީކޯފާ ބާވައިލެއްވުމުން އެބައިމީހުން ވެރިކަމުން ދުރުކުރެއްވިއެވެ. އަޅުވެތިވެ ނިކަމެތިވިއެވެ. އެކަން ދެފަހަރަކަށް ތަކުރާރުވިއެވެ. އެންމެ ފުރަތަމަ ފަހަރު ބާބިލުގެ ރަސްގެފާނު ބުޚުތު ނުއްޞަރުގެ އަތުންނެވެ. ދެވަނަފަހަރު ރޫމީންގެ އަތުންނެވެ. ޝައްކެއްނެތެވެ. ވެރިކަން ބީކުރެއްވުމަކީ ދުނިޔެމަތީގައި މާތްﷲ ބާވައިލައްވާކޯފާއެކެވެ. ޢަޒާބެކެވެ. އިސްރާއީލުގެ ދަރިކޮޅު މީހުންގެ މައްޗަށް ދެފަހަރަށް މިގޮތަށް ކޯފާ ފޮނުއްވިކަމަށް ކީރިތި ޤުރްއާނުގައިވަނީ އަންގަވައިފައެވެ. ވެރިކަމުން އެއްކިބާ ކުރެއްވުމުގެ ސިފައިގައެވެ. (އަލްއިސްރާއު : 7 - 4 )
އިސްލާމްދީނާއިގެން އެކިޒަމާންތަކުގައި ވަޑައިގެންނެވި ނަބީބޭކަލުންނަކީ އެބޭކަލުންނަށް ބިންމަތީގައި ގަދަކަން ދެއްވުމާއި ނަސުރުވެރިކުރެއްވުމުގައި ޚާއްސަ ކަމެއް ލިބިވަޑައިގެން ތިއްބެވި ބޭކަލުންނެވެ.
އިސްލާމީ ދައުލަތްތަކަކީ އެދައުލަތްތަކުގެ މިޒާޖާއި މަޤްސަދުގައި ދުނިޔަވީ އެހެނިހެންވެރިކަމާއި ދައުލަތަކާ ތަފާތު ދައުލަތްތަކެކެވެ. އެހެނިހެން ރަސްރަސްކަން ޤާއިމުކުރިމީހުން އެކަންކުރީ ދުނިޔެ ފަތަހަކުރުމަށާއި ދައުލަތްފުޅާ ކުރުމަށެވެ. ވެރީން އަރާމާއި ޢައިޝުގައި ދިރިއުޅުމަށެވެ. ނަމަވެސް ޙަޤީޤީ އިސްލާމީ ވެރިކަމުގެ މަޤްޞަދަކީ މާތްﷲގެ އަޅުތަކުން އަނިޔާއިން ސަލާމަތްކުރުމެވެ. ހެޔޮކަންތައް ފަތުރައި އާއްމުކުރުމެވެ. މުންކަރާތްތައް ހުއްޓުވައިމަނާކުރުމެވެ. އަނިޔާއާއި ފާހިޝުކަމާއި ބަދުއަޚްލާޤީ ކަންތައްތައް ނިމުމަކަށް ގެނައުމެވެ. އިސްލާމްދީން އެދީނުގެ ޙަޤީޤީ ރީތިކަމާއި ފުރިހަމަކަމާއި ރަހްމަތާއެކު ފަތުރައި އާއްމު ކުރުމެވެ.
ބިމުގެ އެއްވެސް ކަންކޮޅެއްގައި އިސްލާމްދީނުގެ އިޖްތިމާއީ ގާނޫނުތައް ތަންފީޒުކުރެވޭފަދަ މަގާމެއްގައި މުސްލިމުންގެ ބަޔަކަށް ތިބެވޭ ގޮތްވެއްޖެނަމަ އެގާނޫނުތައް ހިންގައިލުމަކީވެސް މުސްލިމުންގެ ވާޖިބެކެވެ. ވެރިކަމެއް އިސްލާމީވެރިކަމަކަށްވާނީ އެތަނެއްގައި މުސްލިމުންގެ އަޣުލަބިއްޔަތެއް ދިރިއުޅުމަކުންނެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެތަނެއްގައި އިސްލާމީ ހުކުމްތައް ހިންގައިލެވިގެންނެވެ. އެތަނެއްގައި މުސްލިމުން ތިބި އަދަދެއްގެ ނިސްބަތަކުން ބަލާއިރު އިސްލާމީ ރިޔާސަޔަތެއް ގާއިމު ކުރެވޭ ފަދަ ޙައިޘިއްޔަތެއްގައި މުސްލިމުން ތިބިކަމުގައިވާނަމަ މުސްލިމު ރިޔާސަތެއް ގާއިމުކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. އެފަދަ ހާލަތެއްގައި ޣައިރު އިސްލާމީ ހުކުމްތަކަށް އަމަލުކުރުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަރަހުށިމާތްﷲ އަމުރުކުރައްވައިފައިވަނީ މިފަދަންނަވާގޮތަށެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން ކިޔަމަންތެރިކަމުގެ ތެރެޔަށް (އެބަހީ: އިސްލާމްދީނަށް) ވަންނާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! އެހެނީ ހަމަކަށަވަރުން އެޝައިޠާނާއަކީ ތިޔަބައިމީހުންނަށްހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ." (އަލްބަޤަރާ : 208)
(ނުނިމޭ)